ރާއްޖޭގައި ކްރިސްޓިއަން ދީން ފަތުރަން މަސައްކަތްކުރަނިކޮށް ޑީޕޯޓްކޮށްފައިވާ އެތައް ބަޔަކު ރައީސް ނަޝީދު ވެރިކަމާ ހަވާލުވުމަށް ފަހު، ޑީޕޯޓް ކެންސަލްކޮށް އެ މީހުން ރާއްޖެ ގެނެސްފައިވާ ކަމަށް ކަމަށް ޖަމިއްޔަތުއް ސަލަފުން ބުނެފި އެވެ.

ސަލަފުން އިއްޔެ ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ ޑީޕޯޓް ކެންސަލް ކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި ތ. އަތޮޅު ކިބިދޫގައި ކުރިސްޓިއަން ދީން ފަތުރަނިކޮށް ސާބިތުހެއްކާ އެކު އަތުލައި 2009 ވަނަ އަހަރު ޑީޕޯޓް ކޮށްފައިވާ ޑޭވިޑް ރޮބަޓް ވެޓް ޝަން ވެސް ހިމެނޭ ކަމަށެވެ.

"ރައީސް ނަޝީދު 2008 ވަނަ އަހަރުގެ ނޮވެމްބަރު 11 ވަނަ ދުވަހުގެ ހުވާކުރުމުގެ ކުރިން އެންމެ ފުރަތަމަ ވެސް ކުރައްވާފައިވާ ކަމަކީ މިފަދަ މީހުން ރާއްޖެ ގެނައުމަށް ހާއްސަ އެންގުމަކުން އެންގުން. އަދި 6 ނޮވެމްބަރުގައި، ހުވާކުރެއްވުމުގެ ކުރިން އިމިގްރޭޝަނަށް މެމޯ ފޮނުވައި އެފަދަ މީހުންނަށް މައާފް ދެއްވަވައި ރާއްޖެ އަށް އަލުން ވަޑައިގަތުމަށް ދައުވަތު އެރުވީ. މީގެ ތެރެއިން ބައެއް ބޭފުޅުން ވަނީ ރިޔާސީ ހުވައި ކުރުމުގެ ރަސްމިއްޔާތަށް ވެސް ދައުވަތު ދީގެން ގެންނަވާފައި،" ސަލަފްގެ ބަޔާނުގައިވެ އެވެ.

ރައީސް މައުމޫންގެ ވެރިކަމުގައި އިސްލާމްދީން ނޫން ދީންތައް ފެތުރުމަށް މަސައްކަތްކޮށްފައިވާ ކަމުގެ ތުހުމަތުގައި ޑީޕޯޓްކުރި އިނގިރޭސި ވިލާތުގެ ހަ މީހެއްގެ ނަމާއި ޕާސްޕޯޓް ނަމްބަރު ވެސް ސަލަފުން ވަނީ އާންމުކޮށްފަ އެވެ. އެ މީހުންގެ ތެރޭގައި ހިމެނެނީ ޑޭވިޑް ހާޑިން ހަމް އާއި ޕައުލް ރޮބަޓާއި ޖޫޑް ލެއިންގްއާއި ގްރަހަމް ކުއިކާއި ފިލިޕް ވެލްމަނާއި އެޑަމް ކޫޕާ ކަމަށް ވެސް ސަލަފުން ބުންޏެވެ.

އެ މީހުންގެ އިތުރުން ވެސް މިސަރުކާރު ވެރިކަމަށް އައުމުގެ ކުރިން ބުލެކް ލިސްޓް ކޮށްފައިވާ އިތުރު 13 މީހަކު ރައީސް ނަޝީދުގެ އެންގެވުމަށް ރައީސުލްޖުމުހޫރިއްޔާގެ ސްޕެޝަލް އެންވޯއީ އިބްރާހިމް ޒަކީ ކޮންޓްރޯލާ އޮފް އިމިގްޜޭޝަނަށް އަންގަވައިގެން 22 ޑިސެމްބަރު 2008ގައި އެމީހުންނަށް ރާއްޖެ އައުމުގެ ހުއްދަ ދީފައިވާ ކަމަށާއި އެމީހުންގެ ތެރޭގައި ކުރިސްޓިއަން ދީން ފަތުރަނިކޮށް ތ. އަތޮޅު ކިބިދޫން އަތުލައިގަނެ ޑީޕޯޓް ކޮށްފައިވާ އިގިރޭސި ވިލާތުގެ މީހަކު ވެސް ހިމެނޭ ކަމަށް ވަނީ ބުނެފަ އެވެ.

ސަލަފުން އާންމުކޮށްފއިވާ 13 މީހުންގެ ތެރޭގައި ހިމެނެނީ ޖޯޑަންގެ ދެ ރައްޔިތެއް ކަމަށްވާ އަބޫ އަބުދުﷲ އާއި އަބުދުލް އިސާ މުހައްމަދު ބިން އަހުމަދާއި އެމެރިކާގެ ރައްޔިތުން ކަމަށްވާ ނިކޮލަސް ގްރޭސް އާއި މައިކަލް ޖޯސެޕް ސްޓެނިކާއި ބްރެއިން ރޮންޑަލް ސްޓޭޖްގެ އިތުރުން އިނގިރޭސި ވިލާތުގެ ރައްޔިތުން ކަމަށްވާ މައިކަލް އެންތަނީ ލޯރޑް ކެސެލް އާއި އަނީތާ ޓެސްޓާއި ޑޭވިޑް ރޮބަޓް ވެސްޓަން އާއި ޕެޓްރިކް ކޭމްބެލް އެވެ.

މީގެތެރެއިން ބައެއް މީހުންގެ ތެރޭގައި ހިމެނޭ ފަރާތްތަކަކީ ޓްރެވެލް ގައިޑް ޑޮޓްކޮމްގެ ނަމުގައި މީމީހުން ރާއްޖޭގައި ހިންގާ ހަރާކާތްތަށް ހިންގަމުން އަންނަ ފަރާތްތަކެއް ކަމަށާއި އެ ޖަމާއަތުން ބޭނުންކުރާ އެކައުންޓްނަމްބަރަކީ ދުނިޔޭގައި 80 ގައުމެއްގައި ކުރިސްޓިއަން ފައްޅި އެޅުމުގެ މިޝަން ކުރިއަށް ގެންދާ އެންމެ ބޮޑު އޯގަނައިޒޭޝަޝަން (ސައިޓް) ހިންގާ ފަރާތުން ވެސް ބޭނުންކުރާ ނަމްބަރުކަމަށް ވުމަކީ އިއްތިފާގެއްކަމަށް ގަބޫލްނުކުރެވޭ ކަމަށް ވެސް ސަލަފްގެ ބަޔާނުގައިވެ އެވެ.

ސަލަފުން ބުނެފައި ވަނީ މިފަދަ އަމަލްތައް ހިންގާ ބަޔަކަށް ރާއްޖޭގެ ފަސްގަނޑުގައި ޖާގަދިގެން ނުވާނެ ކަމަށާއި އެކަންކަން ކުރާ ބަޔަކު ހޯދައި ގައުމީ ދިފާއީ މުއައްސަސާ އާއި ތަހުގީގް ކުރުމަށް ފަހު ރާއްޖޭގެ ސްޕްރީމްކޯޓުން އެ މައްސަލަ ވަރަށް ސީރިއަސް މައްސލައެއްގެ ގޮތުގައި ބެލުމަށް ވަނީ ގޮވާލައިފަ އެވެ.

ސަލަފުގެ ތުހުމަތަކީ ތެދެއްތޯ ދެންނެވުމުން ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން އަބްދުﷲ ޝާހިދު މިއަދު ވިދާޅުވީ ކުރީގެ ކުރިން ރާއްޖޭގައި ކްރިސްޓިއަން ދީން ފަތުރަން އުޅުމުގެ ތުހުމަތުގައި ޑީޕޯޓްކޮށްފައި ތިބި ބަޔަކަށް ފަހުން ރާއްޖެ އައުމުގެ ފުރުސަތު ދީފައިވެ ދާނެ ކަމަށާއި ޖެހޭނީ ބައްލަވާލައްވަން ކަމަށެވެ.