02 May 2020, 19:11
ކޮވިޑް-19ޖެހި، ހާލުދެރަވުމުން ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް-11 ފެސިލިޓީގައި މިހާރުވެސް ފަސް މީހަކަށް ފަރުވާދެމުންދާ ކަމަށާއި އޭގެ ތެރެއިން ދެ މީހުންގެ ހާލު ރަނގަޅު ނޫން ކަމަށް އައިޖީއެމްއެޗްއިން ބުނެފިއެވެ.
ޑީއެޗް-11 ފެސިލިޓީއަކީ ނޭވާލުމުގެ ބަލިތަކަށް ފަރުވާ ދިނުމަށް ހާއްސަކޮށް ހަދާފައި ހުންނަ ފެސިލިޓީއެކެވެ. އެތަނުން ވެންޓިލޭޓަރުގައިވެސް ފަރުވާދެވެއެވެ. ރާއްޖޭގައި ކޮވިޑް-19 ޖެހިގެން ހާލު ދެރަވި މީހުންނަށް މިހާތަނަށް ފަރުވާ ދީފައި ވަނީ އެތަނުގައެވެ.
މިއަދު ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައިޖީއެމްއެޗްގެ ޑޮކްޓަރު ޑރ. މުހައްމަދު އިސްމާއިލް ވިދާޅުވީ، ޑީއެޗް-11 ފެސިލިޓީގައި ހަ މީހަކަށް ފަރުވާ ދީފައިވާ ކަމަށެވެ. އޭގެ ތެރެއިން އެކެއްގެ ހާލު ރަނގަޅުވެ ޑީއެޗް-17އަށް ބަދަލުކޮށްފައިވާއިރު، ދެ މީހުންގެ ހާލު އަދިވެސް ރަނގަޅު ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
ޑީއެޗް-11ގައި މިހާރު ފަރުވާ ދެމުންދާ މީހުންނާ ގުޅޭ މައުލޫމާތު ހާމަކުރައްވަމުން ޑރ. މުހައްމަދު އިސްމާއިލް ވިދާޅުވީ، އެ ފެސިލިޓީގައި ފަރުވާދެމުންދާ 88 އަހަރުގެ ފިރިހެނެއް އެޑްމިޓު ކުރިތާ ތިން ދުވަސްވެފައިވާއިރު އޭނާގެ ހާލަތު ރަނގަޅު ނޫން ކަމަށެވެ. އެ މީހާ އަކީ ރާއްޖެއިން ފުރަތަމަ މަރުވި އަންހެން މީހާގެ ފިރިމީހާއެވެ.
"[އެ މީހާގެ] ކޮންޑިޝަން އެހާ ރަނގަޅެއް ނޫން އިތުރު އެހެން ކަންތައްތަކެއް ހުރުމާއެކީގައި. ކޮންޑިޝަން އިތުރަށް ގޯސްވުމުގެ ފުރުސަތުވެސް އެބަ އޮތް،" ޑރ. މުހައްމަދު އިސްމާއިލް ވިދާޅުވިއެވެ.
ޑީއެޗް-11ގައި އެޑްމިޓު ކުރެވުނުތާ 12 ދުވަސްވެފައިވާ 80 އަހަރުގެ މީހަކަށް އަދިވެސް ފަރުވާދެމުން އެބަދެއެވެ. ޑރ. މުހައްމަދު އިސްމާއިލް ވިދާޅުވި ގޮތުގައި އެ މީހާގެ އިތުރު ސިއްހީ މައްސަލަތަކެއްވެސް ހުރެއެވެ. އަދި ފަހުން ބެކްޓީރިއަލް ނިއުމޯނިއާއެއް ދިމާވެފައިވާ ކަމަށް ވިދާޅުވުވިއެވެ. އެ މީހާގެ ހާލު ކުރިއަށް ވުރެ މިއަދު ގޯސްވެފައިވާ ކަމަށް ޑރ. މުހައްމަދު އިސްމާއިލް ވިދާޅުވިއެވެ.
ޑީއެޗް-11ގައި ފަރުވާ ދެމުންދާ މީހުންގެ ތެރޭގައި 49 އަހަރުގެ ފިރިހެނެއްވެސް ހިމެނެއެވެ. ޑރ. މުހައްމަދު އިސްމާއިލް ވިދާޅުވީ އެ މީހާ ހުން އައުމުގެ އިތުރުން ނޭވާލާން އުނދަގުވާ ކަމަށެވެ. އެހެންކަމުން އޭނާއަށް އޮކްސިޖަން ދެމުންދާ ކަމަށް ވިދާޅުވިއެވެ. ނަމަވެސް، އޭނާގެ ހާލު ގޯސް ނޫން ކަމަށް ވިދާޅުވިއެވެ.
"ހުން އައުމަކީ އާންމުކޮށް ތިން ދުވަސް ފަހުން ނުވަތަ ފަސް ދުވަސް ފަހުން ދިމާވާ ކަމެއް. ހުން ރަނގަޅުވުމަށް ފަހު އަޅުގަނޑުމެންނަށް ދިމާވާ ޕެޓާނެއް އެއީ ހުން ރަނގަޅުވުމަށް ފަހު ކުރިއެރުން ލިބުމުގެ ފުރުސަތު ވަރަށް ވަރަށް ބޮޑު،" ޑރ. މުހައްމަދު އިސްމާއިލް ވިދާޅުވިއެވެ.
ޑރ. މުހައްމަދު އިސްމާއިލް ވިދާޅުވީ، ޑީއެޗް-11ގައި ފަރުވާދެމުންދާ 70 އަހަރުގެ ފިރިހެނަކާއި 58 އަހަރުގެ އަންހެނެއްގެ ހާލު ގޯސް ނޫން ކަމަށެވެ. 70 އަހަރުގެ މީހާ ހޮޑުލުމާއި ހުން އައުން ފަދަ ކަންތައްތައް ދިމާވިޔަސް ހާލު ރަނގަޅުވަމުންދާ ކަމަށް ވިދާޅުވިއެވެ. އަދި އަންހެން މީހާވެސް ހާލު އިތުރަށް ރަނގަޅުވުމުން ޑީއެޗް-17އަށް ބަދަލު ކުރާނެ ކަމަށް ވިދާޅުވިއެވެ.
ޑީއެޗް-11ގައި ފަރުވާދިނުމަށް ފަހު ރަނގަޅުވުމުން ޑީއެޗް-17އަށް ބަދަލު ކުރި މީހާ ފަހުން ކޮވިޑް-19އަށް ޓެސްޓު ކުރުމުން ނެގަޓިވްވެފައިވާ ކަމަށް ޑރ. މުހައްމަދު އިސްމާއިލް ވިދާޅުވިއެވެ. އޭނާ މުޅިން ބަލިން ނެގަޓިވްވި ކަމަށް ކަނޑައަޅާނީ އަދިވެސް ޓެސްޓުތައް ހަދާފައި ނަތީޖާ ނެގަޓިއްވެއްޖެ ނަމައެވެ.
"އެ ބަލި މީހާގެ ހަމައެކަނި މައްސަލައަކަށް މިހާރު ހުރީ ލިވާގެ މައްސަލައެއް. އެ ފިޔަވައި އިތުރު މައްސަލައެއް ނެތް. އެއް ސާމްޕަލް ނެގަޓިވްވެއްޖެ މިހާރު. އަދި ދެވަނަ ސާމްޕަލްގެ ރިޕޯޓު އަދި އަޅުގަނޑުމެންނަކަށް ނުލިބޭ،" ޑރ. މުހައްމަދު އިސްމާއިލް ވިދާޅުވިއެވެ.
ރާއްޖެއިން މިހާތަނަށް ކޮވިޑް-19އަށް ޕޮޒިޓިވްވެފައި ވަނީ 491 މީހުންނެވެ. ޕޮޒިޓިވްވާ މީހުން އިތުރުވާ ވަރަކަށް ވެންޓިލޭޓަރުގައި ފަރުވާ ދޭން ޖެހޭ މީހުންވެސް އިތުރުވަމުންދާނެއެވެ. އެހެންކަމުން، ސަރުކާރުން މިހާރު ވަނީ ކޮވިޑް-19އާ ދެކޮޅަށް ކުރާ މަސައްކަތުގައި ޓްރީޓޮޕް ހޮސްޕިޓަލްވެސް ބޭނުންކުރަން ފަށައިފައެވެ.