03 May 2020, 13:41
ލަންޑަން (މެއި 3): އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަންއަށް ކޮވިޑް-19 ޖެހިގެން ހޮސްޕިޓަލުގައި އޮންނެވި އިރު އޭނާއަށް ފަރުވާ ދިން ދެ ޑޮކްޓަރުންގެ ނަން ޖޯންސަންގެ ދަރިކަލުންގެ ނަމުގައި ހިމަނައިފި އެވެ.
ޖޯންސަންގެ ލޯބިވެރިޔާ ކެރީ ސިމަންޑްސް ވިދާޅުވި ގޮތުގައި މިދިޔަ ބުދަ ދުވަހު އުފަންވި އެ ދެ ބޭފުޅުންގެ ދަރިކަލުންނަށް ދީފައިވާ ނަމަކީ ވިލްފްރެޑް ލޯރީ ނިކޮލަސް ޖޯންސަން އެވެ. އޭގެ ތެރެއިން ވިލްފްރެޑް އަކީ ޖޯންސަންގެ ކާފާފުޅާ ގުޅިފައިވާ ނަމެކެވެ. އަދި ލޯރީއަކީ ސިމަންޑްސްގެ ކާފައާ ގުޅިފައިވާ ނަމެކެވެ.
މީގެ އިތުރުން، އިންސްޓަގްރާމް މެދުވެރިކޮށް ސިމަންޑްސް ވިދާޅުވި ގޮތުގައި 'ނިކޮލަސް' ގުޅިފައި ވަނީ މިދިޔަ މަހު ޖޯންސަންއަށް ފަރުވާ ދިން ދެ ޑޮކްޓަރުން ކަމަށްވާ ޑރ. ނިކް ޕްރައިސް އާއި ޑރ. ނިކް ހާޓްއާ އެވެ.
އެ ދެ ޑޮކްޓަރުން ވަނީ ޖޯންސަން އާއި ސިމަންޑްސްއަށް މަރުހަބާ ވިދާޅުވެ، އެ ދެބޭފުޅުންގެ ދަރިކަލުންގެ ނަމާ ގުޅިފައިވުމަކީ ޝަރަފެއްގެ ގޮތުގައި ސިފަކޮށްފަ އެވެ.
ޖޯންސަން ކޮރޯނާވައިރަހަށް ޕޮޒިޓިވްވީ މާޗް 27ގަ އެވެ. އަދި އޭގެ ފަހުން 10 ދުވަސް ފާއިތުވި އިރުވެސް އޭނާގެ ފަރާތުން ބަލީގެ އަލާމާތްތައް ފެންނަމުން ދިޔުމުން ޖޯންސަން ލަންޑަންގެ ސެއިންޓް ތޯމަސް ހޮސްޕިޓަލުގައި އެޑްމިޓުކުރި އެވެ. އޭގެ ފަހުން އޭނާގެ ހާލު ކުއްލިއަކަށް ސީރިއަސްވެ އައިސީޔޫއަށް ބަދަލު ކުރި ނަމަވެސް، މިދިޔަ މަހުގެ 12އިގައި އޭނާ ވަނީ ހޮސްޕިޓަލުން ދޫކޮށްލާފަ އެވެ.
ބޮޑުވަޒީރުގެ އޮފީހުން ވަނީ ޖޯންސަންގެ ދަރިކަލުން އުފަންވި ނަމަވެސް އަދި ޗުއްޓީއަށް ވަޑައިނުގަންނަވާނެ ކަމަށް ބުނެފަ އެވެ. އަދި މިދިޔަ ބުދަ ދުވަހުގެ ފަހުން ބޮޑުވަޒީރު އަނެއްކާވެސް މަސައްކަތަށް ނުކުމެވަޑައިގެންފައިވާ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.