"އަހަންނަށް ކެތެއް ނުކުރެވޭނެ. ހިތް ހަލާކުވާވަރުވޭ. ހީކުރީ އެހިތާމައިން އަރާގަނެވޭނެކަމަށް. އެކަމަކު......މަގޭ މި ނުކިޔަމަންތެރި ހިތް. ކޮންޓްރޯލެއް ނުކުރެވުނު.....އައިމް ޑެމޭޖްޑް. މިއަށްވުރެ މަރުވުން މާރަގަޅު.........................." އަރްސަން މޭޒުމަތީ އުޅަބޮށި ޖެއްސިގޮތަށް މޫނު ދެއަތުން ފޮރުވިއެވެ. އޭނަ ރޮނީކަން އެނގި ޖިބްރީލްވެސް ފެންކަޅިވިއެވެ. އަރްސަންފަދަ ހިތްވަރުގަދަ ޒުވާނަކު މިގޮތަށް ކަރުނަ އަޅާ ރޯނީ ކިހާވަރެއްވީމަކަން އެނގުނެވެ. ހަމްދަރުދީއާއި ރަހުމް ހިތަށްވަދެ އަރްސަން ގައިގާ ބައްދާލެވުނު ގޮތަށް އަރްސަންގެ ކަރުނަތަކުން ޖިބްރީލްގެ ޓީޝާޓު ތެމުނެވެ.

އަރްސަންފަދަ ޒުވާނަކު މިގޮތަށް ކެތްނުކުރެވިގެން ރޯނީ ހިތަށް ކިހާވަރުވީމަކަން އޭނައަށް އަންދާޒާ ކުރެވުނެވެ. އެކުވެރިއެއް އަދި ބޭބެއެއްގެ ހައިސިއްޔަތުން ކޮށްދެވެން އޮތް ކޮންމެކަމެއް އޭނަ ކުރާނެއެވެ.

ހަވީރު ޖިބްރީލްއާއި އަޔާޒު ކޮފީއަކަށް ހޮސްޕިޓަލުގެ ކެފެޓީރިއާގައި ތިބިއިރު ބޮޑަށް ދެކެވެމުން ދިޔައީ ޖިބްރީލްއާއި ޝައުން ސްޕެޝަލައިޒްވާން ފުރަން އުޅޭތީ އެވާހަކައެވެ. އޮޕަރޭޝަން ޑޮކްޓަރުން އެނބުރި އަންނާނީ އޮންކޮލޮޖިސްޓުންގެ ގޮތުގައެވެ. އެމީހުން ނެތުމުން ފަޅުކަން އިހުސާސްކުރެވި ބަލިމީހުންނަށްވެސް ލިބޭ ގެއްލުމަކަށްވާނެ ކަމުގައެވެ. ނަމަވެސް ކިޔަވައިގެން އެނބުރި އައުމުން ކެންސަރުބަލީގެ މީހުންނަށް އުއްމީދަކަށް ވާނެކަން ގައިމެވެ.

"އަޔާވެސް މެރީކުރަން ދޯ ތިއުޅެނީ؟ " ޖިބްރީލް ކުއްލިއަކަށް ކުރި ސުވާލުން އަޔާޒު ސިހުނެވެ.

"ފުރަތަމަ ރަގަޅު އަންހެންކުއްޖަކާ ދިމާވީމައެއްނު ތިކަމާ ވިސްނޭނީ. އެއަށްވުރެ ލައިފް ކޮމްޕްލިކޭޓެޑް..." އަޔާޒް ހީލިއެވެ. މީހަކާއި އިނުމުގެ ޚިޔާލެއް އޭނަގެ ނެތެވެ. އަލުން އެފަދަ ހިތި ތަޖުރިބާއަށް ކުރާނެ އަޒުމެއް އަދި ނެތީއެވެ.

"އަދާއާއި ގުޅުމެއް އޮތް ވާހަކަ އެހިން..." އެވާހަކަ ދައްކަން ޖިބްރީލްވެސް ޖެހިލުންވިއެވެ.

"އަދާ..އެއީ ކާކު" އަޔާޒު ބުމަ ކައިރިކޮށްލިއެވެ.

"ސީރިޔަސްކޮށް ނޭގުނު؟" ޖިބްރީލްއަށް އަޔާޒް އެހާ މޮޅަށް އެކްޓްކުރަން އެގޭނެކަމަަކަށް ހިޔެއް ނުކުރެއެވެ. ދަންނަމީހަކަށްވެސް ނެހެދީއެވެ.

"މްްްމްމް.....އެނގިއްޖެ. ތިބުނީ އާލިޔާގެ އެކުވެރިކުއްޖެއްގެ ވާހަކަ ދޯ. އޭނަ އެގެއަށް އާދޭ. އަހަންނަކާ އެއްވެސް ގުޅުމެއްނެތް. މުޅިންވެސް ބޭސްލެސް ރޫމާސް. އެކަހަލަ ވާހަކަތައް ދައްކައިގެން މީހަކަށް ލިބެނީވެސް ކޯންޗެއް؟ އަހަރެންގެ ގާތު އަދާ މިންކާ މަލްހާ އަދިވެސް އާލިޔާގެ އެކުވެރިން އާލިޔާއެކޭ ތަފާތެއްނެތް. ލައިކް މައި ޑޯޓާސް...." އަޔާޒު ވަގުތުން އެކަމާ ދެކޮޅުހެދިއެވެ. އިތުރަށް ކޮންނާކަށް ޖިބްރީލްގެވެސް ޚިޔާލެއްނެތެވެ. ސަބަބަކީ އަޔާޒުގެ މިޒާޖާއި އުޅުން ދަސްވެފައިވާތީއެވެ. ސަމާސާއަކަށްވެސް އަޔާޒު މިވީހާތަނަށް ދޮގެއް ހަދާފައެއްނުވެއެވެ. ވީއިރު އަރްސަންގެ ގާތުގައި އެވާހަކަދެއްކި މީހަކު އޮޅުވައިލީއެވެ. ވީޑިއޯއާއި އެއްޗެހިވެސް އެޑިޓްކުރެވިދާނެއެވެ.

***

އާލިޔާ ކޮޓަރިއަށް ވަނުމުން މިންކާ އޭނަގެ އަތުގައި އޮތް ފޮޓޯދެއްކިއެވެ.

"އާލިޔާ. މިއީ ކާކު؟" މިންކާގެ ހިތް ތެޅެމުން ދިޔައީ އާދަޔާ ޚިލާފު ބާރުމިނެއްގައެވެ. އާލިޔާ ބުނާ އެންމެ ޖުމްލައަކުން އޭނަގެ ދުނިޔެއަށް ޒަލްޒަލާއެއް އަތުވެދާނެއެވެ.

"މަންމަ....." އާލިޔާ މަޑުމަޑުން އެ ފޮޓޯ އަތުލާފައި ފޮތުގެ ތެރެއަށް ލިއެވެ. މިންކާއަށް ހީވީ އެ ޖުމްލައާއެކު އޭނަގެ ހިތްވެސް ފައިތިލަދަށަށް ފުންމާލިހެންނެވެ. އެހާ ހުސްކަމެއް އިހުސާސްކުރެވުނެވެ. ގަނޑުވެފައިވާ ބުދެއްހެން އޭނަހުރިކަން އާލިޔާއަށް އިހުސާސް ނުކުރެވުނީ އެވަގުތު މާމަ ވަދެފައި ކޮންމެވެސް ވާހަކަތަކެއް ދައްކަން ފެށުމުންނެވެ. އޭނަ ބޭޒާރު ނުވީ މާމައާއި ހެދިއެވެ. މިންކާ ލިބުނު ދަނޑިވަޅުގައި ދުމެއްޖެހިހެން އެކޮޓަރިން ބޭރަށް ދެމިގަތެވެ. ގެއިން ނިކުތްއިރު ވާރޭ ބޯކޮށްލައިފިއެވެ. އެވާރޭތެރޭ އޭނަ ހިގަމުން ދިޔައިރު ވާރޭގެ ސައިލެއްހެން ލޮލުންވެސް ކަރުނަ އޮހެމުން ދިޔައެވެ. ގެއަށްވަންގޮތަށް ތެތް އެއްޗެއްސާއެކު އެނދަށް ޖެހިގަނެގެން ކަންނޭލުގައި ބައްދައިގަތީ ބާރަކަށެވެ. އޭނައަށް އަދިވެސް އާލިޔާ އެބުނި ވާހަކައިގެ ތެދު ގަބޫލުކުރަން ފަސޭހައެއް ނޫނެވެ. ނަމަވެސް އާލިޔާގެ ވާހަކަ އަޖުމަ ބަލައިލަން ހަދައިގެންވެސް އޭނައަށް ލިބޭނީ ލަނޑެކެވެ. ރޭ އޭނަގާތު ބައްޕަ ދެއްކި ވާހަކަތަކުން މިއިން ޒަމާނެއްގައި ހިތަށް ނުލިބޭވަރުގެ އުފަލެއް ލިބުނެވެ. އޭނަ ބައްޕަގާތު ޝަކުވާކުރީ އެއްވެސް މީހަކު އޭނަދެކެ ލޯބިނުވާކަމަށެވެ. ބައްޕަބުނީ އޭނަގެ ހުރި ހަމައެކަނި ޕްރިންސެސްއަކީ މިންކާކަމުގައެވެ.

މިހާރު ވާން މިއުޅެނީ ކިހިނެއް ހެއްޔެވެ؟

އާލިޔާގެ އަތުގައި އޮތް ފޮޓޯގައި ހުރީ އެހެން ދެވަނަ މީހެއް ނޫނެވެ. އޭނަގެވެސް މަންމައެވެ. ނޫނީ މަންމަގެ އެއްމާބަނޑު އަންހެނެކެވެ. އޭނަގެ މަންމަގެ ނަމަކީ ހަރީރާއެވެ. އާލިޔާގެ މަންމައަކީ ހިރާއެވެ.

އޭސީގެ ފިނިކަމާއެކު ތެމިގެން އޮތުމުން ހީކަރުވައިގެން ކިނބިހިއެޅެން ފެށިއެވެ. ހުން ވައްތަރުވެލައިފިއެވެ.

"އަހަންނަށް މާ ރަގަޅު މަރުވިޔަސް......"މިންކާ ކިޔާލިއެވެ."ނޫން ނޫން މިހެން ވެގެންނުވާނެ. އާލިޔާގެ ސަބަބުން ތެދުމަގު ފެނިފެނި އޮވެފައި ކަނޑައެޅިގެން ކުފުރު މަރަކުން މަރުވެ ނަރަކައަށް އެއްލިގަންނާކަށް ނުވާނެ. ކެތްތެރިވޭ. ކެތްކޮށްލައިގެން ކުރިއަށް ދޭ...."

މިންކާ ތެދުވެ ތެތް އެއްޗެހި ބަދަލުކޮށްލައިފިއެވެ.

ބޮޑުކޮޓަރީގައި ބައްޕައާއި ދޮންމަންމަ ޓީވީ ޕްރޮގްރާމެއް ބަލަން ތިއްބެވެ. އަފްރީނާ ދުވަހަކު ނަމާދުކުރިތަނެއް ގުރުއާން ކިޔެވިތަނެއް އޭނަ ނުދެކެއެވެ. މިގޭތެރެއިން ގުރުއާންގެ އަޑު ކަންފަތުގައި ޖެހުނިއްޔާ އެއީ ހުވަފެނެއްގައެވެ. ދީނާ ދުރުމީހުން އުޅުނަސް މިވަރުކަމެއް އޭނަ ނުދެކެއެވެ. މިގޭގައި ބަރަކާތް ލައްވާނީ ކިހިނެއްހެއްޔެވެ؟ ބަރަކާތްތެރިި ރަމަޟާންމަހުގައިވެސް އިނގިރޭސި ޑްރާމާތަކުގެ އަވައިގާ ޖެހިފައި ވިއްޔާއެވެ. ފިނިވެފައިވާތީ ހޮޓް ޗޮކްލެޓެއް ތައްޔާރުކޮށްލަން ކާކޮޓަރިއާއި ދިމާލަށް ހިނގައިގަތްއިރު މަހުދީވެސް ސިޑިން ފައިބައިގެން އައީއެވެ.

"ބުޅިބޯ ކޮންތާކަށް.." މަހުދީ އެހިއެވެ.

"ކޮފީއެއް ހަދައިދެންތަ؟ ވާރެއާއި ތެމިގެން ގެއަށް އައީމަ ފިނިހިފާފައި މިހިރީ.." މިވަގުތަކު ޒުވާބުކޮށް ހަގުރާމައަކަށް ދާނެ ހިތްވަރެއް މިންކާ ގަޔަކު ނެތެވެ.

ދެމީހުން ހޫނު ބުއިންތަކާއިއެކު ތަރާވީސްދަން ކުރަން މޭޒުދޮށުގައި ޖައްސައިލިއެވެ. އިސްރާފުވެފައި އެތައް ބާވަތެއްގެ އެއްޗެއް މޭޒުމަތީ ހުއްޓެވެ. މިރޭ ބައްޕަމެންގެ އެކުވެރިން ނާންނަ ރެއަކީއެވެ. މަހުދީވެސް ކޮފީއަކަށް ބޭރަށް ނުދާ ރެއަކީއެވެ. މިކަހަލަ ރެއެއް މަދުވާނެއެވެ. ތޫފާނީ ރެއަކަށްވީމަ މަހުދީގެވެސް މޫޑުނެތީކަމަށް މިންކާ ނިންމިއެވެ.

"ދޮންބެ......"މިންކާ ކަރުކެހިލިއެވެ. އެވާހަކަ ދާނެ މިސްރާބެއް ނޭގޭތީ މަންމަގެ ނަން ކިޔަންވެސް އޭނަ ބިރުގަތެވެ.

"މަންމަ މަތިން ދޮންބެ ހަދާނެއްނުވޭތަ؟ "

"ކުޑަކޮށް..ކީއްކުރަން މަންމަގެ ނަން ކިޔަންވީކީ. އަހަރެމެން ކުޑައިރު ދޫކޮށްލީ. ބައްޕަ ދޫކޮށްލާފައި އެހެން މީހަކާއެކު ފިލައިގެން ދިޔައީ. އެފަހުން މަންމަ ދުނިޔެދޫކުރި ކަމުގައިވަނީ. ވީމަ އެވާހަކަ ދެއްކުމުގެ މާނައެއް ނެތެއްނު. ކުއްލިއަކަށް ތިވާހަކަ އެހި ސަބަބެއް ބުނެބަލަ. ހަމަ ހުރެފަކަ ނާހާނެ ދޯ. ކިހިނެއްވީ......." މަހުދީ އުލުން ޕިއްޒާކޮޅެއް ނަގައިގެން އަނގަޔަށް ލިއެވެ.

"މަންމަގެ އާއިލާ އެނގޭތަ؟ " މިންކާގެ ހިތުގައި ފިނި ރާޅެއް ޖަހާލައިފިއެވެ.

"އެނގޭކަށް ބޭނުމެއްވެސް ނޫން. އަހަރެމެންނަށްޓަކާ އެމީހުން މަރުވެއްޖެ. އެމީހުން ބައްޕައާއި މަންމަ ކައިވެނިކުރަން ގަބޫލުނުވީމަ މަންމަ ފިލައިގެން އައިކަމުގައިވަނީ. އެމީހުން މަންމަ ޑިސްއޮވްން ކުރީ. އެމީހުންގެ ދަރިއެއް ނޫނޭ ބުނީ. މިންކް މާޒީގެ ސަފުހާތައް އަލުން ހުޅުވުމަކީ ޕެންޑޯރާ ބޮކްސް ހުޅުވުންފަދަ ކަމެއް. ބައްޕަވެސް ރުހިލައްވާނެ ކަަމަކަށް ނުވާނެ. އަހަރެމެންގެ މި ކުޑަ ފެމިލީގެ މަސްލަހަތާ ގުޅުން ހުރި ކަންތައްތައް ނުބަލާ ދޫކޮށްލީމަ ރަގަޅުވާނީ. އުުމުރުން މިހާ ތަނަށް އައީމަ މަންމަ ފަރާތު އާއިލާ ހޯދުމުގެ ބޭނުމެއްނެތް. ޖަސްޓް ފޮގެޓް އިޓް އޯކޭ..." މަހުދީގެ މޫނުމަތިން އެއްވެސް އަސަރެއް ނުފެނުނެވެ.

މިންކާ ވިސްނައިލިއެވެ. ވީއިރު އެމަންމަ އެބުނާ ލޯބިވެރިޔާއާއެކު ފިލައިގެންގޮސް އާލިޔާ ލިބުނީހެއްޔެވެ؟ މަންމަ މަރުވީ އާލިއާގެ އުމުރުން ކިތައް އަހަރުގައި ބާވައެވެ. އިއާންއަކީވެސް އާލިއާގެ ކޮއްކޮއެއް ހެއްޔެވެ؟ އެކުއްޖާ ކޮބާހެއްޔެވެ؟އާލިޔާއަށް އަޅިކުލައިގެ ލޮލެއްލިބުނީ އަރްސަންމެންނާއި އޭނަގެ ބައްޕައާއި ގުޅުމެއް އޮތީހެއްޔެވެ. އެބައްޕަގެެވެސް އަޅި ލޮލެއްހުރީހެއްޔެވެ. އެތައް ސުވާލުތަކުން ސިކުނޑިއަށް ބާރުބޮޑުވިއެވެ.

***

ނާއިބުރައީސްގެ އަންހެނުން ސޯފިއާގެ މަޝްހޫރުކަން ބޮޑުވާންފެށީ އޭނަ މީހުންނަށް އެހީވާވަރުންނެވެ. ޒަކާތުގެ ފަންޑުތައް ހުޅުވާފައި ބޭނުން ޖެހިފައިވާ މީހުންނަށް އެހީތެރިވެ މީހުންގެ ލޯބި ހޯދައިގަތްލެއް ސުކައިނާއަށް ވުރެ ބޮޑުވިއެވެ. އޭނަގެ މަންމަ ކެންސަރުގެ ޝިކާރައަކަށް ވުމުން ކެންސަރު ފަރުވާއަށް ޚާއްސަކޮށް މިލިއަނުން ފައިސާ އޮއްސަން ފެށިއެވެ. ކެންސަރު ފަރުވާއަށް ބޭނުންވާ މީހުންނަށް ތިބެވޭނެ ގެސްޓްހައުސްތައް ހަމަޖައްސާ ހޮސްޕިޓަލުން ހިލޭ ފަރުވާ ލިބޭނެ އިންތިޒާމް ހަމަޖެއްސިއެވެ. ސްކައިޕެލެސްގެ ކެންސަރު ވިިންގަކީ އެމީހުންގެ ޚާއްސަބަޔެއް ފަދައެވެ. އެބަޔަށް ފަންޑުކުރަނީ ތައިމޫރުއެވެ. ރޯދަމަހަށް ކޮންމެ ގެއަކަށް ކަދުރު ބެހިއެވެ. ރޯދައަށް ބޭނުންވާ ކާޑު އަދިވެސް ބޭނުންވާ އެހެން ސާމާނު ނިކަމެތިންނަށް ފޮނުވިއެވެ.

ފަސްޓްލޭޑީގެ ގޮތުގައި ހުރެ އޭނައަށް އަދި މިއުޅެވެނީ މާ ފަހަތުގައި ކަން ވިސްނިގެން ސުކައިނާވެސް އާއްމުންގެ ލޯބި ހޯދަން ނުކުތެވެ.

ސްކައިޕެލެސްގެ ބަގީޗާތެރޭގައި އޭނަގެ އެހީތެރިން އަވަދިނެތި އުޅުނީ ހޮސްޕިޓަލުގައިވާ ކޮންމެ ބަލިމީހަކަށް ރޯދަ ޕާރުސަލެއް ހެދުމުގެ މަސައްކަތުގައެވެ. އޭނަވެސް ބަލިމީހުންނަށް ޒިޔާރަތްކޮށް ފައިސާ ބަހާނެއެވެ. އަދި ފަގީރުންގެ ގޭގެއަށް ޒިޔާރަތްކޮށް އެމީހުން ބޭނުންވާ ކަންތައް އޮޅުންފިލުވާ އެހީތެރިވާނެއެވެ. މާދަންރޭ ބޭނުން ކޮންމެ މީހަކަށް ތަރާވީސް ވީއްލުމެއްދޭންވެސް އޭނަވަނީ ނިންމާފައެވެ. ޖިބްރީލްގެ ފެއާވެލްވެސް ކުލަގަދަކޮށް ބާއްވަން އެބަޖެހެއެވެ. ދަރިފުޅު އޮންކޮލޮޖިސްޓެއްގެ ގޮތުގައި ސިއްހީ ދާއިރާއަށް ނިކުންނާނެ ދުވަހަކީ އޭނަ އެންމެ ފަޚުވެރިވާނެ އެއް ދުވަހެވެ. ސުކައިނާމެން ކުރާ ކޮންމެ ކަމެއްގައި ދެއްކުންތެރިކަންވެސް ހުރެއެވެ. މުއްސަދިންކަމަށް ވުމުން ދެދުނިޔޭގެ ބާއްޖަވެރިކަން ލިބެން އޮތްއިރުވެސް ފައިސާއާއި ބާރަކީ އިންސާނާ ހަލާކުކޮށް މަގުފުރައްދާ އެއްޗެހިކަން އެމީހުންވެސް އެދަނީ ސާބިތުކޮށް ދެމުންނެވެ.

***

މަންމަގެ ވާހަކަ އަހަން ދޮރުފަތުގެ ނިވަލުގައި ހުރި އަދާގެ ހިތް ރޫރޫއަޅައިގަތެވެ. އޭނަގެ މަންމަގެ މަގުސަދު ހާސިލުކުރަން ކޮންމެފަދަ ނުބައި ކަމަކަށްވެސް ކުރިމަތިލަފާނެތާއެވެ.

"ހޫމް. ހެވޭ ފަންޑިތަ ހަދައިގެންވެސް އަހަރެން މިކަން ކުރުވަން ބޭނުން. އަދާއަށް ގެެއްލުމެއް ނުވާ ކޮންމެކަމެއް ކުރަން ހަމަ އެއްބަސް. ކޮންމެގޮތެއް ހެދިޔަސް އަރްސަން މަގޭ ދަރިއަކަށް ހަދާނަން. އެ ޖަވާހިރު އަތުން ބީވެގެން ދިޔަކަނުދޭނަން. އެއީ ހަމަ މިލިއަނުންވެސް އަގުނުކުރެވޭފަދަ ޑައިމަންޑެއް. އަހަންނަކަށް ނޭގޭ އެ ނުލަފާ ނިގާބީ މަގޭ ދަރިފުޅުގެ ބޮލަށް އެރިގަތީ ކިހިނެއްކަމެއް......." ދިޔާނާގެ އަޑު މަޑުކޮށްލިއެވެ.

އަދާގެ ލޮލަށް ހޫނު ކަރުނަތައް ގިނަވެގަތެވެ. ފަންޑިތަ ހަދާ ހިސާބަށްވެސް އޭނަގެ މަންމަ ދިޔައީހެއްޔެވެ؟

ސުބުހާނަﷲ. އޭނަ މަންމައަށް ހަގީގަތް ކިޔައިދޭނީއެވެ. އަރްސަންއަކީ އެތީސްޓެއްކަން ބުނުމުން މަންމަ ގަބޫލުކުރާނެއެވެ.

އަދާ އެރޭ ތަރާވީސްކޮށްގެން ގެއަށް އައިއިރު މަންމަވެސް ކޮންމެވެސް ރަސްމީކަމަކު ބޭރުގައި އުޅެލާފައި ގެއަށްވަނީއެވެ. އަދާ އެހުމުން ފަޚުރުވެރިކަމާއެކު ބުނީ ފަސްޓްލޭޑީއާއެކު ބަލިމީހުންނަށް ޒިޔާރަތްކުރީ ކަމުގައެވެ. ޓީވީއިން ދައްކާނެކަމުގައެވެ. އެކި ވާހަކަދައްކަމުންގޮސް ދިޔާނާ އަރްސަންގެ ވާހަކަފެށިއެވެ.

"މަންމާ. ދުވަހަކު އެހެންމީހަކަށް އެނގެން ބޭނުންވާ ސިއްރެއްނޫން. އެކަމަކު މަންމަގާތު އަރްސަންއާ ދެމީހުން ވަކިވާން ޖެހުނު ސަބަބު ބުނާނަން. އޭރުން މަންމައަށް އަންޑަސްޓޭންޑްވާނެ. އަރްސަންއަކީ މުސްލިމެއްނޫން. މުސްލިމެއްގެ ނަމުގައި ހުއްޓަސް އޭނަ ކަލަކު ވޮޑިގެންވާ ކަމެއް ގަބޫލުނުކުރެއޭ މަންމާ. އެވަރު މީހަކާއެކު ކިހިނެއް އުޅޭނީ؟ ކާފަރުންނަށްވުރެވެސް އަރްސަންގެ ނުބައިކަން ބޮޑެއްނު...." އަދާ ލޯ ފެންކަޅިވިއެވެ.

"ދަރިފުޅާ. އެއީ މައްސަލައެއްތަ؟ ދެން ދަރިފުޅަށް މިހާރު ރަގަޅީ ކަމުދަނީ އެއްކަލަ އައިއެސްފާޑު މީހުންތަ؟ ނިރުބަވެރިންތަ؟ އޭނ....." ދިޔާނާގެ ވާހަކައިން އަދާ ދެލޯ ބޮޑުވިއެވެ.

"މަންމަގެ ލޯބިވާ ދަރިފުޅު މުރުތައްދުވެފައި ހުރި މީހަކާ އިނަސް މަންމައަށް ހެޔޮ؟ " އަދާ ސުވާލުކުރިއެވެ.

"ތެދަށް ބުނަންޏާ މިއުޅޭ ޝޭޚުންނަށްވުރެ މަންމައަށް އަރްސަންމާ ކަމުދޭ. ތިބުނާ މީހުން ދީނުގެ ނަމުގައި އުޅޭ ވައްތަރު މަންމައަށޭ ފެންނަނީ. ބުނާ ވާހަކައާއި އަމަލު ދިމަލެއްނުވޭ. އެމީހުންވެސް ފައިސާއަށް ވިކިފައި. ދެފުށްކެހެރިން. ކުށެއްނެތް މީހުން ކަތިލަމުން ބޮން ގޮއްވަމުން އެއުޅޭލެއް ރަގަޅުތަ؟ ނިގާބީއާއި ތުނބުޅީގެ ނިވަލުގައި ތިބެ ދުނިޔޭގައި ލެއްވިހާ ނުބައިކަމެއް އެބަކުރޭ. އަރްސަންމެން ދީން ގަބޫލުނުކުރިޔަސް އެހެންމީހަކަށް ގެއްލުމެއް އެބަދޭތަ؟ " ދިޔާނާ އެހިއެވެ.

"ތިއީ މުޅިން ތަފާތު ކަމެއް. އެންމެން ތިބުނާ އައިއެސްގެ ފިކުރެއްވެސް ނުހުރޭ. ހުރިހާ ނިގާބީއިންނާއި ތުނބުޅިލީ މީހުންނެއް މަންމަ ތިބުނާހެން ގޯސްކޮށެއް ނޫޅޭނެ. ކޮންމެގޮތެއްވިޔަސް ތުނބުޅި ބެހެއްޓުމަކީ ރަސޫލު ސުންނަތެއް. ގުރުއާނާއި ސުންނަތުގައި ހިފަން އިސްލާމްދީނުގައި އޮތީ. މަންމައަށްވެސް ދީނުގެ ކަންކަމަށް ފާޑެއް ނުކިޔޭނެ. ފުރައްސާރަ ނުކޮށްބަލަ މަންމާ. އަހަރެމެންގެ މާތްދީނުގެ ވާހަކައޭ މަންމަ ތިދައްކަނީ. މިއީ އަބަދަށްޓަކާ ދެމިތިބެން އައި ދުނިޔެއެއްނޫން މަންމާ...." ވާހަކަދައްކަމުންގޮސް އަދާގެ ލޮލަށް ކަރުނަ އަތުވެއްޖެއެވެ.

"މަންމަ ތައުބާވޭ. ޕްލީޒް.."

"ކޮންކަމަކާ. މަށަށް ގޯސް އެއްޗެއް ބުނެވިއްޖެތަ؟ ކޮންމެގޮތެއްވިޔަސް އަދާ ޖެހޭނީ އަރްސަންއާއި އިންނަން. ތިބުނާ ކަހަލަ މީހަކާއި އިންނަން މަގޭ ރުހުމެއް ދުވަހަކު ނުލިބޭނެ..ތެދަށް ބުނަންޏާ މަވެސް އެމީހުންގެ ހަރުކަށިކަމުން ދީންދެކެ ފޫހިވެއްޖެ....." ދިޔާނާ ހަރުކަށިގޮތަކަށް ބުނެލިއެވެ.

އަދާގެ މޭގައި ބާރުހުރި އެތިފަހަރެއް މަންމަ ޖެހިފަދައެވެ. އެހާވެސް ބޮޑު ހައިރާންކަމެއް ލިބި ހުއްޓުން އަރާފައި އިރުކޮޅަކު ހުރެލާފައި އޭނަ ހިނގައިގަތްއިރު ދެފައިގަ ވާގިނެތްފަދައެވެ.

އަދާ އެރޭ ކޮޓަރީގެ ދޮރު ތަޅުލިގޮތަށް ލޮލުފިޔަޖަހައި ނުލެވުނެވެ. މަންމަގެ އެންމެ ފަހު ޖުމްލަ އޭނަގެ ކަންފަތުގައި ތަކުރާރުކޮށް ކިޔަމުންދާ ފަދައެވެ. މަންމަގެ ޚިޔާލު އެނގުމުން އޭނަ ލޯބިވާ އެންމެންވެސް ދީނުން ބޭރުވެފައިވާކަން އެނގި ކުރި އަސަރުތައް ބަޔާންކޮށެއް ނުދެވޭނެއެވެ. އެތައް އިރެއްވާންދެން އޭނަ ރުޔެވެ. އަދި ފަންޑިތަދެކެވެސް ގަތީ އަމަށަކު ބިރެއްނޫނެވެ. ފަންޑިތަ ހައްދަން މަންމަ އޭނަގެ އިސްތަށިކޮޅެއްވެސް ގެންގޮސްދާނެއެވެ. އެއްޗެއް ކާންވެސް ބިރުގަތެވެ. މިވަރުން މަންމަގާތު އުޅެން ކެރޭނެހެއްޔެވެ؟ އޭނަ ހަދާނީ ކިހިނެއްހެއްޔެވެ؟ އަރްސަން ދީނަށް އެހާ ނަފްރަތުކުރާއިރު އެ ކަޅު ހިތް ބަދަލުވެވާނެއެކޭ އޭނަގެ ހިތެއް ނުބުނެއެވެ. އޭނަ އަޔާޒުއާއި ވާހަކަދައްކާނީއެވެ. އަޔާޒުގެ އަންބަކަށް ވެގެން އެގެއަށް ބަދަލުވުން ކިހިނެއްވާނެ ހެއްޔެވެ؟ އޭނަ އަޔާޒުގެ މަންމަވެސް ބަލާދީފާނެއެވެ. އެހާ ލޯބި ލޯބި މަންމައެކެވެ.

އަރްސަންގެ ހަދާންތައް އަދިވެސް އޭނަގެ އަތުގައި މަދެއްނޫނެވެ. އެތައް ބައިވަރު ފޮޓޯތައް އަލަމާރީގައި އެބަހުއްޓެވެ. އެތައް ބައިވަރު ހަދިޔާތައްވެސް އެބަހުއްޓެވެ. އަލަމާރިއެއްގެ ފުރެންދެން ހުރި ބެއާތައް ފެނުނަސް މިކޮޓަރި ފެނުނަސް އަރްސަންގެ ހަދާންތަކެވެ. ކުރެވުނު ފާފަތަކެވެ. އޭނަ ޖެހޭނީ އެހުރިހާ ހަދާންތައް ހިތުން ނެރެލާށެވެ.

***

އަޔާޒުގެ ކޮޓަރީގެ ދޮރުގައި އަދާ ޓަކިދިނީ ޖެހިލުންވެފައިވާ ހިތަކާއެކުގައެވެ. ދޮރުހުޅުވުމަށްފަހު އަދާ ފެނުމުން އަޔާޒުގެ ލޮލުން ހައިރާންކަމުގެ ކުލަވަރު ފެނުނެވެ.

"އަޔާޒު ޕްލީޒް އެންމެ ފަސްމިނިޓްދީ..އަޅުގަނޑު ވަރަށް މުހިއްމު ވާހަކައެއް ބުނެލަން...."

"ބުނޭ..." އަޔާޒު މަޑުކުރީ ދޮރުމަތީގައެވެ.

"އެތެރެއަށް ވަދެވިދާނެތަ؟ "

"ސޮރީ.." އަޔާޒު ދެކޮޅުހެދިއެވެ.

"ވިލް ޔޫ މެރީ މީ....." އަދާ ގެ ސުވާލުން އަޔާޒުއަށް ޝޮކެއްލިބުނެވެ. އަދާ ލަދުވެސް ގަތެވެ.

"އަޅުގަނޑަށް ދިމާވެފައިވާ މަޖުބޫރީ ހާލަތުގެ ސަބަބުން ދުވަސްކޮޅަކަށް ނަމަވެސް އެހެންމީހެއްގެ ހިމާޔަތް ބޭނުންވޭ. ތިފަދަ ތެދުވެރި މާތް މީހެއްގެ. މިހާރު ގޭގައި ދިރިއުޅެވޭނެ އެއްވެސް ގޮތެއްނެތް......." އަދާބުނެލިއެވެ.

"އެގޭގައި ނުހުރެވެންޏާ އާލިއާއާއެކު އުޅޭ. ކޮންމެހެން ކައިވެނި ނުކުރިޔަސް ރައްކާތެރިކަމާްއެކު މިގޭގައި ހުރެވިދާނެ...." އަޔާޒް ވާހަކަދެއްކިއިރު އެމޫނުގެ ކުލަވަރު ތަރުޖަމާކުރާކަށް އަދާއަކަށް ނޭގުނެވެ. އޭނަ ރުޅިއައީބާވައެވެ. ފޫހިވީހެއްޔެވެ؟

އަދާއަށް އޭނަގެ މަންމަ ދީނުން ބޭރުވީވާހަކަ ނޫނީ އަރްސަންއާއި ކައިވެނި ކުރުވަން ފަންޑިތަ ހަދަން އުޅޭ ވާހަކަ ބުނާކަށް ނުކެރުނެވެ. އަދާ ބުނީ އަރްސަންއާއި ކައިވެނި ކުރަން މަޖުބޫރު ކުރާކަމަށާއި އޭނަ ކައިވެނިކުރަން ބޭނުން ނުވާކަމެވެ. އަޔާޒް ވިސްނީ ޖިބްރީލް އޭނައާއި ދެއްކި ވާހަކަތަކަށެވެ. ޖިބްރީލްއާއި ހަމަޔަށް އެ ވާހަކަ ފޯރިގޮތެއްވެސް އޭނަ ނާހައެވެ. ވީއިރު އަދާގެ ކަމެއް ހެއްޔެވެ؟

އަދާ ލަދުން ހުރެ އަވަހަށް އެތަނުން ދާން ހިނގައިގަތެވެ. އޭނަ އަޔާޒު ކައިރީގައި އެހެން ބުނެވުނުކަމުގެ މޮޔަހީވިއެވެ.

***

މިންކާ ކޮޓަރިއަށްވަން އިރު އާލިޔާ ހުރީ ކޮޓަރިތެރެ ރީތިކުރާށެވެ. ބުޅި އިސްތަށިގަނޑުން ހުޅިއެއް ޖަހާލައިގެން ކަޅުކުލައިގެ ޓޮޕަކާއި ހަރުވާޅެއްގައި ހުރިއިރު ދޮންކަން ބަބުޅައެވެ. އޭނަ މަސައްކަތުގައި ހުރީވެސް ފޯނުން ގުރުއާން ޖައްސާލައިގެންނެވެ.

"އައްސަލާމް އަލައިކުމް..." މިންކާ ސަލާމްކުރިއެވެ.

"ވައަލައިކުމުއްސަލާމް ވަރަހުމަތުﷲ ވަ ބަރަކާތުހޫ...." އާލިޔާ ގުރުއާންގެ އާޔަތް ނިމުމުން ނިވާލައިފިއެވެ.

"އެނގޭތަ؟ އަދާ އަނެއްކާ އަހަރެމެންގެ ގެއަށް ބަދަލުވެއްޖެ. އަންހެންކުއްޖަކު އެހެން ގޮސް އެގޭގައި އުޅުންވެސް ރަގަޅެއްނޫން. އަހަރެންގެ ދޮންބެ މަހުދީ އެނގެއެއްނު. އޭނަވެސް ގޭގައި އުޅޭ. ޒުވާން ފިރިހެންކުއްޖަކު އަންހެންކުއްޖަކާއެކު ބައެއްފަހަރު ގޭގައި އެކަނިވެސް ވެދާނެ. ބުނަން މިއުޅޭ ވާހަކައިން ފެއިންޓް ނުވައްޗޭ. އެކަމަކު މިއައީ އެރެންޖް މެރިޖެއް ކުރުވަން އާލިއާގެ އޮޕީނިއަންއެއް ހޯދަން. އާލިޔާ ދޮންބެ ހުހަށް ހުންނާތީ ވަރަށް ދެރަވޭ. ހީޒް ސޯ ލޯންލީ. މަންމަ ބަލަން އޭނަވެސް އެބަޖެހޭ ވައިފްއެއް ގެއަށް ގެންނަން. އެބަހުރި ދޮންބެއާއި އެކަށީގެންވާފަދަ ރަގަޅު އަންހެންކުއްޖެއް. އަދާ. އަދާ ދޮންބެ ދެކެ ވަރަށް ލޯބިވޭ. މިކަން ކުރުވަދީބަލަ...." މިންކާގެ ވާހަކަ އިވިފައި އާލިޔާ ދެލޯ ބޮޑުކޮށްލިއެވެ.

"އެކަމަކު......"

"އަދާ ބޭނުންވަނީ ދީންވެރި ސޯލިހު ބައިވެރިޔެއް. އަރްސަން ކަހަލަ މީހަކާ ޖެހިއްޖެއްޔާ އަދާ އަނެއްކާ ބަދަލުވެދާނެ. މިހާރު ކުރިއާ ބަލާފައި އަދާ ކިހާބޮޑުތަން ރަގަޅު. ވިސްނާލަބަލަ. ހިދާޔަތް ލިބުމަށްފަހު އަލުން އެ އަނދިރިގަނޑަށް ވަންނަން ދޫކޮށްލަންވާނެތަ؟ ދޮންބެއަށްވެސް އެކަހަލަ ރަގަޅު ބައިވެރިޔަކު ބޭނުން. ސޯ ހިނގާ މިކަން ކުރުވަން...." މިންކާ ހިނިތުންވެލިއެވެ.

"ތިއިނީ ހާސްވެފައި. ކިިހިނެއްވީތަ؟ " މިންކާ އާލިޔާގެ އަތުގައި މަޑުމަޑުން ޖަހައިލިއެވެ.

"ދޮންބެ ގާތު ބުނާނީ...." އާލިޔާ ކަންބޮޑުވެ ވިސްނަނީ ކޮންކަމަކާ ކަމެއް އޭރު މިންކާއަކަށް ނޭގުނެވެ. އަރްސަންއާއި އާލިޔާ ގުޅުވަން މާޒިން މަސައްކަތްކުރަމުންދާ ކަމެއްވެސް ރޭކާނުލިއެވެ.

"ވަން މޯ ތިންގް. އާލިޔާގެ ބައްޕަގެ ނަން ބުނެދީފާނަންތަ؟ "

"މަންސޫރު..." އާލިޔާ މަޑުމަޑުން ކިޔައިލިއެވެ.

"ވަޓް؟ " މިންކާގެ ދެލޯ ހީވީ ފުންމާލަފާނެހެންނެވެ.

"ހެހެ. ހާސްނުވޭ މި ގައުމުގައި މިންކާގެ ބައްޕަ ނޫނަސް އެތައް ބައިވަރު މަންސޫރެއް އެބައުޅޭ...." އާލިޔާ ހޭންފެށިއެވެ.

މިންކާވެސް ގަދަކަމުން އެހުނުމުގައި ބައިވެރިވިއެވެ. އާލިޔާގެ މަންމަ އެކުއްޖާގެ ބައްޕައަކީ މަންސޫރުކަމުގައި ބުނަންވީ ސަބަބެއް މިންކާގެ ވިސްނުމަކަަށް ނައެވެ. ބައްޕަގެ ބޮލުގައި ދަރިފުޅު އެޅުވީތާއެވެ. އެކަމަކު އެބުނާހެން މީރާއާއި އާލިޔާ ވައްތަރުގޮތެއް އެބަހުއްޓެވެ. ތަފާތީ ހަމައެކަނި ލޮލުގެ ކުލައެވެ.

****

ރަމަޟާންމަހަކީ އެމަހެއްގައި ގުރުއާން ބާވައިލެއްވުނު މަހެވެ. ވީހާ ގިނައިން ގުރުއާން ކިޔަވާ އަޅުކަން އިތުރުކޮށް ސަދަގާތްދީ ހުރިހާ ނުބައިކަންތަކުން ދުރުވެ ނަފުސް ކުށްތަކުން ސާފުކުރަންވީ މައްސަރެވެ. މުސްލިމުންނަށް އެ މަސް އައުމުން އިންތިހާއަށް އުފާވެ އަޅުކަންތައްތަކާއިގެން މަޝްޣޫލުވެދެއެވެ. މާތްﷲއަށްޓަކާ ހިތުގައިވާ ލޯބި ވަރުގަދަވީވަރަކަށް އީމާންތެރިކަން ވަރުގަދަވާނެއެވެ. ދުނިޔެއަށްވުރެ އާޚިރަތް އިސްކޮށްފިމީހާއަކީ ނަސީބުވެރި ބާއްޖަވެރިއެކެވެ. އާލިޔާގެ ސަބަބުން ޔަގީނުންވެސް މިންކާއާއި އަދާއަށް ހިދާޔަތް ލިބުނެވެ. އަދި މިންކާއަށްވުރެ އަދާ ދީނާއި ބޮޑަށް ކައިރިވިއެވެ. ލެކްޗަރުތައް އަބަދު ބަލާ ތައުހީދުފަދަ ތަކެތި އުނގެނި އަގީދާ ވަރުގަދަކުރިއެވެ.

އަދާ އޭނަގެ ދޮންބެއާއިހެދި އުޅޭކަން އެނގުމުން އާލިޔާގެ ހިތުގައި ހާސްކަމުގެ އޮއިވަރެއް ހިނގައިގަތީ އެކަން ކުރުވައިފިއްޔާ އޭގެ ގެއްލުން އޭނައަށް ދައްކާނެކަން އެނގޭތީއެވެ. ނަމަވެސް އަމިއްލަ ނަފުސަށްވުރެ އިސްކަން ދޭންވީ މިއަދު ދީނަށް ލޯބިކޮށް ދީނަށް އުޅެން ބޭނުންވާ އޭނަގެ އެކުވެރިޔާއާއި ލޯބިވާ ދޮންބެއަށެވެ. އޭރުން އޭނައަށްވެސް ކަންތައް ފަސޭހަކޮށް ދެއްވާނެއެވެ. އަރްސަން އާއި އަދާ ގުޅުވައިފިއްޔާ އެބުނާހެން އަދާވެސް މަގުއޮޅިދާނެއެވެ. ކޮންމެކަމެއްވާނީ ހަމަ އެންމެ ރަގަޅަށެވެ. ރަމަޟާން ނިމުމުން އޭނަ މާޒިންއާއި ވާހަކަދައްކާނީއެވެ. އޭނަ ކައިވެނި ކުރަން ބޭނުންވަނީ އަރްސަންއަށްވުރެ މާޒިންއާއި ކަމުގައި ބުނާނީއެވެ.

އާލިޔާ ކައްކަން ބޭނުންވާ ސާމާނުކޮޅެއް ގަނެލައިގެން ނުކުތްއިރު ވައިރޯޅިތައް ބާރުކަމުން ބުރުގާވެސް އެއްލާލަފާނެފަދައެވެ. ދެންމެ ދެންމެ ވާރޭވެހިގެންފާކަން އަންގައިދެނީ އެއްވަމުންދާ ބޯ ކަޅުވިލާތަކުންނެވެ.

"ނީޑް އެނީ ހެލްޕް؟" އަރްސަން އޭނައާ އަރާހަމަކޮށްލިއެވެ.

"އާނ......ދުރަށް ދޭ. އެއަށްވުރެ ބޮޑު އެހީއެއް ނުވެވޭނެ......" އާލިޔާގެ ހިތަށް ބިރުވެރިކަން ވަނަސް އޭނައަށް ބުނެވުނީ އޭގެ ދިމާ އިދިކޮޅަށެވެ. ރުޅިވެރިގޮތަކަށް ބާރަށެވެ. މަގުން މީހަކު ފެންނަން ހުރީއެއްވެސް ނޫނެވެ. މީނަ ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެއެވެ. އަރްސަންއަށް އޭނަގެ ސިކުނޑީގައި ހިނގައިގަތް އެއްޗެއް އެނގުނީކަހަލައެވެ. ކުއްލިއަކަށް އޭނަގެ އަތުގައި ހިފާ ދަމައިގަތްގޮތަށް ގޭޓުން އެތެރެއަށް ވައްދައިފިއެވެ. އަރްސަންއާއި މާޒިން ހާދަ ތަފާތެވެ. މީނަގެ މިހުންނަ "ވައިލްޑް" ބައިގެ ކުޑަ ކުޑަ ޒައްރެއްވެސް މާޒިންއަށް ދެއްވާފައިނުވެއެވެ.

- ނުނިމޭ -