03 May 2020, 14:36
ކޮވިޑް-19ގެ ބަލިމަޑުކަމުގެ ހާލަތުގައިވެސް ފެނިގެން ދަނީ މިނިވަން މީޑިއާއެއްގެ ދައުރު މުހިންމުވާ މިންވަރު ކަމަށް ވިދާޅުވެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިޑިއާތަކަށް ހިތްވަރު ދެއްވައިފި އެވެ.
ބައިނަލްއަގުވާމީ ގޮތުން މިއަދު ފާހަގަކުރާ ޕްރެސް ފްރީޑަމް ނުވަތަ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކޮވިޑް-19 ފެތުރެމުންދާ މި ދަނޑިވަޅުގައި ހަގީގަތެއް ނެތް ވާހަކަތަކާއެކު މީހުންގެ ސިއްހީ ދުޅަހަޔޮކަމަށް އަސަރުކުރާ ކަމަށެވެ. އެހެންކަމުން މި ދަނޑިވަޅު އެއްވެސް ބިރެއްނެތި މަސައްކަތްކުރާ މިނިވަން މީޑިއާތައް ވަރަށް މުހިންމުކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އެހެންކަމުން ޕްރެސް ފްރީޑަމް ދެމެހެއްޓަށް ސަރުކާރުން އަބަދުވެސް އޮންނާނެ" ރައީސްގެ ޓުވީޓުގައި ވިދާޅުވި އެވެ.
މި ސަރުކާރު އައުމުގެ ކުރިން ނޫސްވެރިކަމުގެ މިނިވަންކަން ދަރަޖަކުރާ ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ 2018 ވަނަ އަހަރު އޮތީ 120 ވަނައިގަ އެވެ. ނަމަވެސް މިއަހަރު ވަނީ 19 ދަރަޖައިގެ ކުރިއެރުމެއް ހޯދައ ރާއްޖެ އޮތީ ޕްރެސް ފްރީޑަމް އިންޑެކްސްގެ 79 ވަނައިގަ އެވެ.
ނޫސްވެރިކަމުގެ މިނިވަންކަމުގައި ރާއްޖެ ހޯދި ކުރިއެރުމަށް އެމެރިކާއިންވެސް ދާދި ފަހުން ވަނީ މަރުހަބާ ކިޔައިފަ އެވެ.
ޕްރެސް ފްރީޑަމް އިންޑެކްސްއަކީ ގައުމުތަކުގައި ނޫސްވެރިކަމުގެ މިނިވަންކަން އޮތް މިންވަރު އަންގައިދިނުމަށް ކޮންމެ އަހަރަކު ރިޕޯޓަރސް ވިތައުޓް ބޯޑަރސްއިން ނެރޭ އިންޑެކްސްއެކެވެ.