03 May 2020, 14:31
ނިޔުޔޯކް (3 މޭ 2020) : ކޮރޯނާވައިރަސް "ކޮވިޑް-19" ފެތުރެމުންދާ މިދުވަސްވަރު ނޫސްވެރިން ކުރާ މަސައްކަތް އާދަޔާ ޚިލާފަށް ބޮޑުކަމަށާ މި ދަނޑިވަޅުގައި ކުރިޔަށްވުރެވެސް ބޮޑަށް ނޫސްވެރިންނަށް ހިމާޔަތާއި ރައްކާތެރިކަން ދޭންޖެހޭނެކަމަށް އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް ވިދާޅުވެއްޖެއެވެ.
ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ގޮތުގައި ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ މޭ 3 ވަނަ ދުވަހާ ގުޅިގެން ނެރުއްވި ޚާއްސަ ޚިތާބުގައި ގުޓެރޭޒް ވިދާޅުވީ ދުނިޔޭގެ ބައެއް ގައުމުތަކުގައި އަދިވެސް ނޫސްވެރިންނަށް ބޮޑެތި ގޯނާތަކާއި އަނިޔާތައް ލިބެމުދާކަމަށާ އެކަމުން ނޫސްވެރިން ހިމާޔާތްކުރުމަށް ސަރުކާރުތަކުން މަސައްކަތް ކުރަންޖެހޭނެ ކަމުގައެވެ.
ގުޓެރޭޒްގެ ޚިތާބުގައި ކޮވިޑް-19 ފެތުރެމުންދާ މިދުވަސްވަރު ދޮގު މައުލޫމާތު ފަތުރާކަމަށްބުނެ ބައެއްގައުމުތަކުގެ ސަރުކާރުތަކުން ނޫސްވެރިންގެ މައްޗަށް ކުރާ ތުހުމަތުތަަށްވެސް އަލިއަޅުވާލެއްވިއެވެ. މިކަމާބެހޭގޮތުން ވިދާޅުވީ އެއީ ނޫސްވެރިކަމުގެ މިނިވަންކަމަށް އަރައިގަތުމަށް އޮތް ހުއްޖަތެއް ނޫންކަމުގައެވެ. ދޮގު މައުލޫމާތު ފަތުރާނަމަ އާންމުން އެކަން ޖަޖުކޮށް ނޫސްވެރިން ހިސާބުކުރާނެކަމަށާ ދޮގު މައުލޫމާތު ފެތުރުމަކީ ކޮށްގެންވާނެކަމެއް ނޫންކަމުގައެވެ.
ނޫސްވެރިކަމުގެ މިނިވަންކަމުގެ މިއަހަރުގެ ޝިއާރު ނަމަވެސް ދޮގު މައުލޫމާތު ސައްހަކޮށް އޭގެ ހަގީގަތް ހާމަކުރަނީވެސް ހަމަ ނޫސްވެރިންކަން ގުޓެރޭޒް ގެ ޚިތާބުގައި ފާހަގަ ކުރެއްވިއެވެ. އަދި ކަންކަމުގެ ހަގީގަތް ހާމަކޮށްދީ ގައުމުތަކުގެ ސިޔާސީ ވެރިންނާއި އިސް ފަރާތްތައް ޖަވާބުދާރީ ކުރުވުމުގައި ނޫސްވެރިން އަދާކުރާ ދައުރަކީ އަގުބޮޑު އަދި ފުރާނައަށް ނުރައްކާތެރި ދައުރެއްކަން ފާހަގަ ކުރައްވައި އެކަމަށް ޓަކައި ނޫސްވެރިންނަށް ޝުކުރު އަދާކުރައްވާފައިވެއެވެ.
ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ މޭ 3 ގެ މުނާސަބާގައި ނެރުއްވި ބަޔާނެއްގައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާބެހޭ އދ. ގެ ޚާއްސަ މުގައްރިރު ޑޭވިޑް ކާޔޭ ވެސް ވަނީ ބަޔާނެއް ނެރުއްވާފައެވެ. އޭނާގެ ބަޔާނުގައި ކޮވިޑް-19 ގެ ހަގީގަތްތައް ހާމަކޮށްދިނުމުގައި ނޫސްވެރިން ކުރަނީ ބުރަ މަސައްކަތެއްކަން ފާހަގަ ކުރެއްވިއެވެ.
މިގޮތުން ކޮވިޑް-19 އާ ގުޅޭ ބައެއްކަންކަން ސިޔާސީ ބޭނުންތަކުގައި ސިއްރުކުރަން ބައެއް ގައުމުތަކުން ސަރުކާރުތަކުން ކުރާކަންކަން ފަޅާއަރުވާލައި އާންމުންނަށް ހަގީގަތް ހާމަކޮށްދެނީ ނޫސްވެރިންކަން ކާޔޭ ފާހަގަކުރެއްވިއެވެ.
ބަރާއި މައުލޫމާތު އާންމުންނާ ހަމައަށް ގެނަސް ދިނުމުގެ މަސައްކަތުގައި ހަރަކާތްތެރި ވުމުގެ ތެރޭގައި ދުނިޔޭގެ އެކި ގައުމުތަކުން ގިނައަދަދެއްގެ ނޫސްވެރިން ކޮވިޑް-19 ގެ ޝިކާރައަކަށްވެ ބައެއް ނޫސްވެރިން އެ ރޯގާގައި މަރުވެފައިވާއިރު އަނެއް ބައި ނޫސްވެރިންނަށް ޝިފާ ލިބިފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.
ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ދުނިޔޭގައި ފާހަގަ ކުރަމުންދާ މިދަނޑިވަޅުގައި ދުނިޔޭގެ އެކި ގައުމުތަކުގައި 250 އަށްވުރެ ގިނަ ނޫސްވެރިން އެކި ބަހަނާ ތަކުގައި ހައްޔަރުކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ގޮތުގައި ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ މިއަދުގެ މުނާސަބަތުގައި އދ. ން ކަނޑައަޅާފައިވާ ޝިއާރަކީ "ޖާނަލިޒަމް، ވިތައުޓް ފިއާ އޯ ފޭވާ" (ބިރުވެރިކަމާއި ވަކިފަރާތަކަށް ނުޖެހި، ނޫސްވެރިކަން) މި ޝިއާރެވެ. (ނޫސްއެޖެންސީތައް)