އިނގިރޭސި ޕްރިމިއާ ލީގުގެ 2019-2020 ވަނަ ސީޒަނުގެ ކުޅުން އަލުން އަނބުރާ ފެށުމަށް ކުލަބުތަކުން ތިބީ ކެތްމަދުވެފައި ކަމަށާއި، އެހެން ނަމަވެސް ލީގު ފެށޭނެ ތާރީހެއް އަދިވެސް ނޭންގޭ ކަމަށް އެ ލީގުން ބުނެފި އެވެ.

ކޮރޯނާ ވައިރަސް ކޮންޓްރޯލްވުމެއް ނެތި ގިނަ ގައުމުތަކެއްގައި ފެތުރެން ފެށުމާ އެކު ޔޫރޮޕުގެ ފުޓުބޯޅަ މުއްދަތެއް ނެތް ގޮތަށް ފަސް ކުރީ މިދިޔަ މަހުގެ ކުރީކޮޅެވެ. އޭގެ ފަހުން ގައުމުތަކުގައި އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކަށް ފަހު މިހާރު ބައެއް ގައުމުތަކުން އަންނަނީ ފުޓުބޯޅަ ލީގުތައް ކެންސަލް ކުރަމުންނެވެ. އޭގެ ތެރޭގައި ފްރާންސްގެ ލީގާއި، ބެލްޖިއަމް އަދި ނެދަލެންޑްސްގެ އިތުރުން އާޖެންޓީނާގެ ފުޓުބޯޅަ ސީޒަންވެސް ވަނީ ނިމުމަކަށް ގެނެސްފަ އެވެ.

އެހެން ނަަމަވެސް އިނިގިރޭސިވިލާތާއި، ސްޕެއިން އަދި ޖަރުމަނުގެ އިތުރުން އިޓަލީން އަންނަނީ ލީގަށް ތައްޔާރުވުމުގެ ގޮތުން ކުޅުންތެރިން ލައްވާ ހާއްސަ ފަރިތަކުރުންތަކެއް ވެސް ކުރުވަމުންނެވެ. އެއާ އެކު އަންނަ މަހުގެ ތެރޭގައި ރަސްމީކޮށް ޕްރެކްޓިސް ފަށައި، ޖޫންގެ ކުރިން ލީގުގެ މެޗުތައް ފެށޭ ވަރު ވާނެ ކަމަށް އެގައުމުތަކުގެ މީޑިއާ ރިޕޯޓުތަކުން ބުނި ނަަމަވެސް އަދި ލީގުތައް ފެށޭނެ މާހައުލެއް ނެތް ކަމަށް ގިނަ ފުޓުބޯޅަ އެސޯސިއޭޝަނުން ބުނެ އެވެ.

އެގޮތުން ދުނިޔޭގެ އެންމެ މަގުބޫލު ލީގުގެ ގޮތުގައި ފާހަގަވެފައި އޮންނަ އިނގިރޭސި ޕްރިމިއާ ލީގުން އިއްޔެގެ ވަގުތެއްގައި ވަނީ އެ ލީގުގެ ޝެއާ ހޯލްޑަރުންނާއި، ކުލަބުތަކުގެ އިތުރުން ސްޕޮންސަރުންނާއެކު ބައްދަލުމެއް ބާއްވާފަ އެވެ. މި ބައްދަލުވުމުގައި ލީގު ނުފެށުމުން ލިބޭނެ ގެއްލުންތަކާއި، ފަށާނެ ތާރީހުތަކާ މެދު މަޝްވަރާ ކުރި ނަމަވެސް އެކަމަށް ވަކި ގޮތެއް ނުނިމޭ ކަމަށް ވަނީ ބުނެފަ އެވެ.

"އިއްޔެގެ ބައްދަލުވުމުގައި އެންމެ މުހިއްމު ކަމަކަށް ޝެއާހޯލްޑަރުންނާ އެކު މަޝްވަރާ ކުރެވުނު އެއް ކަމަކީ ހާލަތު ރަނގަޅުވީހާ އަވަހަކަށް ލީގު ފެށުމަށް. އެކަމަކު ބައްދަލުވުން ނިންމާލަން ޖެހުނީ އެކަމަށް ވަކި ގޮތެއް ނުނިމި،" ޕްރިމިއާ ލީގުން ނެރުނު ބަޔާނެއްގައި ވަނީ ބުނެފަ އެވެ.

ޕްރިމިއާ ލީގުގެ ބަޔާނުގައި ބުނެފައި ވަނީ، މިފަހަރުގެ ލީގު އަލުން ފެށުމަށް ހުރިހާ ކުލަބުތަކުން ވެސް ބޭނުންވާ ކަމަށެވެ. އެހެން ކަމުން އެގައުމުގެ ބޮޑު ވަޒީރު ބޯރިސް ޖޯންސަންގެ ސަމާލު ކަމަށް އެކަން ގެނެވިފައިވާ ކަމަށާއި، ސަޕޯޓަރުން ނުވައްދާ ކުޅެގެން ވިޔަސް ނުވަތަ، ނިއުޓްރަލް ސްޓޭޑިއަމެއްގައި ކުޅެގެން ވިޔަސް ލީގު ނިންމަން ބޭނުންވާ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ ކުޅުން މިދިޔަ މަހުގެ ކުރީކޮޅު މެދުކަނޑާލި އިރު އެއްވަނައިގައި ބޮޑު ލީޑަކާ އެކު އޮތީ ލިވަަޕޫލް އެވެ. ދެވަނައިގައި މެންޗެސްޓާ ސިޓީ އޮތް އިރު ތިންވަނައިގައި އޮތީ ލެސްޓާ ސިޓީ އެވެ.

ކޮރޯނާ ވައިރަހުގެ ސަބަބުން ޔޫރޮޕުގެ ބައެއް ލީގުތައް ކެންސަލް ކުރަމުން އަންނަ އިރު އަންނަ މމަހުގެ25 ގެ ކުރިން ލީގުތަކަށް ހަދާނެ ގޮތެއް ނިންމާ އެންގުމަށް ޔޫއެފާއިން ވަނީ ޔޫރޮޕުގެ ފުޓުބޯޅަ އެސޯސިއޭޝަން ތަކަށް އަންގާފަ އެވެ.