03 May 2020, 17:49
ކޮރޯނާވައިރަހުގެ އިގްތިސާދީ ގެއްލުންތަކުން އަރައިގަތުމަށް އަމިއްލަ ކުންފުނިތަކަށް ސަރުކާރުން ދޫކުރާ ރިލީފް ޕެކޭޖު ލިބޭ ކުންފުނިތަކުން މުވައްޒަފުންނާ މެދު އިހާނެތިކޮށް ކަންތައްކުރާ ނަމަ ދޫކުރި ފައިސާގެ ވަކި ޕަސެންޓެއް ޖޫރިމަނާގެ ގޮތުގައި ނަގަން، ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާއީ ކޮމިޓީން ހުށަހަޅައިފި އެވެ.
އިގްތިސާދީ ގެއްލުންތަކުން އަރައިގަތުމަށް އަމިއްލަ ކުންފުނިތަކަށް ސަރުކާރުން ދޫކުރާ 2.5 ބިލިއަން ރުފިޔާގެ ރިލީފް ޕެކޭޖެއް ވަނީ ތައާރަފްކޮށްފަ އެވެ. އަދި އެ ޕެކޭޖަށް އެދުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.
ކޮވިޑް-19 ރޯގާ ފެތުރުނަ ނުދިނުމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން އާއިލާތަކާއި ވިޔަފާރިތަކުގެ އާމްދަނީއަށް އަންނަ ނުރަނގަޅު ބަދަލުތަކުން އަރައިގަތުމަށް، ސަރުކާރުން ހިންގުމަށް ނިންމާފައިވާ ޕްރޮގްރާމް ތަންފީޒުކުރުމާމެދު ރައްޔިތުންގެ މަޖިލީހުން ދެކޭ ގޮތް ކަނޑައެޅުމާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން އިޖްތިމާއީ ކޮމިޓީގެ ދާއިރާގެ ތެރޭގައި ހިމެނޭ މަސައްކަތް، ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު މިހާރު ވަނީ އާންމުކޮށްފަ އެވެ.
އެ ރިޕޯޓުގައި ވަނީ މޮރިޓޯރިއަމް ޕެކޭޖް ދިނުމަށް ފަހު، އެފަރާތްތަކުން އަމަލުކުރާގޮތް މާލެއާއި އަތޮޅުތެރޭގައިވާ ޖޮބް ސެންޓަރު މެދުވެރިކޮށް ބަލަމުންގެންދަން ހުށަހަޅަައިފަ އެވެ.
އަދި މޮރިޓޯރިއަމް ޕެކޭޖް އެއްފަހަރާ ދޫނުކުރުމަށާއި، އެފަރާތްތަކުން މުވައްޒަފުންނާ މެދު އިހާނެތިކޮށް ކަންތައްތައް ކުރަމުން ގެންދާނަމަ، ދޫކުރެވިފައިވާ ފައިސާގެ ވަކި ޕަސެންޓެއް ޖޫރިމަނާގެ ގޮތުގައި ނެގުމަށް ވެސް ވަނީ ހުށަހަޅައިފަައެވެ.
ކޮމިޓީ ރިޕޯޓުގައި ބުނެފައި ވަނީ ކޮމިޓީގެ ހުށަހެޅުންތަކުގެ އަމާޒަކީ، ކޮވިޑް-19އާ ގުޅިގެން ތައާރަފްކުރާ މޮރިޓޯރިއަމް ފެކޭޖްތަކަކީ، އިގްތިސޯދަށް ހެޔޮ ބަދަލެއް އަންނާނެ ފަދަ ގޮތަކަށް ބައްޓަންވެފައިވާ ޕެކޭޖުތަކަކަށްވުމާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް މި ހާލަތުން އަރައިގަތުމަށް އެހީތެރިކަން ލިބުން ޔަގީންކުރުމާއި، ތައުލީމީ ނިޒާމު ހަރުދަނާވުމާއި ރައްޔިތުންގެ މެދުގައި އިޖްތިމާއީ ދުޅަހެޔޮކަން އިތުރުކޮށް، ރައްޔިތުންނަށް ދިމާވަމުންދާ އެކި ކަހަލަ ދަތިތައް ލުއިވެ، މި ބަލިމަޑުކަމުން އަރައިގަތުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ވީހާ ވެސް ރަނގަޅަށް ތަންފީޒުކުރެވޭނެ ގޮތް މަގުފަހިކުރުވުން ކަމަށެވެ.
ކޮވިޑް19 އާ ގުޅިގެން ގިނަ ބައެއްގެ ވަޒީފާއަށް ވަނީ ބަދަލު އައިސްފަ އެވެ. ގިނަ ބައެއްގެ ވަޒީފާ ގެއްލިފައި ވާއިރު، މުސާރަ ކުޑަވެ، އަދި މުސާރަ ނުލިބޭ ގޮތަށް ޗުއްޓީ ނެގުމަށް ވެސް ބައެއް ފަރާތްތަކަށް ވަނީ މަޖުބޫރުކޮށްފަ އެވެ.
މިހާތަނަށް ކޮވިޑް19 އާ ގުޅިގެން ވަޒީފާގެ ހާލަތަށް ބަދަލު އައިސްގެން 1300 އަށްވުރެ ގިނަ މީހުން ވަނީ ކޮން ސެންޓަރުގައި ރަޖިސްޓްރީވެފަ އެވެ.