ކޯޓު އަމުރެއްގެ ދަށުން ސާމްޕަލް ނަގަން ދިއުމުން އެކަމަށް ދެކޮޅު ހެދި މީހަކު ހައްޔަރުކޮށްފި އެވެ.

މި މައްސަލައިގައި ފުލުހުން ހައްޔަރުކުރި މީހާއަކީ ކޮވިޑް19 ޖެހިފައިވާ ކަމަށް އަމިއްލައަށް އަޑު ފެތުރި އުމުރުން 46 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރު ވިދާޅުވީ އެއީ ކ. ދިއްފުށިން ހައްޔަރުކުރި މީހެއް ކަމަށެވެ.

ފުލުހުން ބުނީ ކޮވިޑް19 ޖެހިފައިވާ ކަމަށް އަޑުފެތުރުމަށް ފަހު އޭނާ އަމިއްލައަށް އެޗްޕީއޭއަށް ގުޅައި، ކޮވިޑް19ގެ އަލާމާތްތަކެއް ހުރި ކަމަށް ވެސް ބުނި ކަމަށެވެ. އަދި އެޗްޕީއޭ އިން އަންގައިގެން ހެލްތު ސެންޓަރުން ސާމްޕަލް ނަގަން ދިއުމުން އެކަމަށް އޭނާ ދެކޮޅު ހެދުމުން، އެކަމަށް ކޯޓު އަމުރެއް ނެރުނު ކަމަށް ފުލުހުން ބުންޏެވެ.

ނަމަވެސް ކޯޓު އަމުރެއްގެ ދަށުން ސާމްޕަލް ނަގަން ދިއުމުން ވެސް ސާމްޕަލް ދިނުމަށް އޭނާ ދެކޮޅު ހެދުމުން އަމުރަށް ނުކިޔަމަންތެރިވި މައްސަލައިގައި މިއަދު އޭނާ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.