22 Dec 2011, 12:42
އަރަބިދުނިޔޭގައި ހިނގި ހަމަނުޖެހުންތަކާއި މެކްސިކޯގެ ގޭންގް ހަމަނުޖެހުމާއި ޕާކިސްތާނުގެ ސިޔާސީ ހަމަނުޖެހުންތަކުގެ ތެރޭގައި މި އަހަރުގެ މިހާތަނަށް 66 ނޫސްވެރިއަކު މަރުވެފައިވާ ކަމަށް ރިޕޯޓާސް ވިތައުޓް ބޯޑާސް(އާރު އެސްއެފް) އިން ބުނެފި އެވެ.
ރާއެސްއެފްގެ ރިޕޯޓް ބުނި ގޮތުގައި މި އަހަރު މަރާލި ނޫސްވެރިންގެ ތެރެއިން 10 މީހުން މަރާލާފައި ވަނީ ޕާކިސްތާނުގަ އެވެ. އެހެންވެ ނޫސްވެރިންނަށް އެންމެ ނުރައްކާތެރި ގައުމެއްގެ ގޮތުގައި އާރުއެސްއެފުން ފާހަގަކޮށްފައި ވަނީ ޕާކިސްތާނެވެ. ޕާކިސްތާނުގައި މަރާލި ނޫސްވެރިންގެ އަދަދާ ގާތްކުރާ އަދަދެއްގެ ނޫސްވެރިން ލެޓިން އެމެރިކާގައި ވެސް ވަނީ މަރާލާފަ އެވެ.
މިއަހަރު ދުނިޔޭގެ އެކި ގައުމުތަކުގައި މިއަހަރު މަރާލި ނޫސްވެރިންގެ އިތުރުން 1044 ނޫސްވެރިއަކު ވަނީ ހައްޔަރުކޮށްފަ އެވެ. މިއީ 2010 ވަނަ އަހަރު ނޫސްވެރިން ހައްޔަރު ކުރި އަދަދަށް ވުރެ ދެގުނަ އިތުރު އަދަދެކެވެ.
ހައްޔަރު ކުރި ނޫސްވެރިންނަކީ އަރަބި ގައުމުތަކުގައި ހިނގި މުޒާހަރާތަކާއި ޔޫރަޕާއި އެމެރިކާގައި ހިނގި މުޒާހަރާތަކާ ގުޅިގެން ހައްޔަރުކުރި ނޫސްވެރިން ކަމަށް އާރުއެސްއެފްގެ ރިޕޯޓްގައިވެ އެވެ.
މިދިޔަ އަހަރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަރާލާފައި ވަނީ 57 ނޫސްވެރިންނެވެ. މިހާތަނަށް އެންމެ ގިނަ ނޫސްވެރިން މަރާލާފައި ވަނީ އެމެރިކާއިން އިރާގު އަޅުވެތި ކުރުމަށް ކުރި ހަނގުރާމައިގާ 2007 ވަނަ އަހަރުއެވެ.