03 May 2020, 15:27
ހަލުވިކަމާއި އެކު މާލޭގައި ފެތުރެމުންދާ ކޮވިޑް-19 ބަލިމަޑުކަމުގެ ސަބަބުން ހަލާގައި ޖެހިފައިވާ ބިދޭސީންނަށް އެހީވުމަށް މޯލްޑިވްސް ރެޑް ކްރެސެންޓުން ފަންޑެއް ހުޅުވައިފި އެވެ.
ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ރެޑް ކްރެސެންޓުގެ ރައީސް އަލީ ނަޝީދު ވިދާޅުވީ އެ ފަންޑު ހުޅުވާލާފައިވަނީ މި މަހުގެ އެއް ވަނަ ދުވަހު ކަމަށެވެ.
"މި ފަންޑަކީ މިހާރު ވެސް ދިވެހި ރެޑް ކްރެސެންޓުން ފަށާފައިވާ ހާލުގައި ޖެހިފައިވާ ބިދޭސީންނަށް އެހީވުމަށް ކުރަމުންދާ މަސައްކަތް އިތުރަށް ފުޅާކޮށް ދެމެހެއްޓެނިވި ގޮތެއްގައި އެހީ ބޭނުންވާ ފަރާތްތަކަށް އެހީ ފޮރުކޮށްދިނުމުގެ މަގުސަދުގައި ހުޅުވާފައިވާ ފަންޑެއް،" އަލީ ނަޝީދު ވިދާޅުވި އެވެ.
މޭމަހުގެ ނިޔަލަށް ހުޅުވާފައިވާ އެ ފަންޑަށް ފައިސާ ހަދިޔާ ކުރެވޭނެ އެންމެ ފަސޭހަ ގޮތަކީ ދިވެހި ރެޑްކްރެސެންޓްގެ ސައިޓްގައިވާޑޮނޭޓް ބަޓަންމެދުވެރުކޮށް ކަމަށް އަލީ ނަޝީދު ވިދާޅުވި އެވެ. ހަމައެއާ އެކު ވެބްސައިޓްގައިވާ ބޭންކް އެކައުންޓްތަކަށް ފައިސާ ފޮނުވައިގެން ވެސް އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށް އަލީ ނަޝީދު ވިދާޅުވި އެވެ.
ތިން ދުވަސް ތެރޭގައި އެ ފެންޑަށް މިހާރު 190،000 ރުފިޔާ ލިބިފައިވާކަން އަލީ ނަޝީދު ފާހަގަކުރެއްވި އެވެ.
ބިދޭސީންނަށް އެހީވުމަށް ކުރާ މަސައްކަތުގެ ތެރޭގައި ކާބޯތަކެއްޗަށް ދަތިވެފައިވާ ފަރާތްތަކަށް ކާނާ ފޯރުކޮށްދިނުމާއި ކެއްކޭ ކެވޭނެ ގޮތަށް ހުންނަ ތަންތަނަށް ކާޑާއި އެހެނިހެން ޒަރޫރީ ތަކެތި ފޯރުކޮށްދޭނެ ކަމަށް އަލީ ނަޝީދ ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ ކަރަންޓީން ފެސިލިޓީތަކާއި އެހެނިހެން ވަގުތީ ހިޔާތަކުގައި އުޅޭ ބިދޭސީންގެ ސާފުތާހިރުކަން ކަށަވަރުކުރުމަށްޓަކައި ހައިޖީން ކިޓް ފޯރުކޮށްދިނުމުގެ މަސައްކަތް މިހާރު ވެސް ކުރަމުން އަންނަ ކަމަށެވެ.
މިހާތަނަށް ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 519 އަށް އަރާފަ އެވެ. އޭގެތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 265 މީހުންނާއި، 178 ދިވެހީންނާއި 52 އިންޑިއާ މީހުންނާއި އިޓަލީގެ 11 މީހުންނާއި ޕާކިސްތާންގެ ތިން މީހަކާއި ނޭޕާލް ތިން މީހުންނާއި ލަންކާ ތިން އަދި އެހެނިހެން ގައުމުތަކުން ހަތަރު މީހެކެވެ.
މާލޭގައި ދިރިއުޅޭ ބިދޭސީންްގެ މެދުގައި ކޮވިޑް19 ހަލުވިކަމާއެކު ފެތުރެމުން އަންނާތީ ބަލީގެ ނުރައްކަލަށް ހުށަހެޅިފައިވާ ހުރިހާ ބިދޭސީން، ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ކަނޑައަޅާ ތަނެއްގައި ކަރަންޓީނު ކުރަން ނިންމައި އޭގެތެރެއިން އެއްބަޔަކު ރޭ ވަނީ ގުޅީފަޅުގައި ހަދާފައިވާ ކަރަންޓީން ފެސިލިޓީތަކަށް ބަދަލުކޮށްފަ އެވެ.