03 May 2020, 15:06
މެޑްރިޑް (މެއި 3): ސްޕެއިންގައި ރޭލާއި ބަހާއި އެހެން ނޫނަސް ގިނަ އަދަދެއްގެ މީހުން ބޭނުން ކުރާ އުޅަނދުތަކަށް އަރާ މީހުން އަނގަ އާއި ނޭފަތް ނިވާވާ ގޮތަށް މާސްކު އަޅަން އެގައުމުގެ ސަރުކާރުން އަންގައިފި އެވެ.
ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ވިދާޅުވި ގޮތުގައި އެގައުމުގެ ސަރުކާރުން ދަތުރުފަތުރު އޮންނަ ތަންތަނުގައި ހަ މިލިއަން މާސްކު ބަހާނެ އެވެ. އަދި އިތުރު ހަ މިލިއަން މާސްކު ބެހުމަށް ކަމާ ބެހޭ އިދާރާތަކާ ހަވާލު ކުރާނެ އެވެ.
ސްޕެއިން އިން އެ އިއުލާންކޮށްފައި ވަނީ އެގައުމުން ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމަށް އެޅި ހަރުކަށި ފިޔަވަޅުތައް ލުއި ކުރަމުންދާ ދަނޑިވަޅެއްގަ އެވެ. އެގައުމުން ވަނީ މާޗް 14އިން ފެށިގެން ޒަރޫރީ ބޭނުންތަކަށް ފިޔަވާ މީހުން ބޭރަށް ދިޔުން މަނާކޮށްފަ އެވެ.
ނަމަވެސް މިހާރު އެގައުމުން ވަނީ އެކި ގަޑިތަކުގައި މީހުން ކަސްރަތު ކުރަން ގެއިން ބޭރަށް ދާން ހުއްދަ ދޭން ފަށާފަ އެވެ. އެގޮތުން 14 އަހަރުން ދަށުގެ ކުޑަކުދިންނަށް ވަނީ އެއް ބެލެނިވެރިއަކާ އެކު، ގިނަވެގެން އެއް ގަޑި އިރަށް 12:00 އާއި 19:00އާ ދޭތެރޭ ބޭރަށް ދާން ހުއްދަ ދީފަ އެވެ. އަދި 14 އަހަރާއި 70 އަހަރާ ދެމެދުގެ އެންމެންނަށް 6:00 އާއި 10:00އާ ދޭތެރޭ ނުވަތަ 20:00 އާއި 23:00އާ ދޭތެރޭ ކަސްރަތު ކުރަން ބޭރަށް ދެވޭނެ އެވެ. އޭގެ އިތުރުން ބާކީ ގަޑިތައް ހާއްސަކޮށްފައި ވަނީ އުމުރުން ދުވަސްވީ މީހުންނާއި ބަލި ޖެހުމުގެ ނުރައްކާ ބޮޑު އިތުރު މީހުންނަށެވެ.
ސްޕެއިންގެ އިތުރުން ޔޫރަޕްގެ އެހެން ގައުމުތަކުގައިވެސް އިއުލާންކޮށްފައިވާ ފިޔަވަޅުތައް މިހާރު ދަނީ ލުއި ކުރަމުންނެވެ. ނަމަވެސް ޖިސްމާނީ ގައިދުރުކަން ބެހެއްޓުމަށާއި މާސްކު އަޅަން އަދިވެސް ދަނީ އަންގަމުންނެވެ.
ސްޕެއިންގައި މިހާތަނަށް 217،000އަށް ވުރެ ގިނަ މީހުން ވައިރަހަށް ޕޮޒިޓިވްވެ، ބަލީގައި 25،100 މީހަކު ވަނީ މަރުވެފަ އެވެ. ނަމަވެސް އެގައުމުގެ ކޭސްތައް މާޗް 31ގައި ޕީކްވެ، މިހާރު ކޮންމެ ދުވަހަކު އަލަށް ވައިރަހަށް ޕޮޒިޓިވްވާ މީހުންނާއި ބަލީގައި މަރުވާ މީހުންގެ އަދަދު ދަނީ ދަށްވަމުންނެވެ.