03 May 2020, 14:58
ރާއްޖޭގައި މިނިވަން މީޑިއާއަކަށް އޮތް ކުރިމަގު އުޖާލާވެފައިވާ ކަމަށް، މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި ބްރޯޑްކާސްޓިން ކޮމިޝަން، ބްރޮޑްކޮމްއިން ބުނެފި އެވެ.
މިއަދަކީ ބައިނަލްއަގުވާމީ ގޮތުން ފާހަގަ ކުރާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހެވެ. މި އަހަރުގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ޝިއާރަކީ "ޖެހިލުންވުމެއް، ވަކިއަތަކަށް ޖެހުމެއްނެތި ނޫސްވެރިކަން" އެވެ.
މިއަދުގެ މުނާސަބަތުގައި، ޕްރިންޓް އަދި އޮންލައިން މީޑިއާތަކުގެ ބެލެނެވެރި ފަރާތް މޯލްޑިވްސް މީޑިއާ ކައުންސިލް އަދި، ބްރޯޑްކާސްޓު ކުރާ މީޑިއާތަކުގެ ބެލެނިވެރި ފަރާތް ބްރޯޑްކާސްޓިން ކޮމިޝަނުގެ ރައީސުން ވަނީ ހާއްސަ މެސެޖުތައް ދެއްވައިފަ އެވެ. އަދި އިންފޮމޭޝަން ކޮމިޝަނަރުވެސް ވަނީ ބަޔާނެއް ނެރުއްވައިފަ އެވެ.
ބްރޯޑްކޮމްގެ ރައީސް މަރިޔަމް ވަހީދާގެ މެސެޖުގައި ފާހަގަކުރެއްވީ މި އަހަރުގެ ޕްރެސް ފްރީޑަމް ޑޭ ދިމާވެފައި މިވަނީ އިންސާނިއްޔަތަށް ބޮޑު ބަލިމަޑުކަމަކާ ކުރިމަތިލާން ޖެހިފައިވާ ވަގުތަކާ ކަމަށެވެ. އެހެންކަމުން މި ދުވަސްވަރު ނޫސްވެރިންގެ މަސައްކަތްވެސް ބައްޓަންވެފައި ވަނީ އެ ބަލިމަޑުކަމުން އިންސާނިއްޔަތު ސަލާމަތް ކުރުމަށް ކުރެވޭ މަސައްކަތާ އެއް މިސްރާބަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮވިޑް-19 ވައިރަހުގެ ހަބާރައި މައުލޫމާތު ފޯރުކޮށްދިނުމުގެ މިނިވަންކަން މީޑިއާތަކަށް އޮތް ނަމަވެސް، އެކަން ކުރަން ޖެހޭނީ ސައްހަ މައުލޫމާތު ކަމާ ބެހޭ އިދާރާތަކުން ކަށަވަރުކުރުމަށް ފަހުގައި ކަން އޭނާ ފާހަގަކުރެއްވި އެވެ. އަދި ދުނިޔޭގެ ސައިންޓިފިކް ކޮމިޓީއިން ހާމަ ކުރާ ބަލީގެ އެންމެ ފަހުގެ މައުލޫމާތަށް ބުރަވެ ނޫސްވެރިކަން އެ ދާއިރާގައި ފުޅާ ކުރުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މީސް މީޑިއާ ފަދަ ތަންތަނުގައި ފެތުރެމުންދާ މައުލޫމާތުތަކުގެ ސައްހަކަން ޔުނެސްކޯއިން ތައްޔާރުކޮށްފައިވާ ކޮވިޑް-19ގެ އޮންލައިން ރިސޯސް ސެންޓަރު މެދުވެރިކޮށް ކަށަވަރު ކުުރުމަށް އޭނާ ބާރުއެޅުއްވި އެވެ.
މަރީގެ މެސެޖުގައި އިތުރަށް ފާހަގަކޮށްފައި ވަނީ ގެއްލިފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންއަށާއި މަރާލާފައިވާ ނޫސްވެރިޔާ ޔާމީން ރަޝީދުގެ އާއިލާތަކަށް އަދިވެސް އިންސާފު ލިބިފައި ނުވާ ކަމެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލުގެ ރައީސް ހިދާޔަތުﷲ ދެއްވި ހިތާބުގައި ވިދާޅުވެފައި ވަނީ ދުނިޔެއަށް މިއަދު ދިމާވެފައިވާ ބަލިމަޑުކަމުގެ ނާޒުކު ހާލަތުގައި ނޫސްވެރިން މަސައްކަތް ކުރަންވާނީ މިއަދުގެ ޝިއާރުގައިވާ ފަދައިން ބިރަކާއި ނުލައި އަދި ވަކި ފަރާތަކަށް ބުރަ ނުވެ ކަމަށެވެ.
"ހާއްސަ ގޮތެއްގައި މިހާރު ފެތުރިފައިމިވާ ބަލިމަޑުކަމުގެ ހާލަތުގައި ނޫސްވެރިން މަސައްކަތްކުރަމުންދާއިރު، މިމޭރުމުން މަސައްކަތްކުރުމަކީ، ނުހަނު ބޭނުންތެރިކަމެއްކަން ހަނދާނުގައި ބަހައްޓަންޖެހެ އެވެ. ހަމަ މިނޭވާގައި، މިއަދުގެ ހާލަތަށް ރިއާޔަތްކޮށް، ނޫސްވެރިންވެސް ފަރުދީ ޒިންމާ އަދާކުރުމަށް އިސްކަންދިނުމާއެކު، އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށް ސަމާލުވުން މުހިންމުކަމުގައި ދެކެމެވެ،" ހިދާޔަތުﷲ ވިދާޅުވި އެވެ.
މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19 ގެ މި ނުރައްކާތެރި ބިރުވެރި ހާލަތުގައި ރައްޔިތުންނަށް ހަބަރާއި އެންމެފަހުގެ މައުލޫމާތު ފޯރުކޮށްދިނުމަށް ދިވެހި ނޫސްވެރިން ކުރަމުން ގެންދާ މަސައްކަތަށް ޓަކައި ހިދާޔަތުﷲ ޝުކުރުއަދާކުރެއްވި އެވެ. އަދި މީޑިއާ ކައުންސިލުގެ މެމްބަރުންނަށްވެސް އޭނާ ޝުކުރުއަދާކުރެއްވި އެވެ.
ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެއިން ހޯދާފައިވާ ކުރިއެރުންތައް ފާހަގަކުރައްވައި ހިދާޔަތުﷲ ވިދާޅުވީ، މުސްތަގުބަލުގައި ވެސް އެ ކުރިއެރުން އިތުރު ހަރުފަތަކަށް ގެންދިއުމުގައި ދިވެހި މީޑިއާތަކާއެކު މީޑިއާ ކައުންސިލުން އޮންނާނެ ކަމަށެވެ.
"ރާއްޖޭގެ މިނިވަން ނޫސްވެރިކަމުގެ މުސްތަޤުބަލު މި ފެންނަނީ ވަރަށް އުޖާލާކޮށެވެ. މުސްތަގުބަލުގައިވެސް މިކުރިއެރުން އިތުރު ހަރުފަތަކަށް ގެންދިއުމުގައި ދިވެހި މީޑިއާތަކާއެކު މޯލްޑިވްސް މީޑިއާ ކައުންސިލް އަބަދުވެސް އޮންނާނެކަން މި ފުރުސަތުގައި ހަނދާން ކޮށްދެމެވެ،" އެމްއެމްސީގެ ބަޔާނުގައިވެ އެވެ.
އިންފޮމޭޝަން ކޮމިޝަނުން ނެރުނު ބަޔާނުގައިވެސް ފާހަގަކޮށްފައި ވަނީ މި އަހަރުގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ދިމާވެފައި ވަނީ ކޮވިޑް-19ގެ ބަލިމަޑުކަމާ ކަމެވެ. އަދި މި ދަނޑިވަޅުގައި ވެސް ނޫސްވެރިން ހިތްވަރާ އެކު ކުރާ މަސައްކަތް ވަނީ ފާހަގަކޮށްފަ އެވެ.
"މި ބިރުވެރި ހާލަތުގައިވެސް، ނޫސްވެރިން ގޭގައި ތިބެގެންނާއި، އާއިލާއާ ދުރުގައި އޮފީހުގައި ބަންދުވެ ތިބެގެން، އަދި ކަން ހިނގަމުންދާ ގޮތާއި މަންޒަރުތައް ގެނެސްދިނުމަށްޓަކައި ބިރެއް ނެތި ހިތްވަރާއެކު ބޭރަށް ނުކުމެ ކުރަމުން އަންނަ ބުރަ މަސައްކަތަށް އައްސަރިބަހާއި ސާބަސް ރައްދު ކުރަނީ ޝުކުރުވެރިކަމާއެކު ހިތުގެ ފުންމިނުންނެވެ." އިންފޮމޭޝަން ކޮމިޝަނުގެ ބަޔާނުގައިވެ އެވެ.
މި އަހަރު ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެއިން ހޯދި ކުރިއެރުން ފާހަގަކޮށް، އައިކޮމްގެ ބަޔާނުގައި ބުނީ އަދިވެސް ނޫސްވެރިކަން ކުރިއަރުވަން ކުރަން ޖެހޭ މަސައްކަތްތައް އެބަ ހުރި ކަމަށެވެ. މައުލޫމާތު ލިބޭނެ ގޮތްތައް ފަސޭހަ ކުރުމާއި ދައުލަތުގެ އިދާރާތަކުގެ ހާމަކަން ބޮޑު ކުރުމާއި ނޫސްވެރިން ތަމްރީނު ކުރުން ފަދަ ކަންކަން، އަދިވެސް ކުރަން ޖެހޭކަން އެ ބަޔާނުގައި ފާހަގަކުރި އެވެ.
އައިކޮމްއިން ބުނީ ނޫސްވެރިކަމުގެ މިނިވަންކަމާއި، ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގަކީ ގުޅިލާމެހިފައިވާ ހައްގުތަކެއް ކަމަށެވެ. ދައުލަތުގެ މައުލޫމާތުގެ ހަގީގީ މިލްކުވެރިންނަކީ ރައްޔިތުން ކަމަށްވާއިރު، ނޫސްވެރިންނާއި ރައްޔިތުން މައުލޫމާތު ލިބިިގަތުމުގެ ހައްގު ވީހާވެސް ބޮޑަށް ބޭނުން ކުރަން އެ ކޮމިޝަނުން ގޮވާލި އެވެ.
އޭގެ އިތުރުން ދޮގު މައުލޫމާތު ހުއްޓުވުމަށް ކޮންމެ ފަރުދަކުވެސް މަސައްކަތް ކުރުމަށް އައިކޮމްއިން އެދުނެވެ. ދޮގުމައުލޫމާތުން ގާފިލުކަމާއި، ފަސާދައާއި ހަމަނުޖެހުން އިތުރުކުރާ ކަމަށް އެ ކޮމިޝަނުން އެދުނެވެ.
ނޫސްވެރިކަމުގެ މިނިވަންކަން ދަރަޖަކުރާ ޕްރެސް ފްރީޑަމް އިންޑެކްސްގައި މި އަހަރު ރާއްޖެއިން 19 ދަރަޖައިގެ ކުރިއެރުމެއް ހޯދައި، އެ އިންޑެކްސްގެ 79 ވަނައަށް އަރާފަ އެވެ. އެއީ މި ސަރަހައްދުން ދެވަނައެވެ. މިދިޔަ އަހަރު ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ 22 ދަރަޖައިގެ ކުރިއެރުމެއް ހޯދި އެވެ.