04 May 2020, 11:09
"އެއީ ކީއްވެގެން؟ ޣައިރު މުސްލިމެއްގެ ގޮތުގައި މަރުވުމަށް ވުރެ ބޮޑު ގެއްލުމަކީ ކޮބާ؟ ދުނިޔޭގެ ކަނޑުގައި ޣަރަޤު ނުވި ނަމަވެސް އޭނާ ވީ ކުށާއި ފާފައިގެ ކަނޑުގައި ޣަރަޤު ވެފައި. އަދި ބޯ ފަޅައިގެން މަރު ނުވި ނަމަވެސް އޭނާގެ ބޮލަކީ އެއިން ފައިދާއެއް ކުރި ބޮލެއް ނޫން. އޭނާއަކީ ނުބައި، ދޮގުވެރި އަދި ފާފަވެރި ނިތްގަނޑެއްގެ ވެރިއެއް. ތައުބާ ވުމެއް ނެތި ޣައިރު މުސްލިމެއްގެ ގޮތުގައި މަރުވުމަށް ވުރެ ބޮޑު ބަދުނަސީބެއް ނޯންނާނެ. އެހެނީ ދެން އޭނާ ކުރިމަތިލާން ޖެހޭނީ ފުރަތަމައަށް ކަށްވަޅުގެ އަޒާބާ. ދެން ނަރަކައިގެ ވޭން ދެނިވި އަޒާބާ. ހިނގާ އަވަހަށް ނިދާން ދަމާ. މާދަަމާ މި ކާފަ ވެސް އެބަ ޖެހޭ ތިޔަ ކުދީންގެ އަނެއް ކާފަގެ އަރިހަށް ގަނޑުވަރަށް ދާން." ގާޒީ ޞަފިއްޔުއްދީނު ވިދާޅުވިއެވެ.
"އަހަރެމެން ބޭނުން ދުވަސްކޮޅަކު މިގޭގައި ތިބެލާން." އަމީރު މުޙައްމަދު ޞަފިއްޔުއްދީނު ވިދާޅުވިއެވެ.
"މި ގޭގައި މަޑު ކުރެވެނީ ގަނޑުވަރަށް ގޮސް ތިޔަ ކުދީންގެ ބައްޕާފުޅާ ތިޔަ ކަމާ ބެހޭ ގޮތުން ވާހަކަ ދެއްކުމަށް ފަހު ބައްޕާފުޅުގެ ހުއްދަ ލިބިގެން." ސަލްމާ ވިދާޅުވިއެވެ.
އެހެން ވިދާޅުވެފައި ބައްޕައާ ސަލާމް ކުރެއްވުމަށް ފަހު ސަލްމާއާއި ސަލްމާގެ ބޭފުޅުން ވަޑައިގަތީ އެބޭފުޅުން އަވަހާރަ ލައްޕަވާ ކޮޓަރިއަށެވެ. އެއަށް ފަހު ގާޒީ ޞަފިއްޔުއްދީނު ވެސް އޭނާ އަވަހާރަ ލައްޕަވާ ކޮޓަރިއަށް ވަޑައިގަތެވެ.
*****
ފަތިސް ނަމާދު ކުރައްވައިގެން ޒައިތޫންޏާއި ޕަނީރާއި ޕާނާއި ސައި ބައްލަވައިގެން ގާޒީ ޞަފިިއްޔުއްދީނާއި ސަލްމާއާއި ސަލްމާގެ ބޭފުޅުން ގަނޑުވަރަށް ވަޑައިގަންނަވާން ތައްޔާރުވެ ވަޑައިގަތެވެ. އަދި ގަނޑުވަރަށް ވަޑައިގަތުމުގެ ދަތުރު ފެށްޓެވިއެވެ. އޭރު އަދި އިރެއް ނާރައެވެ. ބޭރު ތެރޭގައި ހުރީ ފަޖުރުގެ ފަނޑު އައްޔެވެ. އަދި ވަރަށް ހިތްގައިމު ފިންޏެކެވެ. ގާޒީ ޞަފިއްޔުއްދީނާއި އަމީރު މުޙައްމަދު ޞަފިއްޔުއްދީނު ޚަލީފާގެ ގަނޑުވަރަށް ވަަޑައިގަތީ އަހުގައެވެ. ސަލްމާއާއި އަމީރާ ޢާއިޝާ ޞަފާއާއި ވަދީދާ އަސްގާޑިޔާގައެވެ.
އެ ބޭފުޅުން ގަނޑުވަރާ ހަމަޔަށް ފޯރިއިރު އިރު އަރައިގެން އަދި މާގިނަ އިރެއް ނުވެއެވެ. ސަލްމާއާއި ސަލްމާގެ ބޭފުޅުން ގާޒީ ޞަފިއްޔުއްދީނާ ސަލާމް ކުރެއްވުމަށް ފަހު ވަޑައިގަތީ ގަނޑުވަރުގައި އެބޭފުޅުން ދިރިއުޅުއްވާ ބަޔަށެވެ. ގާޒީ ޞަފިއްޔުއްދީނު ވަޑައިގަތީ ގަނޑުވަރުގެ އިސްތިގުބާލުޚާނާއަށެވެ.
އިސްތިގުބާލުޚާނާގައި ފުލުހުންގެ ވެރިޔާއާއި އަމީރު މުރާދުއާއި އިސްވަޒީރުން ތިއްބެވިއެވެ. ހުރިހާ ބޭފުޅުން ވެސް އިންތިޒާރު ކުރައްވަމުން ގެންދެވީ ސުލްޠާން ސަލީމް އައްޘާނީއަށެވެ. މާކަ ގިނަ އިރެއް ނުވެ ސުލްޠާން ސަލީމް ވަޑައިގެންފިއެވެ. އަދި ހުރިހާ ބޭފުޅުންނާ ސަލާމް ކުރެއްވުމަށް ފަހު ރަސްމީ ގޮނޑިކޮޅުގައި އިށީނދެ ވަޑައިގެން ވިދާޅުވިއެވެ.
"ޙަލަބުގެ އިމާރިއްޔާގައި ހުރި އަހަރެމެންގެ ވާލީ އަވަހާރަ ވެއްޖެ. ވީމާ އަވަހަށް އެ އިމާރިއްޔާއަށް ވާލީއަކު ހަމަޖައްސާން އެބަ ޖެހޭ."
"އިންނާ ލި ﷲ ޥަ އިންނާ އިލައިހި ރާޖިޢޫން!" ހުރިހާ ބޭފުޅުން ވެސް ވިދާޅުވިއެވެ.
"އެއީ ރަނގަޅު ވާލީއެއް. ސޯލިހު މީހެއް." ވަލީއަހުދު މުރާދު ޚާލިދު ވިދާޅުވިއެވެ.
"އާނ. ޚާލިދު! އަދި އެއީ ވަރުގަދަ އަދި އަދުލުވެރި، ހަމައެހެންމެ ހިކުމަތްތެރި ވާލީއެއް. މިހާރު އޮތް މައްސަލައަކީ އެ އިމާރިއްޔާއަށް ވާލީއަކު ހަމަޖެއްސުމުގެ މައްސަލަ." ސުލްޠާން ސަލީމް ވިދާޅުވިއެވެ.
"ބައްޕާފުޅާ އަދި އަޅުގަނޑުގެ ސާހިބާ މަނިކުފާނުގެ ވިސްނުންފުޅުގައި އެއްވެސް ނަންތަކެއް އެބަ ގެންގުޅުއްވަމު ތޯ؟" ވަލީއަހުދު މުރާދު އެއްސެވިއެވެ.
"ދެ މީހަކާ މެދު އަހަރެން އެބަ ވިސްނަން. އެއީ ޝާމީއާއި ބަންނާ. ކޮބައިތޯ ތިޔަ ބޭފުޅުންގެ ރައުޔަކީ." ސުލްޠާން ވިދާޅުވިއެވެ.
"އަޅުގަނޑަށް ފެންނަ ގޮތުގައި ޝާމީގެ ވާގިވެރީން ވަރަށް ގިނަ. އަދި އެމީހުންގެ ތެރޭގައި ވަރުގަދަ އަސްވާރުން ވޭ. އެއީ އަހަރެމެންނަށް މުހިއްމު ބައެއް." ވަލީއަހުދު މުރާދު ވިދާޅުވިއެވެ.
"ތިޔައީ ރަނގަޅު ވާހަކައެއް. ކޮބާ އަސްރާނުގެ ރައުޔަކީ." ސުލްޠާން ސަލީމު ވަޒީރު އަސްރާނު ކުރެން އެއްސެވިއެވެ.
"ވަލީއަހުދުގެ ރައުޔަށް އަޅުގަނޑަށް ވެސް ތާއީދު ކުރެވެނީ. މީހުންގެ ތެރޭގައި މަގުބޫލު ވެފައި ހައިބަތު ބޮޑީ ޝާމީގެ." އަސްރާނު ވިދާޅުވިއެވެ.
"ގާޒީ ޞަފިއްޔުއްދީނު ކީކޭތޯ ވިދާޅުވަނީ؟ ކޮބައިތޯ ނަސޭހަތަކީ؟" ސުލްޠާން އެއްސެވިއެވެ.
"އަޅުގަނޑު އެ އިމާރިއްޔާއަށް ޒިޔާރަތް ކުރިން. އަދި އެ ތަނުގައި ތިން އަހަރު ދުވަހު ހުރިން." ގާޒީ ޞަފިއްޔުއްދީނު ވިދާޅުވިއެވެ.
"ތިޔަ ކަން އެނގޭ. އެހެންވީމާ ތިބާގެ ރައުޔު އަހާން ބޭނުން ވީ ވެސް." ސުލްޠާން ސަލީމް ވިދާޅުވިއެވެ.
"ޝާމީއަކީ ވާގިވެރީންނާއި ބާރު ހުރި އަދި ހިތްވަރުގަދަ މީހެއް. އެކަމަކު މުށް ބާރު މީހެއް. މުހުތާދެއްގައި ޖެހިފައި ހުރި މީހަކު އޭނާގެ ގާތަކަށް ނުދޭ. ފަގީރުންނާއި ނިކަމެތީން އޭނާއާ ދުރު. އޭގެ އަނެއްކޮޅު ޝައިޚް ބަންނާއަކީ. އާއްމުންގެ އިހުތިރާމާއި ލޯބި ލިބިވަޑައިގެން ހުންނެވި ވަރައުވެރި އާލިމެއް އެއީ." ގާޒީ ޞަފިއްޔުއްދީނު ވިދާޅުވިއެވެ.
"ރަނގަޅު ވާހަކައެއް. ތިޔަ ކަން އަހަންނަށް ވެސް އެނގޭ." ސުލްޠާން ވިދާޅުވިއެވެ.
"ސާހިބާ އަޅުގަނޑަށް އެއްޗެކޭ ދެންނެވުމުގެ އިޒުނަ އެބަ އޮތް ތޯ؟" ވަޒީރު އަސްރާނު އެއްސެވިއެވެ.
"ތިބާގެ ކިބައިގައި ވާ ވާހަކައެއް ވިދާޅުވޭ ވަޒީރު." ބަސް ދެންނެވުމުގެ އިޒުނަ ވަޒީރަށް ދެއްވަމުން ސުލްޠާން ވިދާޅުވިއެވެ.
"ގާޒީ އެ ވިދާޅުވި ފަދައިން ބަންނާއަކީ ރަނގަޅު މީހެއް. ތަވާޟުޢުވެރި މަޑުމައިތިރި މީހެއް. އެކަމަކު ވިސްނާލަން ޖެހޭ. އޭނާއަކީ ބާޒާރު މައްޗަށް ގޮސް، ހުރިހާ ފަންތިއަކާއި ގިންތިއެއްގެ މީހުންނާ ވެސް ވާހަކަ ދައްކައި ހަދާ މީހެއް. އޭނާގެ ނަން އަޅުގަނޑުގެ ދުލަށް ނައިސްގެންް އުޅެނީ އެހެންވެ. އިމާރިއްޔާއަށް ބޭނުން ވަނީ ހައިބަތު ހުރި ވަރުގަދަ ވާލީއެއް." ވަޒީރު އަސްރާނު ވިދާޅުވިއެވެ.
"ރަނގަޅު. ގާޒީ ޞަފިއްޔުއްދީނު އެއްޗެކޭ ހީ ނުކުރައްވާތި. އަހަރެން ކުރިޔަށް ގެންދާނީ އައުލަބިއްޔަތު އޮތް ރައުޔު. ވީމާ ޙަލަބުގެ އިމާރިއްޔާގެ ވާލީއެއް ކަމުގައި ޝާމީ އައްޔަނު ކޮށްފިން." ސުލްޠާން ސަލީމް ވިދާޅުވިއެވެ.
"ޚަލީފާގެ ނިންމެވުމަށް އަޅުގަނޑުގެ ފުރިހަމަ ތާއީދު އެބަ އޮތް. ދައުލަތް ހިންގެވުމުގައި ނިންމުންތައް ނިންމެވުން އެއީ ސާހިބާއަށް އޮތް ކަމެއް." ގާޒީ ޞަފިއްޔުއްދީނު ވިދާޅުވިއެވެ.
*****
"މަނިކުފާނުގެ ދަތުރުފުޅުގެ ފޮށިތަންމަތި ތައްޔާރު ކުރުމަކީ އަޅުގަނޑަށް ލިބުނު ޝަރަފެއް އަމީރު." ސަލްމާ އޭނާގެ ފިރިކަލުން އަދި އުސްމާނީ ދައުލަތުގެ ވަލީއަހުދު އަމީރު މުރާދު ޚާލިދަށް ވިދާޅުވިއެވެ.
"ލޯބިވާ އަނބިކަނބަލުންނަށް ޝުކުރު ދަންނަވަން." އަމީރު މުރާދު ވިދާޅުވިއެވެ.
"ވަރަށް ގިނަ ދުވަސް ވާނެ ތޯ؟" ސަލްމާ އެއްސެވިއެވެ.
"އެހެން ދަންނަވާކަށް ނޭނގޭ. އެކަން ނިންމަވާނީ ބައްޕާފުޅު. އާ ވާލީއާ އެކު ކަންކަން ހަމަޖެހޭންދެން ޙަލަބުގައި ހުންނާން ޖެހޭނެ." އަމީރު މުރާދު ވިދާޅުވިއެވެ.
"އަޅުގަނޑު ހިތަށް އަރަނީ މަނިކުފާނު އަޅުގަނޑަށް ހުއްދަ ދެއްވައިފިއްޔާ ތިޔަ މުއްދަތުގައި އަޅުގަނޑުގެ ބައްޕަގެ އަރިހުގައި ހުރެލާން ކަމަށް." ސަލްމާ ވިދާޅުވިއެވެ.
"ތިޔައީ ވަރަށް ރަނގަޅު ޚިޔާލެއް. ބައްޕަ އަދިވެސް ގަނޑުވަރުގައި އެބަ އިންނެވި. ބައްޕަ ވަޑައިގަންނަވާއިރު ބައްޕައާ އެކު ވަޑައިގަންނަވާ!" އަމީރު މުރާދު ވިދާޅުވިއެވެ.
އަމީރު މުރާދު ޙަލަބަށް ފުރާވަޑައިގަތުމުން ސަލްމާއާއި ސަލްމާގެ ބޭފުޅުން ސަލްމާގެ ބައްޕަ ގާޒީ ޞަފިއްޔުއްދީނާ އެކު ވަޑައިގަތީ އެ ގެއަށެވެ. ގެއަށް ވަޑައިގެން ގާޒީ ޞަފިއްޔުއްދީނު ވަޑައިގަތީ އަރާމު ކޮށްލެއްވުމަށް އޭނާގެ ކޮޓަރިއަށެވެ. ސަލްމާއާއި ސަލްމާގެ ބޭފުޅުން ވެސް ވަޑައިގަތީ އެ ބޭފުޅުންނަށް ޚާއްޞަ ކުރެވިފައިވާ ކޮޓަރިއަށެވެ.
ކުޑައިރުކޮޅަކު އަރާމު ކޮށްލެއްވުމަށް ފަހު ތެދުވެވަޑައިގެން ޙައްމާމަށް ވެދެވަޑައިގެން ނާނޭ ފިއްލެވުމަށް ފަހު ވުޟޫ ކުރައްވައިގެން ޢަޞްރު ނަމާދު ކުރެއްވިއެވެ. ގާޒީ ޞަފިއްޔުއްދީނު މިއަދު ޢަޞްރު ނަމާދު ކުރެއްވީ ގޭގައި ކަމުން މިއަދުގެ ހަވީރު އޭނާ ހޭދަ ކުރައްވާނީ ގޭގެ ބަގީޗާގައި ސަލްމާއާއި ސަލްމާގެ ބޭފުޅުންނާ އެކުގައެވެ.
ގާޒީ ޞަފިއްޔުއްދީނު ބޮޑުކޮޓަރިއަށް ނުކުމެ ވަޑައިގަތް އިރު ސަލްމާއާއި ސަލްމާގެ ދެ ބޭފުުޅުން ވެސް އެ ތާނގައި ތިއްބެވިއެވެ.
"ހިނގާ ސައި ބޯން. މޭވާއާއި ސަޔާއި ޕާނާއި ޕަނީރާއި ޒައިތޫނި ހުންނާނެ. މިއަދު މި ގޭގައި ހުރީ ވަރަށް ތާޒާ ވައްތީނި." ގާޒީ ޞަފިއްޔުއްދީނު ވިދާޅުވިއެވެ.
ގާޒީ ޞަފިއްޔުއްދީނާއި ސަލްމާއާއި ސަލްމާގެ ދެ ބޭފުޅުން ކާކޮޓަރިއަށް ވަޑައިގަތް އިރު، ވަދީދާ ހުރީ ސުފުރާމަތި ތައްޔާރު ކޮށްފައެވެ. ސައިފޮދު ހިއްޕަވައިގެން އެ ބޭފުޅުން ދެން ނުކުމެވަޑައިގަތީ ގޭގެ މެދު ގޯތީގައި އޮންނަ ބަގީޗާއަށެވެ. އެ ތަނުގައި ހުރި އަށިތަކުގައި އިށީނދެ ވަޑައިގަތުމާ އެކު އަމީރު މުޙައްމަދު އެއްސެވިއެވެ.
"މިއަދު އަނެއް ކާފައާ އެކު ކޮން ބައްދަލުވުމެއްތޯ އޮތީ؟"
"ތިޔައީ ވަލީއަހުދުގެ ދަރިކަލުން ނޫން ނަމަ، އެ ބައްދަލުވުމުގެ އެއްވެސް ވާހަކައެއް ކާފަ ކިޔައި ނުދިނީމުސް. އެކަމަކު ނަސީބު ރަނގަޅު ކަމުން ދައުލަތުގެ ސިއްރެއް އަހަރެންގެ ކާފަ ކުދީންނަށް ފޮރުވާކަށް ނުޖެހޭ. މިއަދު ތިޔަ ކުދީންގެ އަނެއް ކާފަ ސުލްޠާން ސަލީމް މި ކާފައަށް ގޮވައިލެއްވީ ޙަލަބުގެ އިމާރިއްޔާގެ ވާލީ އަވަހާރަވެގެން އެ އިމާރިއްޔާއަށް އައު ވާލީއަކު ލެއްވުމުގެ ކުރީން މަޝްވަރާ ކޮށްލެއްވުމަށް. ޙަލަބަކީ އެ ތަނުގައި ތިން އަހަރެއް ހައި ދުވަހު ކާފަ ހުރި ތަނަކަށް ވާތީ." ގާޒީ ޞަފިއްޔުއްދީނު ހިނިތުންވުމާ އެކު ވާހަކަ ދެއްކެވިއެވެ.
"އެހެންތޯ؟ ވާލީންނަކީ އިމާރިއްޔާތަކަށާއި މުހާފަޒާތަކަށް ކަނޑައަޅުއްވާ ވެރީން ދޮގެއްތޯ؟" އަމީރު މުޙައްމަދު އެއްސެވިއެވެ.
"ނޫން. ތިޔަ ބުނީ ރަނގަޅަށް ދަރިފުޅާ." ގާޒީ ޞަފިއްޔުއްދީނު ޖަވާބު ދެއްވިއެވެ.
"ކާފާ! ވިދާޅުވެ ދެއްވަ ބައްލަވާ ބައެއްގެ މައްޗަށް ވެރިކަން ކުރާ އިރު، ވިސްނާން ޖެހޭ ކަންކަމަކީ ކޮބައިކަން؟" އަމީރު މުޙައްމަދު އެއްސެވިއެވެ.
"ކާފަ ހާދަ އުފާވެއްޖެއޭ ދަރިފުޅުގެ ތިޔަ ސުވާލުން. ދަރިފުޅު އަޑު އަހާ! ބައެއްގެ މައްޗަށް ރަނގަޅަށް ވެރިކަން ކުރެވޭނީ ވެރިމީހާގެ ކިބައިގައި ކޮންމެހެން ހުންނާން ޖެހޭ ޒައާމަތުގެ ސިފަތައް ހުރެގެން. އެ ސިފަތަކަކީ އިހުލާސްތެރިކަމާއި ނަޒާހަތްތެރިކަން، އަމިއްލަ ނަފްސަށް އިތުބާރު ކުރުން، ރަނގަޅު ކަންކަމުގައި އެހެން މީހުންނަށް ނަމޫނާއަކަށް ވުން، ކުރާ ކަންކަމުގައި ފަރުވާތެރިވުމާއި ޝައުގުވެރިކަން ބެހެއްޓުން، ރަނގަޅަށް ބަސް ބޭނުން ކުރުމުގެ ހުނަރު ލިބިގެން ހުރުމާއެކު ރަނގަޅަށް މުވާސަލާާތު ކުރެވުން، ނިންމުންތައް ނިންމުމުގެ ގާބިލުކަން، ކިތައްމެ ގާތް މީހަކަސް އިންސާފުވެރިކަމާ އެކު ޖަވާބުދާރީ ކުރުވުން، ކަންކަން ހަވާލުކޮށްފައި ތިބޭ މީހުންނަށް އިހުތިޔާރާއި ބާރު ދިނުން، އުފެއްދުންތެރިކަމާއި ކުރިޔަށް ދިއުމުގެ ވިސްނުން، ރައްޔިތުންނަށް އަނިޔާވެރިނުވުމާއި އަދުލުވެރިވުމާއި ރައްޔިތުން ދެކެ ލޯބިވުމާއި އެމީހުންނަށް ސަމާލުކަން ދިނުމާއިި، އެމީހުންނާ މެދު އޯގާވެރިވުމާއި އެމީހުންނަށް އެހީތެރިވުން، އުސޫލުތަކުގައި ވަރުގަދައަށް ހިފެހެއްޓުން، ޖަޒުބާތީ ނުވުމާއި އެންމެ ހިތްދަތި ދަނޑިވަޅުތަކުގައި ވެސް އަމިއްލަ ނަފްސު ހިފަހައްޓާން އެނގުމާ އެކު ހިކުމަތްތެރިކަމާ އެކު ވިސްނުން އިސްކުރުން، ބޮޑާވެ ނުގަތުމާއި ހިތްތިރިވުން، ރައްޔިތުންނަށް އޮޅުވައިނުލުން، ތިމާގެ ރައްޔިތުންގެ އުފާ ފާގަތި ކަމާއި ދާއިމީ ކާމިޔާބަކަށް ވާސިލު ކޮށް ދިނުމަށް ބޭނުންވާ ފުރިހަމަ ނިޒާމެއް ބިނާ ކުރުމާއި ކުރިޔަށް ދިއުމުގެ ވަރުގަދަ ތަސައްވުރެއް އޮތުން. މިއީ ޚުލާސާކޮށް ބުނާ ނަމަ، އެ ކަންކަމަކީ." ގާޒީ ޞަފިއްޔުއްދީނު ވިދާޅުވިއެވެ.
"ކާފާ ތިޔަ ނުގުތާތައް ލިޔުއްވައި ދެއްވައްޗޭ. އެހެން ނޫނީ ހަނދާނެއް ނުހުންނާނެ." އަމީރު މުޙައްމަދު ވިދާޅުވިއެވެ.
"ލައްބަ ދަރިފުޅާ! އަދި ވަރަށް މުހިއްމު ކަމެއް. އެހެން މީހުންނާ އެކު މައްސަލަ ނުޖެހި އުޅޭން އެނގުމަކީ ވެސް. އެ ގޮތަށް މައްސަލަ ނުޖެހި އުޅުމަށް ބޭނުންވާ މީހާ. އެހެން މީހުން މި ވެނި ކަމެއް ކުރާން ޖެހޭ ކަމަށް ނުވަތަ އެހެން މީހަކު މި ވެނި ކަމެއް ކޮށް ދޭނޭ ކަމަށް އުއްމީދު ނުކުރުން. އެހެން މީހުން ކުރާ ކަންކަމަށް ފާޑު ނުކިއުން. ޝަކުވާ ނުކުރުން. އަބަދުވެސް އުފާވެރިކަމާ އެކު އެހެންމީހުންނާ ބައްދަލު ކުރުން. މިއީ އަށަގަންނުވާން ޖެހޭ އާދަތަކެއް." ގާޒީ ޞަފިއްޔުއްދީނު ވިދާޅުވިއެވެ.
"ދެން ވިދާޅުވެ ދެއްވަ ބައްލަވާ، ދައުލަތެއްގެ ވެރިއަކު ކޮންމެހެން ރައްޔިތުންނަށް ޓަކައި ކޮށްދޭން ޖެހޭ ކަންކަން." އަމީރު މުޙައްމަދު ވިދާޅުވިއެވެ.
"އެންމެ ފުރަތަމަ ކަމަކީ ހެޔޮ އަގުގައި ރައްޔިތުންގެ ބޯހިޔާވަހިކަން ކަށަވަރު ކުރުން، ކެއިންބުއިމަށް ބޭނުންވާ ތަކެތި ހެޔޮ އަގުގައި ލިބޭނެ ގޮތް ހަދައިދިނުން، ސިއްހަތު ސަލާމަތުން ބެހެއްޓުމަށް ބޭނުންވާ ކަންކަމަށް ސަމާލުކަން ދިނުން، މިގޮތުން ބޭސްވެރިކަމަށް ހާއްސަ އިސްކަމެއް ދިނުން، ރަނގަޅު ތައުލީމާއި ދިރާސާއަށް ކަންކަން ހަމަޖައްސައިދިނުން، ފަސޭހައިން ފެން ލިބޭނެ ގޮތް ހެދުން، ފެހި ބަގީޗާތަކާއި މަގުމަތީީ ހިނގާ މީހުންނާއި ދަތުރުވެރީން ވަރުބަލި ފިލުވާލުމަށް ޓަކައި ހިޔާވެލާނެ ތަންތަނާއި އިށީންނަ އަށިތައް ގާއިމުކުރުން، ރަށުތެރެ ސާފުތާހިރުކޮށް ބޭއްވޭނެ ގޮތެއް ހެދުން،، ދަތުރުވެރީންނަށް ފާޚާނާ ކުރެވޭނެ ތަންތަން ގާއިމުކުރުން، އާއްމު ބޭނުންތަކަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދޭނެ ތަންތަން ގާއިމު ކުރުން، ބަހާއި އަދަބިއްޔާތާއި ފަންނުތަކާއި މުނިފޫހި ފިލުވުމުގެ ކަންކަން ކުރެވޭނެ ގޮތް ހަމަޖެއްސުން. މިއީ ކޮންމެހެން ކޮށްދޭން ޖެހޭ ކަންކަން." ގާޒީ ޞަފިއްޔުއްދީނު ވިދާޅުވިއެވެ.
"ކާފަމެންގެ ކުޑައިރުގެ ހަނދާންތަކާއި ކާފައަށް ފެނުނު ހިތްހަމަ ޖެހޭ ކަންކަމާއި ހަނދާނުން ފިލުވާލަން ދަތި ކަންކަން ވެސް އަޑު އަހާލަން ބޭނުން." އަމީރު މުޙައްމަދު ވިދާޅުވިއެވެ.
- ނުނިމޭ -