22 Dec 2011, 13:27
ހުޅުމާލޭ ހޭޅިފަށުގައި ބަދުއަޚުލާގީ އަމަލު ހިންގިކަން ސާބިތުވެ، ހަ މަސް ދުވަހަށް އަރުވާލައި 15 ފަނަރަ އެތިފަހަރުން ތައުޒީރު ކުރުމަށް ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހިލްމީގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމް އިސްތިއުނާފް ކުރަން އޭނާ ނިންމައިފި އެވެ.
ހިލްމީ އާއި އާމިނަތު އަލީ ސޮއިކޮށް މިއަދު މީޑިއާތަކަށް ފޮނުވި ލިޔުމެއްގައި ބުނަނީ ކްރިމިނަލް ކޯޓުން ކުރި ހުކުމްގައި ގާނޫނީ އަދި ޝަރުއީ ގޮތުން ބޮޑެތި އެތަކެއް މައްސަލަތަކެއް ހިމެނޭ ކަމަށެވެ.
އެ ހުކުމަށް ބެލުމުން ދޭހަވަނީ ދައުވާ ސާބިތުކުރުމަކީ ދައުވާ ކުރާފަރާތުގެ ޒިންމާއެއް ނޫން ކަމާއި ކުށުން ބަރީއަ ވުމަކީ ދައުވާ ލިބޭ ފަރާތުގެ ޒިންމާއެއް ކަމަށް އެ ލިޔުމުގައިވެ އެވެ.
މުޅި މައްސަލައިގައި ފުލުހުންގެ ހެކިބަހުގައި ދެކޮޅު ނުޖެހޭ ކަންތައްތަކެއް ހުރި ކަމަށާއި އެ ދެ މީހުން ޝަރީއަތަށް ހުށަހެޅި ހެކިތަކަށް އެކަށީގެންވާ މިންވަރަށް ރިއާޔަތްކޮށްފައި ނުވާކަމަށް ވެސް އެ ލިޔުމުގައިވެ އެވެ.
ހިލްމީގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމްގައި ބުނަނީ ސ. ފޭދޫ ހުސްނުހީނާގޭ އާމިނަތު އަލީ އާއި ދެމީހުން ނޮވެމްބަރު 12 ،2009 ދުވަހުގެ ރޭ 11:30ގައި ހުޅުމާލޭ ކުނި ގޮނޑުގެ އިރުމަތީ ފަރާތު ހޭޅި ފަށުގައި ބަދަލު އަހުލާގީ އަމަލު ހިންގިކަން ޝަރީއަތަށް ސާބިތުވާ ކަމަށެވެ. އެ ދެ މީހުންގެ މައްޗަށް ދައުވާ ސާބިތުވެފައި ވަނީ ތިން ފުލުހުންގެ ހެކިބަހުންނާއި ޝަރީއަތަށް ހުށަހެޅިފައިވާ ފޮޓޯތަކުން ކަމަށެވެ.
އާމިނަތު އަލީ އަކީ ރާއްޖެ ޗެމްބާސްގައި މަސައްކަތް ކުރާ ގާނޫނީ ވަކީލެކެވެ.
އެ ދުވަސްވަރު ހިލްމީ އާއި އާމިނަތު އަލީ އުޅުނީ ލޯބީގެ ގޮތުން ގުޅިގެންނެވެ. ނަމަވެސް އޭގެ ފަހުން އެ ދެ މީހުން ވަނީ ކައިވެނި ކޮށްފަ އެވެ.