02 May 2020, 22:01
އިނގިރޭސިވިލާތުގެ ކުރީގެ މަޝްހޫރު މިޑްފީލްޑަރު ޑޭވިޑް ބެކަމްގެ އުފަންދުވަސް ފާހަގަ ކުރުމަށް ބްރެޒިލްގެ ރޮނާލްޑޯ ނަޒާރިއޯ ސޯޝަލް މީޑިއާއަށް ދޫކޮށްލީ ދެ އެކުވެރީންގެ ގުޅުންތައް ދައްކުވައިދޭ ހަނދާނީ ފޮޓޯ ތަކެކެވެ. އެ ފޮޓޯތަކުން އެންމެ ފުރަތަމަ ވެސް ލޮލުގައި އަޅައިގަތީ ދެ ކުޅުންތެރިން ސަލާން ކޮށްލާ ފޮޓޯގެ ފަހަތުން އެ ފެންނަ ރެފްރީއަށެވެ. އެއީ ދިވެހި ރާއްޖޭގެ މުހައްމަދު ސައީދެވެ.
އެއީ މީގެ 18 އަހަރު ކުރިން ނަގާފައިވާ ފޮޓޯއެކެވެ. ދުނިޔޭގައި ބާއްވާ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް ކަމަށްވާ ވޯލްޑް ކަޕުގެ ވެސް ވަރުގަދަ ކުއާޓާ ފައިނަލް މެޗެވެ. ފޯމުގައި އޮތް އިނގިރޭސިވިލާތާއި އެފަހަރުގެ ހުރިހާ މެޗެއް ކާމިޔާބުކޮށް ޗެމްޕިއަންކަން ނެގި ބްރެޒިލްއާ ދެމެދު ކުޅެވުނު ފޯރިގަދަ މެޗެވެ. ދުނިޔޭގެ އެތައް އެތައް މިލިއަން ބަޔަކު އެ މެޗު ބަލާނެ ކަން ޔަގީނެވެ.

2002 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕުގެ ކުއާޓާ ފައިނަލުގައި އިންގްލެންޑާއި ބްރެޒިލް ބައްދަލުކުރި މެޗުގައި އިންގްލެންޑުގެ ކެޕްޓަން ޑޭވިޑް ބެކަމް ކޯނަރެއް ނަގަން ތައްޔާރުވާއިރު ރާއްޖޭގެ އެސިސްޓަންޓް ރެފްރީ މުހައްމަދު ސައީދު ސަމާލުވެގެން.
އެހެނަސް އެ މެޗުގެ ވާހަކަ ދައްކާ އިރު ދިވެހިންނަށް އޮތީ ކޮން އުފަލެއްހެއްޔެވެ؟ މިހާތަނަށް ދުވަހަކުވެސް ރާއްޖެ ވޯލްޑް ކަޕަށް ކޮލިފައިއެއް ނުވެ އެވެ. އަދި ވޯލްޑްކަޕް ކުޅެފައިވާ ބޮޑެތި ގައުމުތަކާ ދެކޮޅަށް މާގިނަ މެޗެއް ވެސް ކުޅުމުގެ ފުރުސަތެއް ނުލިބެ އެވެ. އެހެން ނަމަވެސް، ދިވެއްސަކު ވޯލްޑްކަޕް މެޗަކަށް އެރުމުގެ ފުރުސަތު ލިބުނެވެ.
އެ ވަރުގަދަ މެޗުގެ ރޮނގު ބަލަހައްޓަން ހުރީ ކުޑަކުޑަ ރާއްޖޭގެ މުހައްމަދު ސައީދެވެ. ވޯލްޑް ކަޕުގައި ކުޅުމުގެ ނަސީބު ރާއްޖޭގެ ގައުމީ ޓީމަށް ލިބިފައި ނެތަސް، އެ މުބާރާތުގައި އަހަރެމެންގެ ހިއްސާއެއް އެބައޮތެވެ. ސަބަބަކަށްވީ ސައީދެވެ. އެ ޝަރަފްވެރި ފުރުސަތު ސައީދަށް ލިބުނުތާ 18 އަހަރު ފަހުން ވެސް އެ ވާހަކަތައް އާކޮށްކޮށްފައި މި ދައްކަން ޖެހެނީ، އެ ދުވަސްތަކާ ގުޅި ލާމެހިފައި އެތައް ހަނދާންތަކެއް މިއަދުވެސް ފެންނާތީ އެވެ.
ސައީދު ހަމައެކަނި ވޯލްޑް ކަޕަށް ދިޔައީކީ ނޫނެވެ. އެންމެ ފުރަތަމަ ވެސް ލިބުނީ ގްރޫޕް ސްޓޭޖުގައި އާޖެންޓީނާ އާއި އިންގްލެންޑް ބައްދަލުކުރި މެޗެވެ. އެއަށް ފަހު ކެމަރޫނާއި ޖަރުމަނުގެ މެޗެވެ. އެހިސާބުން ނިމުނީ ކަމަށް ހީވި ނަމަވެސް ގްރޫޕް ސްޓޭޖުގައި އިންސާފުކުރި އެސިސްޓަންޓް ރެފްރީންގެ ތެރެއިން އޭޝިއާ އިން އެންމެ ގިނަ މާކްސް ހޯދައި ދެ ވަނަ ބުރުން ވެސް ފުރުސަތު ހޯދި އެވެ.

2002 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕުގެ ކުއާޓާ ފައިނަލުގައި އިންގްލެންޑާއި ބްރެޒިލް ބައްދަލުކުރި މެޗުގައި ބްރެޒިލްގެ ފޯވާޑް ރޮނާލްޑޯ ނަޒާރިއޯ، ރެފްރީ ފިލިޕޭ ރަމޯސް އަދި މުހައްމަދު ސައީދު.
އެ ބުރުގައި ބްރެޒިލާއި ބެލްޖިއަމް ކުޅުނު މެޗު ވެސް ސައީދުގެ ފަހު މެޗަކަށް ނުވި އެވެ. ކުއާޓާ ފައިނަލުގައި އިންގްލެންޑާއި ބްރެޒިލް ވާދަކުރި ވަރުގަދަ މެޗަށް އޭނާގެ އެހީ ފީފާ އިން ހޯދި އެވެ. އެ މެޗުގައި ސައީދު އިންސާފުކުރުމަކީ ރާއްޖޭގެ ފުޓްބޯޅަ ޓީމަށް ވެސް އަށަކަށް ދެވުން ކަމަށް މީހުން ސިފަކުރެ އެވެ.
އިނގިރޭސިވިލާތް ކަޓުވާލުމަށްފަހު ބްރެޒިލް ސެމީފައިނަލަށް އެ ދިޔަ މެޗަކީ ދުނިޔޭގެ ލެޖެންޑަރީ އެތައް ކުޅުންތެރިންތަކެއްގެ ހަނދާންތަކާއި ގުޅިފައިވާ މެޗަކަށްވާއިރު ސައީދު އެދުވަހު ތަމްސީލް ކޮށްދިނީ މުޅި ރާއްޖެ އެވެ.
ރެފްރީކަން ކުރުމުން ސައީދު ރިޓަޔާކުރި ނަމަވެސް، ރެފްރީކަން ކުރުމުގެ ދާއިރާގައި ސައީދު ދެއްކި ނަމޫނާ އަކީ ދިވެހިންނަށް ލިބުނު ޝަރަފެކެވެ. މަރްހޫމް މުހައްމަދު ޒާހިރު ނަސީރު ކިޔަވައިދެއްވި ކޯހަކުން ފާސްވެ ސައީދު ރެފްރީއެއްގެ ގޮތުގައި ދަނޑަށް ނުކުޔީ، 1993 ވަނަ އަހަރު އެވެ.
ސައީދަކީ މިހާރު ރެފްރީން ތަމްރީންކުރުމުގެ މަސައްކަތް ކުރާ ރެފްރީޒް އިންސްޓްރަކްޓަރެކެވެ.