ލަންޑަން (3 މޭ 2020) : ކޮރޯނާ ވައިރަސް "ކޮވިޑް-19" ޖެހިގެން ވަރަށް ބޮޑުވޭނެއް އުފުލަންޖެހުނު ކަމަށާ މަރުގެ ތުންފަތް މައްޗަށް ވެސް ދިޔަކަމަށް އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19 އިން ޝިފާ ލިބި މަސައްކަތަށް ނުކުންނެވުމަށްފަހު "ދަ ސަން އޮން ސަންޑޭ" ނޫހަށް ދެއްވި ބަސްދީގަތުމެއްގައި ޖޯންސަން ވިދާޅުވީ ކޮވިޑް-19ގެ ސަބަބުން އޭނާއަށް "މަރުގެ ރަހަ" އިހްސާސް ކުރެވުނު ކަމަށާއި އޭނާގެ ހާލުކޮޅު މާބޮޑަށް ދަށަށްގޮސް އައިސީޔޫގައި ފަރުވާދިންއިރު އުންމީދު ކަނޑާލައި އޭނާގެ މަރު އިޢުލާނު ކުރަންވެސް ޑޮކްޓަރުން ތައްޔާރުވި ކަމުގައެވެ.

ޖޯންސަން ވިދާޅުވީ ލަންޑަންގެ ސެއިންޓް ތޯމަސް ހޮސްޕިޓަލުގެ އައިސީޔޫގައި ޑޮކްޓަރުންގެ ޓީމަކުން އޭނާއަށް ފަރުވާދިނުމުގައި ބޭނުންކުރީ ކުރީގެ ސޮވިއެޓް ޔުނިޔަންގެ ޒައީމު ޖޯޒެފް ސްޓާލިން އަވަހާރަވުމުގެ ހާދިސާއާ ބެހޭ ގޮތުން 2017 ވަނައަހަރު އުފެއްދި ފިލްމުގައި ޑޮކްޓަރުން ބޭނުންކުރި ސްޓްރެޓެޖީ ކަމުގަ އެވެ. ޖޯޒެފް ސްޓާލިން އަވަހާރަވީ 5 މާޗް 1953 ގައެވެ. ނަމަވެސް އެސްޓްރެޓެޖީގެ ތަފްސީލު ޖޯންސަން ދެއްވާފައެއް ނުވެއެވެ.

ޖޯންސަން ވިދާޅުވީ އޭނާ އައިސީޔޫގައި އޮންނެވިއިރު ކޮންމެވެސް ވަރަކަށް ވާނުވާ އެނގުނު ކަމަށާ އޭނާ އަވަހާރަ ވެއްޖެ ހާލަތެއްގައި އަމަލުކުރާނެ އިމަޖެންސީ ޕްލޭންތަކާބެހޭ ގޮތުން ޑޮކްޓަރުންނާއި އިނގިރޭސި ސަރުކާރުގެ އިސް މަސްއޫލުވެރިން މަޝްވަރާ ކުރެއްވިކަން އައިސީޔޫގައި އޮތްއިރު އެނގުނު ކަމުގަ އެވެ.

މިދިޔަ މާޗް މަހުގެ 27 ގައި ޖޯންސަން ކޮރޯނާވައިރަހަށް ޕޮޒިޓިވްވީ ކޮރޯނާ ވައިރަސްއާ މެދު ފަރުވާ ކުޑަކޮށްލައި ސިއްޙީ ރައްކާތެރިކަމުގެ އެއްވެސް ފިޔަވަޅެއް ނާޅައި އަދި އެކަމާ ބެހޭ ވަސީލަތެއް ވެސް ބޭނުން ނުކުރައްވައި އެއީ އާދައިގެ ރޯގާ އެއްކަމަށް ދެކެވަޑައިގެން ގިނަތަންތަނަށް ވަޑައިގެން އެތަށް ބަޔަކާ ބައްދަލުކުރައްވައި ސަލާމް ކުރައްވައި ގައިގޯޅިވެގެން އުޅުއްވުމަށްފަހު ގައެވެ. ޖޯންސަން އެގޮތަށް ބަލާނުލައި އުޅުއްވިއިރު އިނގިރޭސިވިލާތުގައި ކޮވިޑް-19 ދިޔައީ ވަރަށް ބާރަށް ފެތުރެމުންނެވެ. މިކަން އެނގުނީ ވަގުތު ފާއިތުވި ފަހުންނެވެ.

ފަހުން ޖޯންސަންވަނީ ކޮވިޑް-19 އާމެދު ފަރުވާކުޑަކޮށްލެވުނު ކަމަށް އެއްބަސްވެ ވަޑައިގެންފައެވެ. ޖޯންސަން ކޮރޯނާވައިރަހަށް ޕޮޒިޓިވްވުމުން އެކަހެރިވެ ވަޑައިގެން ފުރަތަމަ ހުންނެވީ އޭނާގެ އޮފީހުގެ ވަކި ތަނެއްގައެވެ. އޭގެ 10 ދުވަސް ފަހުން އެ ރޯގާގެ އަލާމާތްތައް އޭނާގެ ފަރާތުން ވަރަށް ބޮޑަށް ފެންނަން ފެށުމުން ލަންޑަންގެ ސެއިންޓް ތޯމަސް ހޮސްޕިޓަލުގައި ޖޯންސަން އެޑްމިޓުކުރިއެވެ. އޭގެ ފަހުން ޖޯންސަންގެ ހާލަތު އިތުރަށް ގޯސްވެ އެ ހޮސްޕިޓަލުގެ އައިސީޔޫއަށް އޭނާ ބަދަލުކުރިއެވެ. އައިސީޔޫގައި ފަރުވާދިނުމަށް ފަހު ޖޯންސަން ހޮސްޕިޓަލުން ދޫކޮށްލީ އެޕްރީލް މަހުގެ 12 ވަނަ ދުވަހު އެވެ.

އިނގިރޭސިވިލާތަކީ ކޮވިޑް-19ގެ ޝިކާރައަކަށް އެންމެ ބޮޑަށްވި ހަަތަރު ގައުމުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. އެ ހަތަރު ގައުމަކީ އެމެރިކާ، އިޓަލީ ސްޕޭން އަދި އިނގިރޭސިވިލާތެވެ. އިނގިރޭސިވިލާތުގައި 183 ހާހަށްވުރެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހިފައިވާއިރު އެރޯގާގައި 28 ހާހަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. މަރުވި މީހުންގެ ތެރޭގައި ޑޮކްޓަރުންނާއި ނަރުހުންވެސް ހިމެނެއެވެ.

އިނގިރޭސިވިލާތުގައި ކޮވިޑް-19 އާދަޔާ ޚިލާފަށް ފެތުރި ކޮމިއުނިޓީ ސްޕްރެޑަކަށް ދިޔައީ ސިއްޙީ ދާއިރާގެ ގޮވާލުންތަކަށް ކުރީކޮޅު މާބޮޑު ސަމާލުކަމެއް ނޫދީ ޖޯންސަންގެ ސަރުކާރުން އެ ރޯގާއާމެދު އަޅާނުލުމުގެ ސަބަބުން ކަމަށް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް ކޮވިޑް-19 ފެތުރެން ފެށުމުން ޖޯންސަންގެ ސަރުކާރުންވަނީ އެ ރޯގާއާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. ("ދަ ސަން އޮން ސަންޑޭ + ނޫސް އެޖެންސީތައް)