22 Dec 2011, 13:34
އިސްލާމްދީނުގެ ހިޔާމަތުގައި މަދަނީ އިއްތިހާދާއި ސިޔާސީ ޕާޓީތައް ގުޅިގެން ބާއްވާ "ބޮޑު މުޒާހަރާ" ދެކޮޅަށް ސަރުކާރު ހިންގާ އެމްޑީޕީން ބާއްވާ "މެދުމިނަށް ތާއިދު" މުޒާހަރާގައި ކުރިމަތިލުމަކަށް ނުދާނެ ކަމަށް މުޒާހަރާ އިންތިޒާމް ކުރާ ދެ ފަރާތްތުން ގައުމީ ސަލާމަތު ކޮމެޓީގައި އެއްބަސްވެއްޖެ އެވެ.
ބޮޑު މުޒާހަރާއާ ގުޅިގެން ގައުމުގެ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބެލެވޭތީ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތުގެ ކޮމެޓީއަށް އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި މަދަނީ އިއްތިހާދުގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވާ އަބްދުﷲ މުހައްމަދާއި އެމްޑީޕީގެ އިންތިޒާމް ކޮމެޓީގެ ދެ ބޭފުޅަކު ވަނީ މިއަދު ހާޒިރުކޮށް ސުވާލުކުރި އެވެ.
މުޒާހަރާގައި ކުރިމަތިލުމަކަށް ނުދާނެ ކަމުގެ ޔަގީންކަން ދެއްވަފާނަންތޯ ކޮމެޓީގެ މުގައްރިރު އަލީ ވަހީދު ސުވާލު ކުރެއްވުމުން ދެ ފަރާތުން ވެސް އެއްބަސްވެފައި ވަނީ ގައުމުގެ މަސްލަހަތު ގެއްލި ބަޔަކަށް ހަމަލަދޭން މަސައްކަތް ނުކުރާނެ ކަމަށެވެ.
"އަޅުގަނޑުމެން ކަށަވަރުކޮށްދެން މިކަން [ބޮޑު މުޒާހަރާ] ކުރިއަށް ދާނީ ސުލްހަވެރިކަމާ އެކުކަން. އަޅުގަނޑުމެން މިކަން އިންތިޒާމް ކުރާ ފަރާތެއްގެ ހައިސިއްޔަތުން ސަރުކާރުގެ އަދި އާންމު ފަރުދެއްގެ މުދަލަކަށް ވެސް އެއްވެސް ގެއްލުމެއް ދިނުމަކަށް އަދި އެފަދަ ފުރުސަތެއް ދިނުމަށް ވެސް ވިސްނާފައި ނުވާނެ ކަމަށް،" އަބްދުﷲ މުހައްމަދު ވިދާޅުވި އެވެ.
އެމްޑީޕީގެ އިންތިޒާމް ކޮމެޓީގެ މެންބަރު އިމްރާން ޒާހިރު ވިދާޅުވީ "ސުލްހަވެރި ރޫހެއްގައި ޝުއޫރު ފާޅުކުރުން ފިޔަވައި އެހެން ކަމެއް ރޭވިފައެއް ނެތް" ކަމަށެވެ.
މުޒާހަރާގައި ކުޑަކުދިން ބައިވެރިކުރާނެތޯ އަލީ ވަހީދު ކުރެއްވި ސުވާލަށް އެމްޑީޕީގެ ބުނެފައި ވަނީ ކުޑަކުދިން މުޒާހަރާގައި ބައިވެރި ނުކުރާނެ ކަމަށެވެ. ނަމަވެސް ބޮޑު މުޒާހަރާގައި ކުޑަކުދިން ބައިވެރިނުކުރާނެ ކަމުގެ ޔަގީންކަމެއް މަދަނީ އިއްތިހާދަކުން ކޮމެޓީއަކަށް ނުދިނެވެ.
"އައުމާ ނައުން އެއްގޮތަކަށް ވެސް އަޅުގަނޑުމެންނަކަށް ހުއްޓުވާ އަދި މަނައެއް ނުކުރެވޭނެ. އަޅުގަނޑުމެން ގޮވާލަނީ މިކަމަށް ލޯބިކުރާ އެންމެހާ ފަރާތްތަކުން ވެސް [ބައިވެރިވުމަށް]. އަޅުގަނޑަކަށް ނުކެރޭނެ ކުޑަކުދިން ނުގެންނާށޭ، ގެންނާށޭ ކިޔާފައި އަދި ގެންނަން ފެށީމާ ފޮނުވާލުމުގެ ބާރެއް އަޅުގަނޑުމެންނަކަށް ލިބިގެންނެއް ނުވޭ،" އަބްދުﷲ މުހައްމަދު ވިދާޅުވި އެވެ.
އިސްލާމްދީނާ ގުޅުވައި ސަރުކާރުން ކަންތައްތަކެއް ކުރަމުންދާ ކަމަށް އަދާލަތުން ތުހުމަތު ކުރާ އިރު، އެ މައްސަލަތަކަށް ހައްލުހޯދުމަށް ޝަރުއީ މަރުހަލާގެ ތެރެއިން މަސައްކަތްކޮށްފައިވާނެތޯ އެމްޑީޕީގެ ޗެއާޕާސަން ރީކޯ މޫސަ މަނިކު ސުވާލު ކުރެއްވި އެވެ. މޫސަ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ޝެއިހް އިމްރާން ވިދާޅުވީ އިސްލާމް ދީނުގެ އަސްލުތަކާއި އުސޫލްތަކާ ހިލާފަށް ސަރުކާރުން ގުޅިގެން ހިންގާ ކަންތައްތައް ހުއްޓުވައި ޝަރުއީ މަރުހަލާގެ ތެރެއިން ހައްލު ހޯދަން މަސައްކަތްކޮށްފައިވާނެ ކަމަށެވެ. އެގޮތުން ސުޕްރީމް ކޯޓްގެ ފަނޑިޔާރުންނާ ބައްދަލު ކުރުމަށް އަދާލަތުން ހުށަހެޅި ކަމަށާއި ނަމެވެސް ސިޔާސީ އެއްވެސް ޕާޓީއަކަށް ބައްދަލު ކުރަން ބޭނުންނުވާ ކަމަށް ފަނޑިޔާރުން ވިދާޅުވި ކަމަށެވެ. އަދި ދީނީ މިނިވަން ކަމަށް ގޮވާލި މައްސަލަ ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހަށާއި ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް އިމްރާން ވިދާޅުވި އެވެ.
މުޒާހަރާގައި ބައިވެރިވުމަށް އަލްގައިދާނެ ބަޔަކު ރެކްރޫޓްކުރެވިފައި ވާނެތޯ މޫސަ ސުވާލު ކުރެއްވުމުން އިމްރާން ވިދާޅުވީ "އެ ސުވާލަށް ޖަވާބުދޭން ބޭނުންނުވާ" ކަމަށެވެ.
ކޮމެޓީއަށް ހާޒިރު ކުރި އެމްޑީޕީގެ އިމްރާން ޒާހިރު ވިދާޅުވީ ބޮޑު މުޒާހަރާ ކުރާބަޔަކާ ދެކޮޅުވެރިކަމެއް އެމްޑީޕީއަކުން ނުގެންގުޅޭ ކަމަށެވެ. އަދި ސުލްހަވެރިކަމާއެކު ކުރާ މުޒާހަރާގައި އިސްލާމްދީނާ ދެކޮޅަށް އަޑު ނުއުފުލާނެ ކަމަށާއި އެމްޑީޕީން އަމަލް ކުރާނީ ހިޔާލު ފާޅުކުރުގެ ހައްގުގެ ހުދޫދުގެ ތެރޭގައި ކަމަށް އިމްރާން ޒާހިރު ވިދާޅުވި އެވެ.
މިއަދުގެ ކޮމެޓީ ބައްދަލުވުމުގައި ދެ ފަރާތުން ބުނެފައި ވަނީ މުޒާހަރާއަށް ފުލުހުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބެމުންދާ ކަމަށެވެ.
ބޮޑު މުޒާހަރާއާ ގުޅިގެން ގައުމުގެ މަސްލަހަތު ގެއްލިދާނެ ކަމަށް ބުނެ އެ މައްސަލަ ގައުމީ ސަލާމަތުގެ ކޮމެޓީ އަށް ހުށަހެޅުއްވީ ރީކޯ މޫސަ މަނިކެވެ. އެ މައްސަލާގައި މިއަދު ސަލާމަތީ ބާރުތަކުގެ އިސްވެރިން ވެސް ހާޒިރުކޮށް ސުވާލު ކުރި އެވެ. ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ފަސީހާއި ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލު ކޮމެޓީގައި ވިދާޅުވީ މުޒާހަރާއާ ގުޅިގެން ހިގައިފާނެ ހަމަނުޖެހުމަކަށް ސަލާމަތީ ބާރުތައް ހުޝިޔާރުވެފައިވާ ކަމަށެވެ.