02 May 2020, 23:27
ހއ. ތަކަންދޫ އިން ޕޮޒިޓިވްނުވާ ކުއްޖަކު ކަރަންޓީނު ފެސިލީޓީއަކަށް ގެންދެވުމުން ސަރުކާރުން އެކަމަށް މައާފަށް އެދިއްޖެއެވެ.
ތަކަންދޫން ކޮވިޑް19 އަށް ތިން މީހަކު ޕޮޒިޓިވްވެފައިވާކަމަށް ސަރުކާރުން ހާމަކޮށްފައިވަނީ ހުކުރު ދުވަހު އެވެ. އޭގެ ތެރޭގައި ހިމެނެނީ ދެ އަންހެނުންނާއި އެތަނުން އެއް އަންހެނެއްގެ ފިރިހެން ދަރި ކަމަށް ބުނެ ތިން މީހުުން ވަނީ އެ އަތޮޅުގައި ހުންނަ ކަރަންޓީން ފެސިލިޓީއަށް ބަދަލު ކޮށްފަ އެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "ސަން" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެ ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ އެއީ އޮޅުމަކުން ވީ ކަމެއް ކަމަށާއި އެކަމާ ގުޅިގެން އާއިލާއާ މިހާރު ވާހަކަ ދައްކާފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން އަންނަ ކަން ވެސް ފާހަގަކުރެއްވި އެވެ.
އެގޮތުން އެ ދެ ކުދިންނަކީ ވެސް އާއިލީ ގޮތުން ގުޅުން އޮންނަ އަދި ނަމުގައި ވެސް ތަފާތަކަށް އިންނަނީ އެއް އަކުރު ކަމަށް މަބްރޫކް ވިދާޅުވި އެވެ. ކަރަންޓީނަށް ގެންދިޔަ ކުޑަ ކުއްޖާ ނެގެޓިވް ނަމަވެސް އެއީ ކްލޯޒް ކޮންޓެކްޓެއް ކަމަށް މަބްރޫކް ވިދާޅުވި އެވެ. އެހެންކަމުން އެ ކުއްޖާ އަދިވެސް ޓެސްޓް ކުރަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.
"ނަމަވެސް ޕޮޒިޓިވްވި އެހެން ކުއްޖެއް އަޅުގަނޑުމެނަށް ހުރީ އެ ރަށުގައި ބެހެއްޓިފައި. އެ ކުއްޖާ މިހާރު ގެންދިއުމުގެ މަސައްކަތް އެބަކުރޭ. އެއީ އެކަންތައް ހިނގާފައި އޮތް ގޮތަކީ އެކަމަށް އިންތިހާއަށް މައާފަށް އެދެން އެޗްޕީއޭގެ ފަރާތުން ވަނީ އެ އާއިލާއާ ވާހަކަ ދައްކާފައި،" މަބްރޫކް ވިދާޅުވި އެވެ.
އެނގިފައިވާ ގޮތުގައި ތަކަންދޫ އިން ޕޮޒިޓިވްވި މީހުންނަކީ މިދިޔަ މަހުގެ 15 ވަނަ ދުވަހު ކާވިޔާ ބޯޓުން އެ ރަށަށް ދަތުރު ކުރި ބައެކެވެ. މިހާރުވެސް ކާވިޔާ ބޯޓު އޮތީ މޮނިޓަރިންގެ ހާލަތުގައެވެ. އެއީ އެ ބޯޓުން ދަތުރު ކުރި އުލިގަމު މީހަކު އެ ބޯޓުގައި ރަށަށް ދިޔަަ ފަހުން ކޮވިޑް-19އަށް ޕޮޒިޓިވް ވުމުންނެވެ. އެ ބޯޓުން ދަތުރި ކުރި ގިނަ އަދަދެއްގެ ތަކަންދޫ މީހުން މިހާރުވެސް ހޯމް އައިސޮލޭޝަނަށް ލާފައި އެބަ ތިއްބެވެ.