ދައުލަތުގެ އެކި މުއައްސަސާތަކާއި އިދާރާތަކުން ކޮވިޑް-19އާ ގުޅިގެން ކުރާ ހަރަދުތަކުގައި ކޮރަޕްޝަންގެ އަމަލުތައް ވީހާވެސް ކުޑަކުރުމުގެ ގޮތުން އަމަލު ކުރާނެ ގޮތުގެ އުސޫލުތަކެއް ކަނޑައަޅައި، ފިނޭންސް މިނިސްޓްރީއިން ސަރުކާރުގެ އޮފީސްތަކަށް އަންގައިފި އެވެ.

މި ފިޔަވަޅުތައް ހިމެނޭ ގޮތަށް ފިނޭންސް މިނިސްޓްރީން މިއަދު ނެރުނު ސާކިއުލާގައި ބުނީ ދައުލަތުން ހަރަދުކުރަން ޖެހޭ ކަންކަން ނިންމުމުގެ ބާރާއި މުތުލަގު ބާރުތައް އެކަކުގެ އަތުގައި ނުބޭއްވުމަށާއި މަސައްކަތާ ގުޅޭ ޒިންމާތައް ވަކިކުރުމަށްފަހު އެކި ފަރާރްތަކަށް ހަވާލުކުރަން ވާނެ ކަމަށެވެ.

ކޮވިޑް-19އާ ގުޅިގެން ނިންމާ ނިންމުތަކާ ގުޅޭ ތަފްސީލު ލިޔެކިޔުމުން ފެންނަން ހުންނަންވާނެ ކަމަށާއި ކޮވިޑް-19އާ ގުޅިގެން ކުރަމުންދާ ހުރިހާ ހަރަދުތަކުގެ ތަފްސީލު ފިނޭންސް މިނިސްޓްރީއަށް ރިޕޯޓު ކުރަމުންދާކަން އިދާރާތަކުގެ ފައިނޭންސް އެގްޒެކެޓިވުން ކަށަވަރު ކުރަން ޖެހޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.

އިމަޖެންސީކޮށް ތަކެތި ބަލައިގަތުމުގެ އިތުރުން އިމަޖެންސީކޮށް ހަދަންޖެހޭ އެއްބަސްވުންތައް ހަދާ ހާލަތްތަކުގައި ވެސް އެކަމަކާ ގުޅޭ ގަވާއިދުތަކާއި އުސޫލުތަކުގައި ކަނޑައަޅާފައި ހުންނަ ކަންކަން ފުރިހަމަ ކުރަން ޖެހޭނެ އެވެ. އަދި ކާރިސާގެ ހާލަތުގައި ދައުލަތަށް ހިދުމަތާއި ތަކެތި ހޯދަނީ އާންމުންގެ ފުރާނައާއި ރައްކާތެރިކަން ޔަގީންކުރުން ކަން ފާހަގަކޮށް، ތަކެއްޗާއި ހިދުމަތް ހޯދަނީ މި ވަގުތަށް ބަލާފައި އެކަށީގެންވާ އަގެއްގައި ކަން ކަށަވަރު ކުރުމަށްވެސް އެ ސާކިއުލާގައި އަންގާފައިވެ އެވެ.

މަސައްކަތްތަކުގައި ޒިންމާވާ ފަރާތްތައް ވެސް ކަނޑައަޅައި ލިޔުމުން އެނގެން އޮންނަންވާނެ ކަމަށް އެ ސާކިއުލާގައި ބުނެ އެވެ. އަދި މަސައްކަތް ހަވާލުކުރާ ކުންފުނިތަކާއި ފަރާތްތަކަކީ އެ ފަރާތެއްގެ އަސްލީ މަސައްކަތުގެ އިހުތިސާސްގައި އެފަދަ މަސައްކަތް ހިމެނޭ ފަރާތެއް ތޯ ބެލުމާއި އެކަން ކުރުމުގެ ގާބިލުކަންހުރި ފަރާތެއްކަން ކަށަވަރު ކުރަން ޖެހެ އެވެ.

މީގެ އިތުރުން ތަކެތި ހޯދަން ކޮންޓްރެކްޓް ހަވާލުކުރުމުގެ ކުރިން ލިބެން އޮތް އެންމެ ބޮޑު ވާދަވެރިކަމެއް ހޯދުމާއި އެ ވަގުތަކަށް ބޭނުންވާ ވަރަށްވުރެ އިތުރަށް ތަކެތި ނުހޯދުމަށް ވެސް ވަނީ އަންގާފަ އެވެ.

ހަމައެއާއެކު ބީލަން ހަވާލުކުރުމަށްފަހު މާލިއްޔަތު ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން އެ އިދާރާއެއްގެ ވެބްސައިޓުގައި އެކަން ޝާއިއުކުރުމަށް ވެސް އަންގާފައިވެ އެވެ. މިގޮތަށް ޝާއިއުކުރާއިރު ބީލަމުގެ ކުރު ހުލާސާ، ހަވާލުކުރެވުނު ފަރާތް، ހަވާލުކުރެވުނު ތާރީހު އަދި ހަވާލުކުރެވުނު އަގާއި މުއްދަތު ވެސް ބަޔާންކުރަން ޖެހޭނެ އެވެ.