ޗައިނާގެ ސަރުކާރާއި އެގައުމުގެ ޕަބްލިކް އަދި އަމިއްލަ ގިނަ ކުންފުނިތަކުން ރާއްޖެއަށް އެހީގެ ގޮތުގައި ފޮނުވި ގިނަ އަދަދެއްގެ ތަކެތި ރާއްޖެ އަތުވެއްޖެއެވެ.

ކޮވިޑް19 އާ ގުޅިގެން މީގެ މަސް ދުވަސް ކުރިން ޗައިނާއިން އޮތީ ރާއްޖެއަށް ބޭނުންވާ ސިއްހީ ދާއިރާގެ ބައެއް ސާމާނު ހިލޭ އެހީގެ ގޮތުގައި ފޮނުވަން ނިންމާފައެވެ.

ޗައިނާއިން މިއަދު ރާއްޖެ އައި ޗާޓަރު ފްލައިޓުގައި ނުވަ ފަރާތަކުން އެހީގެ ގޮތުގައި އެކި ސާމާނު ފޮނުވާފައިވެއެވެ.

އޭގެ ތެރޭގައި ދެ ލައްކައަށްވުރެ ގިނަ ޑިސްޕޯސަބަލް މާސްކާއި، އެން95 އަދި ކޭއެން95 މާސްކާއި، ޕީޕީއީއާއި 10،000 ޓެސްޓު ކިޓާއި ސާމްޕްލިންގް ސްޓިކްގެ އިތުރުން 350 ކެއާރިންގް ބެޑާއި 10 ވެންޓިލޭޓަރު ހިމެނެއެވެ.

މިތަކެތި ފޮނުވީ ޗައިނާގެ ސަރުކާރާއި، ޗައިނާ މާޗަންޓްސް ޕޯޓް ގްރޫޕާއި، ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަނާއި، ބެއިޖިންގް އާބަން ކޮންސްޓްރަކްޝަން އިންވެސްޓްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި، ޑޮންގްފެންގް އިލެކްޓްރިކް ކޯޕަރޭޝަނާއި، ޗައިނާ ހާބަރ އިންޖިނިއަރިންގް ކޯޕަރޭޝަނުގެ އިތުރުން ވާވޭ ޓެކްނޮލޮޖީސް އަދި އަލީބާބާ/ޖެކް މާ ފައުންޑޭޝަނުންނެވެ.

މި ކުންފުނިތަކުގެ ތެރޭގައި ރާއްޖޭގައި އެކި މަޝްރޫއުތައް ހިންގާ ޗައިނާގެ ކުންފުނިތަކެއްވެސް ހިމެނެއެވެ. އަދި ބައެއް ކުންފުނިތަކުން ދަނީ ރާއްޖޭގައި އެމަޖެންސީ ފެސިލިޓީތައް ގާއިމުކުރުމުގެ މަސައްކަތުގައިވެސް ބައިވެރިވަމުންނެވެ.

މީގެ އިތުރުން ގުއަންގްޝީ ޖުއަންގް އޮޓޮނޮމަސް ރީޖަންގެ ސަރުކާރުން ވަނީ މާލެ ސިޓީ ކައުންސިލަށް ހަދިޔާކުރާ ބައެއް ސާމާނުވެސް ފޮނުވާފައެވެ. ގުއަންގްޝީއިން މާލެ ސިޓީ ކައުންސިލަށް ފޮނުވީ ޑިސްޕޯސަބަލް މާސްކާއި އެން95 މާސްކާއި ގޮގްލްސްގެ އިތުރުން ޕީޕީއީއާއި ތަމޯމީޓަރުތަކެކެވެ.

މިތަކެތި މިއަދު ރާއްޖެ އައިސްފައިވާ އިރު، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ޗައިނާގެ ސަރުކާރާއި ރައްޔިތުންނަކީ އަބަދުވެސް ދިވެހީންގެ އެކުވެރި، ރަހުމަތްތެރިން ކަމަށެވެ.

"ކޮވިޑް19 އާއި ގުޅިގެން މިއަދު ޗައިނާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ދަތިތަކާއި އެކުވެސް, ދިވެހިންނަށް އެހީވުމުގައި ދިވެހިންނާއި އެކު އަތާއަތްގުޅާލައި ޗައިނާގެ ރައްޔިތުން ތިބުމުން, އެކަމަށްޓަކައި ހެޔޮ އެދުމާއި އިޚުލާސްތެރިކަމުގެ ޝުޢޫރު ފާޅުކުރަމެވެ. މިއީ އުނދަގޫ ދަތުރެކެވެ. ނަމަވެސް އެކީ އެކުގައި ހޭރިޔާކޮށް އަމާން ބަނދަރަކަށް ވާސިލް ވުމުގެ އުންމީދާއި ޔަގީންކަން އެބައޮތެވެ،" މިނިސްޓަރު ވިދާޅުވިއެވެ.