އިއްޔެ އދ. މާމިގިއްޔަށް ބޯކޮށް ވާރޭވެހި އެ ރަށުގައި ފެންބޮޑުވެ، ޖަންކްޝަންތައް ފަޅައިގެން ގޮސް ނަޖިސް ލީކުވުމުގެ މައްސަލަ ކުރިމަތިވެއްޖެ އެވެ.

މާމިގިލީ ކައުންސިލްގެ ރައީސް ޖުނައިދު އިބްރާހިމް މިއަދު ވިދާޅުވީ އިއްޔެ އާއި ރޭ އެ ރަށަށް ވެހުނު ބޯވިއްސާރައިގެ ސަބަބުން އެ ރަށުގެ މަގުތަކުގައި ދެ ފޫޓަށް ވުރެ ބޮޑަށް ފެން ބޮޑުވެ، ރަށުގެ މަގުތަކަށް ނަޖިސް ބޭރުވެ ގެދޮރަށް ބައެއް ގެއްލުން ލިބިފައިވާ ކަމަށެވެ.

ރަށުގައި ބޮޑުވެފައިވާ ފެންގަނޑު ހިންދުމަށް މާމިގިލީ އެއާޕޯޓުގެ ބައެއް ވެހިކަލްތައް ބޭނުންކޮށްގެން މަސައްކަތް ކުރި ނަމަވެސް އަދި ވެސް ފެންގަނޑު ހިންދާ ނުލެވޭ ކަމަށް ކައުންސިލަރު ވިދާޅުވި އެވެ. އަދި ވިދާޅުވީ ފެން ހިއްކުމަށް އެމްއެނމްޑީއެފްގެ ބޭފުޅުން ޕަންޕެއް ހިފައިގެން އެ ރަށުގައި ހަރަކާތް ތެރިވީ ނަމަވެސް އެ ރަށަކީ ބޮޑު ރަށަކަށް ވުމުން ފެންގަނޑު ހިއްކާލުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަ ށެވެ.

"މިހާރު އަޅުގަނޑުމެންނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ފެން ބޮޑުވި ބައެއް ސަރަހައްދުތަކުގެ ޖަންކުޝަންތަކުން ނަޖިސް ލީކުވުމުގެ މައްސަލަ. ރަށުގައި މިދަނީ އިއުލާން ކުރަމުން ކުޑަކުދިން ފެންގަނޑުތަކަށް އެރުނަ ނުދިނުމަށް. ފެންގަނޑު އަވަހަށް ހިންދާ ނުލެވިއްޖެ ނަމަ ބަލިމަޑުކަމެއް ފެތުރުމަކީ ވެސް ދިމާވެދާނެ ކަމެއް،" ޖުނައިދު ވިދާޅުވި އެވެ.

ކައުންސިލްގެ ރައީސް ވިދާޅުވީ ފެންބޮޑުވުމުގެ ހާދިސާގައި އެ ރަށުގައި އަލަށް އިމާރާތްކުރާ ގެއެއް ކަނޑައިގެން ގޮސް ބައެއް ގޭގެ އަށް ފެންވަދެ އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މިހާރު ވެސް އެދެމުން މިދަނީ ލިބިފައިވާ ގެއްލުންތައް ކައުންސިލްގެ އިދާރާ އަށް ހުށައެޅުމަށް،"
ޖުނައިދު ވިދާޅުވީ އެ ރަށުގައި ބޮޑުވެފައިވާ ފެންގަނޑު އަވަސްގޮތެއްގައި ހިއްކައިދިނުމަށް މެދު ސަރަހައްދުގެ ގައުމީ އިދާރާ އިން މަސައްކަތް ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި މާމިގީލީ ސަރަހައްދަށް އިއްޔެ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ބައެއް ފްލައިޓްތައް ވަނީ ރަންވޭއަށް ނުޖެއްސިގެން އެނބުރި މާލެ އަށް އައިސްފަ އެވެ.