22 Dec 2011, 11:43
އާންމުކޮށް ވިއްކަން ދިރާގުން އިއުލާންކުރި 11.4 މިލިއަން ހިއްސާގެ ތެރެއިން 41 ޕަސެންޓް ހިއްސާ ވިކިއްޖެ ކަން ދިރާގުން މިއަދު އިއުލާންކޮށްފި އެވެ.
ދިރާގުން މިއަދު އާންމު ކުރި ތަފާސްހިސާބުތަކުގައި ބުނަނީ އޮކްޓޯބަރު މަހުގެ 25 އިން މި މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް ހިއްސާ ވިއްކުން ބަންދުކުރި އިރު އެ ކުންފުނީގެ 4.7 މިލިއަން ހިއްސާ ވިކިފައިވާ ކަމަށެވެ. އެއީ 376.9 މިލިއަން ރުފިޔާގެ ހިއްސާ އެވެ.
ބޭރު މީހުންނަށާއި ދިވެހިންނަށް ހިއްސާ ގަނެވޭ ގޮތަށް ދިރާގުން އިއުލާންކުރީ އެ ކުންފުނީގައި އޮންނަ ސަރުކާރުގެ 48 ޕަސެންޓް ހިއްސާގެތެރެއިން 14 ޕަސެންޓް ހިއްސާ ވިއްކުމަށެވެ.
ދިރާގުން ބުނީ މިއީ ރާއްޖޭގެ ކުންފުންޏަކަށް އެންމެ ގިނައިން ހިއްސާ ވިއްކައިގެން ފައިސާ ލިބުނު ފަހަރު ކަމަށެވެ.
"ދިރާގުގެ އައޕީއޯއަކީ ރާއްޖޭގެ ތާރީހުގައި އެންމެ ކާމިޔާބު އައިޕީއޯ އެވެ،" ދިރާގުގެ ބަޔާނުގައިވެ އެވެ.
މީގެ ކުރިން އެންމެ ގިނައިން ހިއްސާ ވިއްކީ 2007 ވަނަ އަހަރު ބީއެމްއެލް އިން 143 މިލިއަން ރުފިޔާގެ ހިއްސާ، އަދި 2006 ވަނަ އަހަރު އެމްޓީޑީސީން 110 މިލިއަން ރުފިޔާގެ ހިއްސާ އެވެ.
އެ ކުންފުނިން ބުނީ މޯލްޑިވްސް ސެކިޔުރިޓީ ޑިޕޮސިޓަރީ (އެމްއެސްޑީ)ގައި އެ ކުންފުނީގެ ހިއްސާ ލިސްޓް ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި ހިއްސާގެ ބާޒާރުގައި ހިއްސާ ވިއްކަން ފެށުމުން އެކަން އިއުލާން ކުރާނެ ކަމައްވެސް ދިރާގުން ބުންޏެވެ.
ދިރާގުގެ ހިއްސާގެ ބޮޑު ބައެއް އެސްޓީއޯ އާއި އެލައިޑުން ވަނީ ގަނެފަ އެވެ. އެސްޓީއޯ އިން ގަތީ ވިއްކަން އިއުލާންކުރި ހިއްސާގެ ތެރެއިން 13.7 ޕަސެންޓެވެ. އަދި އެލައިޑުން އެއް ޕަސެންޓް ހިއްސާ އެވެ. އަދި ޕެންޝަން އޮފީހުން ވަނީ 11 ޕަސެންޓް ހިއްސާ ވެސް ގަނެފަ އެވެ. ޖުމްލަ 25.7 ޕަސެންޓް ހިއްސާ އެ ތިން ފަރާތުން ގަނެފައިވެ އެވެ.