02 May 2020, 20:35
މާލޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19ގެ ނުރައްކަލަށް ހުށަހެޅިފައިވާ ބިދޭސީން މިރޭ މާލެއިން ބޭރުގައިވާ ފެސިލިޓީތަކަށް ގެންދިއުމުގެ މަސައްކަތް ފަށާނެ ކަމަށް ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރު މިއަދު ނެރުއްވި އެންގުމެއްގައި ވިދާޅުވެފައި ވަނީ މާލެ ސަރަހައްދުގައި ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުން ދާތީ، އަދި ބަލި އެންމެ ބޮޑަށް ފެތުރެމުންދަނީ މާލޭގައި ދިރިއުޅެމުންދާ ބިދޭސީންގެ މެދުގައި ކަމަށް ވެފައި، ބިދޭސީ މަސައްކަތްތެރިންގެ މެދުގައި ހަލުވިކަމާއެކު ބަލި ފެތުރެމުގެ ފުރުސަތު ބޮޑުކަަމަށް ފެންނާތީ ފިޔަވަޅުތަކެއް އަޅަން ނިންމަވާފައިވާ ކަމަށެވެ.
މިނިސްޓަރު އަލީ ވަހީދު ކުރި ޓްވީޓެއްގައި ވިދާޅުވީ، އެ ބިދޭސީން މާލެއިން ބޭރުގައި ހުރި ފެސިލިޓީތަކަށް ގެންދިއުމުގެ މަސައްކަތް މިރޭ ފަށާނެ ކަމަށެވެ. އެނގިފައިވާ ގޮތުގައި މިރޭ ބިދޭސީން ގެންދިއުމަށް ހަމަޖެހިފައިވަނީ ގުޅީފަޅުގައި ހުރި ކަރަންޓީން ފެސިލިޓީތަކަށެވެ.
އަދި ލޮކްޑައުންނާ ގުޅިގެން މާލޭގައި ތާށިވެފައިވާ ރައްޔިތުންނަށް ރަށަށް ވޭނެ އުސޫލުވެސް ތަންފީޒުކުރަން މިހާރު ފަށާފައިވާނެ ކަން އަލީ ވަހީދު ވިދާޅުވިއެވެ.
މިއަދު ނެރުނު އެންގުމުގައި ބިދޭސީ މަސައްކަތްތެރީން ކަރަންޓީނުކުރާނެ ހަތަރު ހާލަތެއް ބަޔާންކޮށްފައިވެއެވެ.
ކަރަންޓީނުކުރާނެ ފުރަތަމަ ހާލަތަކީ މާލެ ސަރަހައްދުގައި ވަޒީފާ އަދާކުރާ ވަކި ތަނެއް ނެތް، ނުވަތަ ދިރިއުޅޭނެ ވަކި ތަނެއް ކަނޑައެޅިފައި ނެތްނަމައެވެ. އެފަދަ މީހުން އެކަހެރިކޮށް މޮނީޓަރުކުރުމަށް އިތުރު ފިޔަވަޅުތަކެއް ނާޅައިފިނަމަ އެމީހުންގެ މެދުގައި ބަލި ފެތުރުމުގެ ފުރުސަތު ބޮޑުކަމަށް ފެންނަކަމަށް އެޗްޕީއޭގެ ޑިރެކްޓަރ ޖެނެރަލް ވިދާޅުވެފައިވެއެވެ.
މާލެ ސަރަހައްދުގައި ބިދޭސީން ދިރިއުޅެމުންދާ ބައެއް ކުއާޓަރުތައް ފުލުހުން މޮނީޓަރުކުރަމުން އަންނަ އިރު، އެޗްޕީއޭގެ މިއަދުގެ އެންގުމުގައި ވަނީ އެތަންތަނުގައި އުޅޭ މީހުންވެސް ކަރަންޓީނުކުރެވޭނެ ކަމަށެވެ. ސަބަބަކަށް ބުނެފައިވަނީ އެތަންތަނުގައި ދިރިއުޅޭ ގިނަ ބިދޭސީ މަސައްކަތްތެރީންނަކީ ބައްޔަށް ޕޮޒިޓިވްވި ގިނަ ބަޔަކާ ގުޅުންހުރި ބަޔަކަށް ވާތީއެވެ.
ބިދޭސީން ކަރަންޓީނުކުރެވޭ ތިންވަނަ ހާލަތަކީ ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާ މީހަކާ ސީދާގޮތުން އަދި ނުސީދާ ގޮތުން ދިމާވެފައިވާ ނަމައެވެ.
އަދި އެޗްޕީއޭއިން ބަޔާންކޮށްފައިވާ ހާލަތްތަކަށް ނުފެތޭ ނަމަވެސް ބަލީގެ ނުރައްކަލަށް ހުށަހެޅިފައިވާކަމަށް ގަބޫލުކުރެވޭ ހުރިހާ ބިދޭސީ މަސައްކަތްތެރިން ކަރަންޓީނުކުރެވޭނެ ކަމަށްވެސް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އެންގެވުމުގައި ވިދާޅުވެފައިވެއެވެ.
މިހާތަނަށް ރާއްޖެއިން 524 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެފައި ވާއިިރު އޭގެ ތެރޭގައި ގިނައީ ބިދޭސީ މަސައްކަތްތެރީންނެވެ. ބިދޭސީ މަސައްކަތްތެރީންގެ މެދުގައި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް، އެމީހުން ރަނގަޅު ފެސިލިޓީތަކަށް ބަދަލުކުރުމުގެ މަސައްކަތް ވެސް ސަރުކާރުން އަންނަނީ ކުރަމުންނެވެ.
އަދި އެމީހުން ތޮއްޖެހިގެން ދިރިއުޅޭ ތަންތަނަށް ވަދެ ނުކުމެ އުޅުން ފުލުހުން އަންނަނީ މޮނީޓާކުރަމުންނެވެ.