02 May 2020, 19:14
ކުޅުދުއްފުށީގެ ކޮވިޑް19 ޓާސްކް ފޯސްއަށް އެންގުމަކާ ނުލައި މޯލްޑިވިއަންގެ ފްލައިޓެއްގައި މާލެއިން އެރަށަށް ބަޔަކު ގެންގޮސްފި އެވެ.
ރާއްޖޭގައި ކޮވިޑް19 ފެތުރެމުންދާ މި ދުވަސްވަރު އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން ވަނީ މަނާކޮށްފަ އެވެ.
ކުޅުދުއްފުށީ ކޮވިޑް19 ޓާސްކް ފޯސްއިން "ސަން"އަށް މައުލޫމާތު ދެއްވި އޮފިޝަލަކު ވިދާޅުވީ މިއަދުގެ ވަގުތެއްގައި މޯލްޑިވިއަންގެ ފްލައިޓަކުން ހަތް މީހަކު މާލެއިން އެ ރަށަށް އައިސްފައިވާ ކަމަށެވެ.
"މިއަދު އައި ހަތް މީހުންގެ ތެރޭގައި ހިމެނެނީ ކުޅުދުއްފުށީ ފަސް މީހުންނާއި ކުމުންދޫ ދެ މީހެއް. ކުޅުދުއްފުށްޓަށް ނިސްބަތްވާ މީހުން މިހާރު ތިބީ އެމްޕީއެލް ސަރަހައްދުގައި ކަރަންޓީނު މަރުކަޒެއްގެ ގޮތުގައި ބޭނުންކުރާ ގެސްޓްހައުސްއެއްގައި. ކުމުންދޫ ދެ މީހުން އެމީހުންގެ ރަށަށް ގެންދެވޭނެ އިންތިޒާމެއް ހަމަނުޖެހޭތީ އަދި އެއާޕޯޓުގައި ތިބީ. އެމީހުން ގެންނަކަން އެއްވެސް ރަސްމީ ފަރާތަކުން އަޅުގަނޑުމެންނަށް އަންގާފައެއް ނެތް." އޮފިޝަލު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ ހަތް މީހުން ގެނެސްފައިވަނީ ބަލި މީހަކު ބަލާ އައި ފްލައިޓަކުންނެވެ.
ކޮވިޑް19 އަށް ޕޮޒިޓިވްވި މީހަކު ކުޅުދުއްފުށި ސިޓީގައި މަޑުކޮށް، އެ ސިޓީގެ ގިނަ އަދަދެއްގެ ބަޔަކާ ކޮންޓެކްޓުވެފައި ވާތީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިމަހުގެ 21 ވަނަ ދުވަހު އެ ރަށް ވަނީ ލޮކްޑައުންކޮށްފަ އެވެ. ތިން ދުވަހަށް ލޮކްޑައުން ކުރުމަށްފަހު އަނެއްކާ ވެސް މެއި އެއްވަނަ ދުވަހާ ހަމައަށް މުއްދަތު އިތުރުކުރި އެވެ.
އޭގެ ފަހުން މެއި ހަތްވަނަ ދުވަހާ ހަމައަށް ކާފިއު ދިގުދަންމާލި ނަމަވެސް ބޭރަށް ނިކުމެ އުޅުމުގައި ކޮންމެވެސް ވަރެއްގެ ލުއިތަކެއް ވަނީ ދީފަ އެވެ.