26 Jun 2010, 14:35
19:00
މާލޭ އިންޓަނޭޝަނަލް އެއަރޕޯޓް ހިންގުން، ބޭރުގެ ކުންފުންޏަކާ ހަވާލުކުރަން ސަރުކާރުން ނިންމައިފައިވާ ނިންމުމާ ދެކޮޅަށް، ރައްޔިތުންގެ މަޖިލީހުގައި ތަމްސީލްކުރާ އިދިކޮޅު ޕާޓީތަކުން ގުޅިފައިވާ ގަރާރެއްގައި މިރޭ ސޮއިކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.
އިތުބާރު ހުރި ފަރާތަކުން ސަން އެފްއެމަށް ކަށަވަރުކޮށްދިން ގޮތުގައި މިރޭ 9.30 ގައި ބާއްވާ ރަސްމީޔާތެއްގައި ގުޅިފައިވާ ގަރާރުގައި ސޮއިކުރައްވާނީ ހަތަރު ޕާޓީއެއްގެ ލީޑަރުންނެވެ. އެއީ ޑީއާރްޕީގެ ލީޑަރު އަހުމްދު ތަސްމީނު އަލީ އާއި ޕީއޭގެ ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި ޖުމްހޫރީ ޕާޓީގެ ރައީސް ގާސިމް އިބްރާހިމާއި ގައުމީ ޕާޓީގެ ރައީސް ޑރ. ހަސަން ސައީދެވެ.
މާލޭ އިންޓަނޭޝަނަލް އެއަރޕޯޓް ހިންގުން، ބޭރުގެ ކުންފުންޏަކާ ހަވާލުކުރަން ސަރުކާރުން ނިންމި ނިންމުމާ ދެކޮޅަށް، އިދިކޮޅު ޕާޓީތަކުން ތެދުވާއިރު، ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިއަދު ވިދާޅުވެފައި ވަނީ ހުޅުލޭ އެއަރޕޯޓް ބޭރު ބަޔަކާ ހަވާލުކުރުމުން ޤައުމުގެ ސިފަތަކަކަށް އަދި ޤައުމުގެ އިސްތިޤްލާލަށް އެއްވެސް އުނިކަމެއް ނާންނާނެ ކަމަށެވެ.