03 May 2020, 22:22
އިނގިރޭސިވިލާތުން އަސްކަރީ ތަމްރީނެއް ނިންމާލުމަށްފަހު، ދުބާއީ މަގުން މިދިޔަ މަހުގެ 22 ވަނަ ދުވަހު ރާއްޖެ އައިއިރުވެސް އެމްއެންޑީއެފްގެ އޮފިސަރު މުއައްމަރު މުހައްމަދު ހުރީ ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅައިގެންނެވެ.
ފްލައިޓު ޖެއްސުމާއެކު ހޭންޑް ސެނިޓައިޒާ ބޭނުންކޮށް، މާސްކް އެޅި އެވެ. ކަރަންޓީނަށް ހޮލިޑޭ އައިލެންޑް ރިސޯޓަށް ދިޔައީ ވެސް ރައްކާތެރިކަމުގެ ގޮތުން އެޅެން ހުރި ފިޔަވަޅެއް ވިއްޔާ އަޅައިގެންނެވެ.
ރާއްޖެ ޓީވީއަށް ދިން އިންޓަވިއުއެއްގައި މުއައްމަރު ބުނީ ކަރަންޓީނަށް ގެންދިޔަ އިރު ކޮވިޑް19 ގެ އެއްވެސް އަލާމާތެއް ނެތް ކަމަށެވެ. އެހެން ނަމަވެސް 25 ވަނަ ދުވަހު ކުޑަކޮށް ހުން އަންނަން ފެށުމުން އަވަހަށް އެކަން ކަމާބެހޭ ފަރާތްތަކަށް ރިޕޯޓުކުރި އެވެ. އަދި ސާމްޕަލް ނަގައި އޭނާ ކޮވިޑަށް ޓެސްޓުކުރި އެވެ. އަދި ނަތީޖާއިން އެނގުނީ އޭނާއަށް ކޮރޯނާވައިރަސް ޖެހިފައިވާ ކަމެވެ.
"ޕޮޒިޓިވް ވާހަކަ ބުނީމަ ދެން ހިތަށް އެރި ކިހިނެތް ބާއޭ ވާނީ. އެކަމަކު ވެސް ދެން ބެލީ މީގަ ދެން ކުރިއަށް ދާން އޮންނަ ޕްރޮސީޖާއަކީ ކޮބާތޯ،" މުއައްމަރު ބުންޏެވެ.
ކޮވިޑް-19އާ ޖެހިގެން ދުނިޔޭގައި އެތައް ބަޔަކު މަރުވަމުން އަންނަ އިރު، އަމިއްލަ މީހާއަށް ބަލި ޖެހިފައި ހުރިކަން އެނގުމުން ކޮންމެ މީހަކަށް ވެސް ޝޮކެއް ލިބޭނެ ކަމަށް މުއައްމަރު ބުންޏެވެ.
އެހެންނަމަވެސް މުއައްމަރުގެ ނަސޭހަތަކީ، އެއްވެސް މީހަކު އެކަމާ ޕެނިކް ނުވުމެވެ. ބަލި ޖެހޭ ކޮންމެ މީހަކު ބަލީގައި މަރެއް ނުވެ އެވެ. ގިނަ މީހުން ރަނގަޅުވެ އެެވެ. އެހެންކަމުން ހާސްވެ، ތެޅިފޮޅިގަތުމުގެ ބަދަލުގައި ޑޮކްޓަރުންގެ އިރުޝާދާ އެއްގޮތަށް އަމަލު ކުރުމަށް މުއައްމަރު ނަސޭހަތް ދިނެވެ.
މުއައްމަރު ބުނީ އޭނާގެ ގައިން ފެނުނީ ބަލީގެ ވަރަށް ކުދި ކުދި އަލާމާތްތަކެއް ކަމަށެވެ. އެންމެ ހުން ގަދަވި ދުވަހު ވެސް އޭނާގެ ހުން ހުރީ 38 ޑިގްރީ ސެލްސިއަސްގަ އެވެ.
ތިން ވަނަ ދުވަހު ހުން މުޅިން ފިލި ނަމަވެސް، ކުޑަކޮށް ކެއްސަން ފެށި އެވެ. އަދި ގައިގައި ރިއްސައި، ވަރުބަލިވެ، ވަސް ނުދުވުން ފަދަ ކަންކަން ކުރިމަތިވާން ފެށިއެ ވެ.
އިރާދަފުޅުން މުއައްމަރަށް ބަލީގައި މާބޮޑުވަރެއް ނުވެ އެވެ. އެހެންކަމުން ބަލީގައި މާބޮޑު ވޭނެއް ތަހައްމަލް ކުރަން ނުޖެހުނު ނަމަވެސް، ބައްޔަށް ޕޮޒިޓިވްވެ، އޭނާ ވެލިދޫ އައިސޮލޭޝަން ފެސިލިޓީއަށް ބަދަލުކުރި ދުވަހު އެހެން ކަހަލަ އިހުސާސެއް ކުރެވުނެވެ.
"ރިކަވަރީ ޕްރޮސެސްގަ އެންމެ އުނދަގޫވި ދުވަހަކީ ހޮލިޑޭ އައިލެންޑުން ވެލިދޫއަށް ގެންދިޔަ ދުވަސް. އަޅުގަނޑު ގެންދަން އައި ޓީމުން އެންމެން ސޫޓު ލާފައި އެގޮތަށް ފެނުނީ އެހެން ކަހަލަ ގޮތެއްވީ،" މުއައްމަރު ބުންޏެވެ.
"ބޭނުންވަނީ އަޅާލުމާއި ކުލުނު"
އިރާދަފުޅުން މާބޮޑު ދަތިކަމެއް ތަހައްމަލް ކުރަން ނުޖެހި މުއައްމަރު މިހާރު ވަނީ ބަލިން މުޅިން ފަސޭހަވެފަ އެވެ. ރިކަވަރީ ޕްރޮސެސް އެންމެ ފަސޭހަވެގެން ދިޔައީ އާއިލާ އާއި އެމްއެންޑީއެފްގެ ފަރާތުން ލިބުނު ލޯތްބާއި، ސަޕޯޓުގެ ސަބަބުން ކަމަށް މުއައްމަރު ބުންޏެވެ.
ބައްޔަށް ޕޮޒިޓިވްވެ، ވެލިދޫގައި އައިސޮލޭޓް ކުރި ހިސާބުން ފެށިގެން އާއިލާއިން ކޮންމެ ދުވަހަކު ވެސް މުއައްމަރަށް ގުޅަ އެވެ. އެކަނިވެރިކަމުގެ އިހުސާސްވިޔަ ނުދެ އެވެ.
އާއިލާގެ އިތުރުން އެމްއެންޑީއެފް އިން ދިނީ ހަމަ އެފަދަ އަޅާލުމާއި ލޯތްބެވެ. މުއައްމަރު ބުނީ އެމްއެންޑީއެފްގެ ލީޑަޝިޕުން ވެސް ކޮންމެ ދުވަހަކު އޭނާގެ ހާލު ބަލަމުން ދިޔަ ކަމަށެވެ.
މުއައްމަރު ބުނީ ބަލި ޖެހި މީހަކު އެކަހެރިކޮށްފައި އޮންނަ އިރު ބޭނުންވަނީ އެހެން މީހުންގެ ލޯތްބާއި ކުލުނު ކަމަށެވެ.
"އެހެންމީހުންގެ އަޅާލުމާ ކުލުނު ލިބުން ވަރަށް މުހިންމު،" މުއައްމަރު ބުންޏެވެ.
މީގެ އިތުރުންް ވެލިދޫ ފެސިލިޓީގެ އިންތިޒާމްތައް ވެސް ވަރަށް ފުރިހަމަ ކަމަށް މުއައްމަރު ބުންޏެވެ. ކެއުމާއި އެހެނިގެން ކަންކަން ވެސް ބަރާބަރެވެ. ގަވާއިދުން ބަލި މީހުންގެ ޗެކަޕް ހަދަ އެވެ. އެއްވެސް ތަފާތުކުރުމެއް ނުގެންގުޅެ އެވެ.
"މި ހަނގުރާމަ ވިން ކުރެވޭނެ"
މުއައްމަރު މިވަނީ ބަލީގެ ތަޖުރިބާކޮށްފަ އެވެ. މުއައްމަރުގެ ތަޖުރިބާއިން އޭނާ ދޭން ބޭނުންވާ މެސެޖަކީ، ކަމާބެހޭ ފަރާތްތަކުން ދެމުންގެންދާ އިރުޝާދުތަަކަށް ބޯލަނބައިގެން ކުރިއަށް ގޮސްފިނަމަ، މި ބައްޔާ ދެކޮޅަށް ކުރާ ހަނގުރާމައިން ކާމިޔާބު ހޯދޭނެ ކަމެވެ.
އެންމެ މުހިންމު ކަމަކީ ބަލިން ރައްކާތެރިވުމަށް އަމިއްލައަށް ފިޔަވަޅުތައް އެޅުމެވެ. ގައިދުުރުކަން އިސްކޮށް ސާފުތާހިރުވުމެވެ. ބަލި ޖެހިއްޖެނަމަ ދެން އޮތީ ޑޮކްޓަރުން ދައްކަވާ މަގުން ހިނގުމެވެ. ބަލީގެ ކުޑަވެސް އަލާމާތެއް ފެނިއްޖެނަމަ، އަމިއްލައަށް އެކަހެރިވެ، ކަމާބެހޭ ފަރާތްތަކަށް އެކަން އެންގުމެވެ.
ފަރުވާގެ ކަންކަން ކުރިއަށްދާއިރު ވެސް ކެތްތެރިިކަމާއެކު، އެފަރާތްތަކުން އަންގަވާ ގޮތަަށް އަމަލުކުރުމެވެ.
"އަޅުގަނޑު ބުނެލަން ބޭނުންވަނީ މި ބައްޔަކީ މިއާ ހަނގުރާމަ ކޮށްފަ ވިން ކުރެވޭނެ ބައްޔެއް. ބަލި ޖެހޭ ކޮންމެ މީހަކީ މަރުވާނެ މީހެއް ނޫން. ޑޮކްޓަރުން އެ ވިދާޅުވާ އިރުޝާދުތަކަށް ފޮލޯ ކުރަނަމަ އަޅުގަނޑުމެންގެ ތެރެއިން ވީހާވެސް އަވަހަކަށް ނެތިގެންދާނެ ބައްޔެއް މިއީ،" މުއައްމަރު ބުންޏެވެ.
ބަލިން ރަނގަޅުވުމާއެކު ގައުމީ ހިދުމަތަށް!
ކޮވިޑް19 އާ ދެކޮޅަށް މުއައްމަރު ކުރި ހަނގުރާމައިން ކުރި ހޯދައި މިއަދު މިވަނީ ގައުމީ ހިދުމަތާ އަނެއްކާވެސް ގުޅިފަ އެވެ. އަނެއްކާ ބަލި ޖެހިދާނެކަމުގެ ބިރަށް ގޭގައި އޮތުމުގެ ވިސްނުމެއް ނެތެވެ. ޔުނީފޯމު އަޅައިގެން އަނެއްކާވެސް ނުކުމެ ހުރީ ބައްޔާ ދެކޮޅަށް މުޅި ދުނިޔެ، ވަކިން ހާއްސަކޮށް އަމިއްލަ ގައުމުގައި ވެސް ކުރާ ހަނގުރާމައިން ކާމިޔާބު ހޯދައިދިނުމަށް މޭ ދިއްކޮށްލައިގެންނެވެ. ގައުމީ ރޫހުގަ އެވެ.
މުއައްމަރު އަލުން ހިދުމަތާ ގުޅުމުން، ޗީފް އޮފް ޑިފެންސް ފޯސް ، މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވެސް ވަނީ އެކަން ފާހަގަކުރައްވައިފަ އެވެ.
ޝަމާލް ކުރެއްވި ޓުވީޓެއްގައި ގައުމަށް ހިދުމަތް ކުރުމަށްޓަކައި މުއައްމަރު ދެއްކި ނަމޫނާއަށް ވަނީ ސާބަސް ދެއްވައިފަ އެވެ.
މިހާތަނަށް ރާއްޖެއިން 527 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެފައި ވާއިރު، އޭގެ ތެރޭގައި ސިފައިން ވެސް ހިމެނެ އެވެ. ނަމަވެސް ޝަމާލް ވިދާޅުވީ، ސިފައިންނަށް ބަލި ޖެހުނު ނަމަވެސް، އަޒުމު ނުގުޑާނެ ކަމަށާއި، މި ހަނގުރާމައާ ކެރިގެން ކުރިމަތިލާނެ ކަމަށެވެ.