ހުއްދަނެތި ނޭކުރެންދޫއަށް އެރިބަޔަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ރޭ 2:28 ހާއިރު ހދ މަކުނުދޫ އިން ތިން މީހުންނާއެކު ފުރައިގެން ދިޔަ ޑިންގީއެއް ހުއްދަނެތި އެއަތޮޅު ނޭކުރެންދޫ އަށް ކައިރިކޮށް، ސިއްރުން އެ ރަށަށް އަރަން އުޅުނު މައްސަލައެއް ހުށަހެޅިފައިވާ ކަމަށެވެ.

މި މައްސަލައާއި ގުޅިގެން ތިން މީހުން ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ.

މި ތިންމީހުން ފެނިފައިވަނީ ނޭކުރެންދޫ ޕެޓްރޯލު ކުރަމުންދިޔަ ފުލުހުންނަށް ކަމަށާއި އެ މީހުން ނޭކުރެންދޫ އަށް އަރަން އުޅުނީ ރަށުގެ ފުއްޓަރި ފަރާތު ފަޅުތެރެއަށް ޑިންގީ ކައިރިކޮށްގެން ކަމަށްވެސް ފުލުހުން ބުންޏެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ އުމުރުން 25 އަހަރުގެ ދިވެހި ދެ ފިރިހެނުންނާއި 32 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކޮވިޑް19 އާއި ގުޅިގެން ސިއްހީ ކުއްލި ނުރައްކާ އިއުލާނުކޮށް ރާއްޖޭގެ އެއްރަށުން އަނެއްރަށަށް ހުއްދަ ނެތި ދަތުރުކުރުން މަނާކޮށްފައިވާ މި ދަނޑިވަޅުގައި، ހުއްދަ ނެތި ރަށްރަށަށް އަރާ މީހުން ފުލުހުން ދަނީ ހައްޔަރު ކުރަމުންނެވެ.