04 May 2020, 11:12
ރޯދަމަހުގެ ފުރަތަމަ 10 އެއް ނިމި އަހަރެމެން ކުރިމަތިމިލީ ދެވަނަ ދިހައަކަށެވެ. އެއާއެކު ސަން ބަދިގޭގައި މިއަދު ބައްދަލުކޮށްލާނީ މުޅިން އާ މެހެމާނެކެވެ.
މިއަދު ގެ ޑިޝް ތައްޔާރުކޮށްދޭނީ އެލީޝާ އިސްމާއިލް (ނޮނާ) އެވެ. ދިވެހި ފުޑް ބްލޮގަރުންގެ ތެރޭގައި މަޝްހޫރު ނަމުންނަމަ 'ޗެފް ގޭމް ސްޓްރޯންގް އެވެ. މީގެ އަހަރުތަކެއްކުރިން އިންސްޓަގްރާމްގައި އޭނާ ބޭނުންކުރަން ފެށި މި ހޭޝްޓެގްއަކީ މިއަދު އޭނާ ކުރަހާ ކުލަޖައްސަމުން އަންނަ އެންމެ ބޮޑު ހުވަފެނެވެ.
ކުރިން އެއީ ހަމައެކަނި ހޭޝްޓެގް އެކެވެ. ނަމަވެސް މިއަދު އޭނާ ތައްޔާރުވަމުންއެދަނީ އެ ނަން ބޭނުންކޮށްގެން އަމިއްލަ ފިއުޝަން ފުޑް ބްޜޭންޑެއް ތައާރަފްކުރުމަށެވެ. އެލީޝާ އަހަރެމެންނާއި އެކު ސަން ބަދިގޭގައި 9 ރެސިޕީއެއް ތައްޔާރުކޮށްދޭނެއެވެ. މިގޮތުން އެންމެ ފުރަތަމަ މިފަށަނީ އެންމެންގެ ފޭވަރިޓް 'ކެރެމަލް ފޮޅީން' ނެވެ. ރެސިޕީގެ އިތުރަށް އެންމެ ފުރިހަމައަށް ކެރެމަލް ފޮޅިއަށް ތައްޔާރުކޮށްލަން ބައެއް ޓިޕްސްވެސް އޭނާ ވަނީ ހިއްސާކޮށްދީފައެވެ.
ބޭނުންވާ ތަކެތި
4 ބިސް
- 1 ދަޅު ގެރިކިރު
- 1 މޭޒުމަތީ ސަމްސާ ވެނީލާ އެސެންސް
- 1 މޭޒުމަތީ ސަމްސާ ފުށް
ތައްޔާރުކުރާނެ ގޮތް
ބިހާއި ގެރިކިރާއި ވެނީލާ އެސެންސް އެއްކޮށްލާ ރަނގަޅަށް މިކްސް ކޮށްލާށެވެ. އެއަށްފަހު އެލީޝާގެ ސީކްރެޓް އިންގްރިޑިއަންޓް ކަމުގައިވާ އެއް މޭޒުމަތީ ސަމްސާ ފުށްކޮޅު އަޅާ މިކްސްކޮށްލާށެވެ. އޭނާ ބުނާގޮތުން ފުށްކޮޅާއި އެކީ ފާހަގަވާ ބޮޑު ތަފާތެއް ކެރެމަލް ފޮޅިން ފާހަގަވާނެ އެވެ.
ހުރިހާ އިންގްރިޑިއަންޓެއް މިކްސްކޮށްލުމަށް މިކްސާއެއްވެސް ބޭނުންކުރެވިދާނެ އެވެ. ނޫނީ އާދައިގެ ވިސްކެއްވެސް ފުދޭނެ އެވެ.
އެއަށްފަހު ތަވާ ނަގާ ގިނި އާދައިގެ ވަރަކަށް މަޑުކޮށް ނުވަތަ މީޑިއަމްލޯކޮށް ބަހައްޓާށެވެ. އެއަށްފަހު ތެޔޮކޮޅެއް ނުވަތަ ބަޓަރު ކޮޅެއް ތަވާގައި ހާކާލާށެވެ. މިކަމަށް ޓިޝޫއެއް ބޭނުންކުރެވިދާނެ އެވެ.
ދެން، ސަމްސާ ނުވަތަ އުދުޅިން ބެޓާކޮޅެއް ތަވާއަށް އެޅުމަށްފަހު ތަވާބޭނުންކޮށްގެން ފަތުރާލާށެވެ.
އެއާއެކު 'ޕާރފެކްޓް' ކެރެމަލް ފޮޅިއަކަށް ބޭނުންނަމަ އެލީޝާ ބުނާގޮތުން ކޮންމެ ފޮޅިއަކަށްވެސް އެކަށީގެންވާ މިންވަރަށް ބެޓާގަނޑު އެޅުން މުހިންމެވެ. މާ ބައިވަރެއް އަޅައިފިނަމަ ފިހެވެން ގިނައިރުވެ، ރޯލް ކުރަންވެސް އުނދަގޫ ވާނެ އެވެ. ހަމައެޔާއެކު ރޯލް ކުރުމަށް ވީޑިއޯއިން ފެންނަ ފަދައިން ސްޕެޓިއުލާ ބޭނުންކުރުމުން ވެސް އިތުރަށް ފަސޭހަވާނެއެވެ. އަދި ރޯލްކުރުމުގެ ކުރިން ސްޕެޓިއުލާގެ ކޮޅު ކުޑަކޮށް ތެތްކޮށްލުމުން ތަތްލެވުން ކުޑަވާނެ އެވެ.
މީގެއިތުރުން ތުނިކޮށް މީރުކޮށް ފޮޅި އަޅަން ބޭނުންނަމަ އެއް ބެޓާގަނޑުން ދެ ފޮޅި އެޅޭހެން ދެފަރާތުން ރޯލްކުރަމުން ދާށެވެ. އަދި މެދުން ކަފާލާށެވެ.
ރަހަމީރު، އެންމެ ރަހަ ހެޔޮވަރުވަރުގެ ކެރެމަލް ފޮޅިއެއް އެޅޭނެ އެވެ. އަވަހަށް އަޖުމަ ބަލައިލާށެވެ.