މަދަނީ އިއްތިހާދާއި އިދިކޮޅު ސިޔާސީ ޕާޓީތައް ގުޅިގެން މާދަމާ ބާއްވާ "ބޮޑު މުޒާހަރާ"އާ ދެކޮޅަށް މުޒާހަރާ ކުރުމަށް އެމްޑީޕީން ނުކުތުމުން ދިވެހި ތާރީހުގައި ކުރަހާލެވޭ މަންޒަރު ވަރަށް ގޯސްވާނެ ކަމަށް އެމްޑީޕީގެ ފުވައްމުލަކު މެދުދާއިރާގެ މެމްބަރު ޝިފާގު މުފީދު ވިދާޅުވެއްޖެ އެވެ.

ސަން އަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަ ދައްކަވަމުން އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު ޝިފާގު އިއްޔެ ވިދާޅުވީ އިސްލާމީ ފުތޫހާތު ވަރުގަދަ ކުރުމަށް ދީނީ އިލްމްވެރިން އިސްވެ ތިބެ ކުރާ "ސުލްހަވެރި މުޒާހަރާ" އަކަށް އެމްޑީޕީން ވެސް އަދި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވެސް ނުކުންނެވުމަކީ ރަނގަޅު ކަމެއް ނޫން ކަމަށާއި މުޒާހަރާ ކުރާ ބަޔަކާ ދެކޮޅަށް އެއްވެސް ބަޔަކު މުޒާހަރާ ކުރުމަކީ ގަބޫލުކުރެވޭ ކަމެއް ނޫން ކަމަށެވެ.

"ދީނީ ދަންނަ ބޭކަލުން އިސްވެތިބެ ކުރާ މުޒާހަރާއެއްގައި ގޯސްކޮށް ކަންތައް ހިނގައިފާނެ ކަމަކަށް އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ. އެ ސަބަބާ ހެދި އަޅުގަނޑަށް ނުފެނޭ، އަދި އެހެންގޮތަކުން ވިޔަސް ބަޔަކު މުޒާހަރާއެއް ކުރެޔޭ ކިޔާފައި އިދިކޮޅަށް ބަޔަކު ނުކުމެ މުޒާހަރާކުރުމަކީ ބުއްދިވެރި ކަމެއްގެ ގޮތުގައި،" ޝިފާގު ވިދާޅުވި އެވެ.

ޝިފާގު ވިދާޅުވީ ރާއްޖޭގައި ލާދީނީ ކަންތައްތަކެއް ހިނގާ ނަމަ ރައީސުލްޖުމްހޫރިއްޔާގެ ސަމާލުކަމަށާއި ގައުމުގެ ސަމާލު ކަމަށް އެކަންތައް ގެންނަން ޖެހޭނެ ކަމަށާއި ގާނޫނީ އިމުގެ ތެރެއިން އެކަންތައް ކުރަން އުޅޭ ބަޔަކަށް ގައުމީ ދިފާއީ ބާރުތަކުން ވެސް އެއްބާރުލުން ދޭން ޖެހޭނެ ކަމަށެވެ. ނަމަވެސް އިލްމްވެރިން އިސްވެ ތިބެ ސުލްހަވެރިކަމާ އެކު ކުރަން ނިންމާފައިވާ މުޒާހަރާ އާ ދެކޮޅަށް އެމްޑީޕީން ނުކުމެ މުޒާހަރާކޮށްފި ނަމަ ހަމަނުޖެހުންތަކެއް އުފެދި ކަންތައްތައް ބޮއްސުންލައިގެން ގޮސް މިހާތަނަށް ދިވެހިން ނުދެކޭ ފަދަ އެހެން މަރުހަލާއަކަށް ކަންތައްތައް ހިނގައިދާނެ ކަމުގެ ބިރު އެބައޮތް ކަމަށާއި އެކަމާ ވަރަށް ކަންބޮޑުވާ ކަމަށް ވެސް ޝިފާގު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ތެރޭގައި މިއޮތް އިޖުތިމާއި ހަމަޖެހުން، އެއީ އަޅުގަނޑުމެންގެ ގައުމުގެ ހުރިހާ ވެސް އެއްޗެއްގެ ގޮތުގައި މި ބެލެވެނީ. އިގްތިސާދީ ގޮތުން ބެލިއަސް އަދި އެހެނިހެން ގޮތްގޮތުން ބެލިއަސް އަޅުގަނޑުމެންގެ ތެރޭގައި މިއޮތް އިޖްތިމާއީ ހަމަޖެހުން ގެއްލިގެން ދިއުމުން އޭގެން ދެން ނުކުންނާނެ ނަތީޖާއަކީ އަޅުގަނޑުމެން ގައުމުގެ އެއްވެސް ރައްޔިތަކަށް ތަހައްމަލު ކުރެވޭނެ ކަމެއް ނޫން،" ޝިފާގު ވިދާޅުވި އެވެ.

ހުކުރު ދުވަހުގެ ބޮޑު މުޒާހަރާ ބާއްވަން އުޅޭތީ ރައީސް ނަޝީދު ބިރުފުޅުން ނޫޅުއްވާ ކަމަށް ބުނެ އެމުޒާހަރާ އާ ދެކޮޅަށް ރައީސް ނަޝީދު ވެސް ނުކުންނަވާނެ ކަމަށް އެޕާޓީގެ ވަގުތީ ޗެއާ ޕާސަން ރީކޯ މޫސާ މަނިކު އިއުލާން ކުރެއްވުމުން އެ ޕާޓީގެ ޕީޖީ މެމްބަރު އަދި ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ވެސް ވަނީ ރައީސް ނަޝީދު މުޒާހަރާ އާ ދެކޮޅަށް ނުކުންނަވަން ނުޖެހޭނެ ކަމަށާއި މުޒާހަރާ އަށް ރައީސް ނުކުމެވަޑައިގަތުމަށް އެމަނިކުފާނަށް ވަސްވާސް ދެނީ މޫސަ ކަމަށް ވިދާޅުވެފަ އެވެ.

މީގެ އިތުރުން އިދިކޮޅު ޑީއާރުޕީން ވެސް ވަނީ ރައީސް ނަޝީދު މުޒާހަރާ އަށް ނުކުންނަވަނީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ބުނެ ފާޑުކިޔައި އެކަންތައް ވަރަށް ބޮޑަށް ކުށްވެރިކޮށްފަ އެވެ.