22 Dec 2011, 12:40
އިންޓަނޭޝަނަލް އެޓޮމިކް އެނަޖީ އެޖެންސީ) އައިއޭއީއޭ(ގެ އިންސްޕެކްޓަރުން އީރާނުގެ ނިއުކްލިއާ ފެސިލިޓީތައް ބަލައި ފާސްކުރަން ދިއުމަށް އެގައުމުން ދައުވަތުދީފި އެވެ.
އީރާނުގެ ލޯކަލް ޓީވީއެއް ކަމަށްވާ ޕްރެސްޓީވީން އިއްޔެ ބުނީ އައިއޭއީއޭގެ އިންސްޕެކްޓަތުން އީރާނަށް ދިއުމަށް ދައުވަތު ދެއްވީ އެ ގައުމުގެ އައިއޭއީއޭ އަށް އީރާނުން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު އަލީ އަސްޣަރު ސުލްތޯނީ އެވެ.
ޕްރެސްޓީވީ އަށް އިއްޔެ ދެއްވި އިންޓަވިއުއެއްގައި ސުލްތޯނީ ވިދާޅުވެފައިވާ ގޮތުގައި އައިއޭއީއޭގެ އިންސްޕެކްޓަރުން އައުމަށް ރަސްމީކޮށް ދިން ދައުވަތަށް ފަހު އީރާނުގެ ނިއުކްލިއާ މަޝްރޫއާ މެދު ހުރި ކަންބޮޑުވުންތަކާ މެދު ވާހަކަ ދެއްކުމަށް ތެހެރާނުން ތައްޔާރުވެފައިވާ ކަމަށެވެ.
އީރާނަށް ޒިޔާރަތްކުރުމަށް އެގައުމުން ދައުވަތުދީފައިވާ ކަމަށް އައިއޭއީއޭއިން ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް އެޖަމާއަތުން ބުނެފައި ވަނީ އެޖަމާއަތުން ކަންބޮޑުވުން ފާޅުކޮށްފައިވާ ވަކި ކަމަކަށް އީރާނުން އިޖާބަދީފައި ނުވާ ކަމަށެވެ.
މިދިޔަ ނޮވެމްބަރު މަހު އައިއޭއީއޭ އިން ނެރުނު ރިޕޯޓްގައި ބުނެފައި ވަނީ އީރާނުން ނިއުކްލިއާ ހަތިޔާރު އުފައްދަން މަސައްކަތް ކުރާ ކަމުގެ ގަބޫލުކުރެވޭ ވަރުގެ ހެކި ފެނިފައިވާ ކަމަށެވެ. ނަމަވެސް އެރިޕޯޓަކީ ސިޔާސީ ކުލަޖެހި، ވަކިއަތަކަށް ޖެހިފައިވާ ރިޕޯޓެއް ކަމަށް ބުނެ އީރާނުން އޭރު އެރިޕޯޓާ ދެކޮޅުހެދި އެވެ.