03 May 2020, 21:15
ކޮވިޑް-19 ޖެހިގެން ފަރުވާ ދެމުންދިޔަ ދިވެއްސަކު، ރާއްޖޭގައި ފުރަތަމަ ފަހަރަށް ވެންޓިލޭޓަރަށް ލައިގެން ފަރުވާ ދޭން ފަށައިފި އެވެ.
ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާދެމުންދާ އުމުރުން ދުވަސްވީ އެ މީހާ، މިއަދު ވެންޓިލޭޓަރަށް ލާފައިވާ ކަން، ކޮވިޑަށް ފަރުވާ ދިނުމުގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގެންނަވާ އައިޖީއެމްއެޗްގެ ސީނިއާ ޑޮކްޓަރު، ޑރ. މޫސާ ހުސައިން ވަނީ "ސަން" އަށް ކަށަވަރު ކޮށްދެއްވާފަ އެވެ.
ނަމަވެސް ބަލިމީހާގެ ޒާތީ އެއްވެސް މައުލޫމާތެއް ޑޮކްޓަރު ހިއްސާކޮށްފަ އެއް ނުވެއެވެ.
އެނގިފައިވާ ގޮތުގައި ވެންޓިލޭޓަރަށްލައި ފަރުވާ ދެމުން އަންނަނީ އުމުރުން 88 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެއީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ކޮވިޑް-19ގައި މަރުވި އަންހެން މީހާގެ ފިރިމީހާ އެވެ.
ދަރަމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫގައި މިހާރު ވެސް ކޮވިޑް-19 ޖެހިފައިވާ ހަ މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ. އޭގެ ތެރެއިން ވެންޓިލޭޓަރަށް ލާފައިވާ މީހާގެ އިތުރުން އަދި އެކަކުގެ ހާލު ރަނގަޅު ނޫން ކަން ވެސް ވަނީ އެނގިފަ އެވެ.
ދަރަމަވަންތަ ހޮސްޕިޓަލްގައި މިވަގުތު ފަރުވާ ދެމުން އަންނަނީ 88 އަހަރުގެ މީހާގެ އިތުރުން 80 އަހަރުގެ މީހަކާއި 70 އަހަރުގެ މީހަކާއި 68 އަހަރު އަދި 40 އަހަރުގެ ދެ މީހުންނަށެވެ.
މިއަދު ރާއްޖެއިން އަށް މީހަކު ވަނީ ކޮވިޑް19 އަށް ޕޮޒިޓިވްވެފައެވެ. އަދި މުޅި ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 527 އަށް އަރައިފައެވެ.
ރާއްޖެއިން ބަލި ޖެހުނު މީހުންގެ ތެރެއިން 18 މީހަކު މުޅިން ރަނގަޅުވެފައި ވާއިރު، އެކަކު ވަނީ ބަލީގައި މަރުވަފަ އެވެ.