22 Dec 2011, 11:05
ގުރޫޕަކުން ގޮސް ފިހާރައެއްގެ ސޭޓަކަށް ކަތިވަޅިއަކުން ހަމަލަދީ ޒަޚަމްކޮށްލައިފި އެވެ.
އައިޖީއެމްއެޗްގެ އޮފިޝަލަކު ވިދާޅުވީ އަންގާރަ ދުވަހުގެރޭ 11:40 ހާއިރު މީހެއްގެ ބުރަކަށްޓައް ތޫނު އެއްޗަކުން ހަމަލާދިނުމާ ގުޅިގެން އެހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. އަދި އަނިޔާވި މީހާ އަށް ފަރުވާ ދިނުމަށްފަހު މިހާރު ދޫކޮށްލާފައިވާ ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ. ނަމަވެސް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލެއް އައިޖީއެމް ހޮސްޕިޓަލުން ހާމައެއް ނުކުރެ އެވެ.
ފުލުހުން ބުނީ މާފަންނު ހަނދުވަރީ ހިނގުމުގައި ހުންނަ "ޑަންކު"ފިހާރައިގެ ސޭޓަކަށް އިން މީހަކަށް ތޫނު އެއްޗަކުން ހަމަލަދީ ޒަޚަމްކޮށްލި މައްސަލަަ އެއް އަންގާރަ ދުވަހުގެ ރޭ ދަންވަރު 1:55 ހާކަންހާއިރު، ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.
މަންޒަރު ދުށްމީހަކާ ހަވާލާދީ ސަން އާ ވާހަކަ ދެއްކީ މީހަކު ބުނީ ގުރޫޕަކުން ގޮސް ސޭޓަކަށް އިން މީހާގެ ބުރަކަށްޓަށް ކަތިވަޅިން ހަމަލަދިނުމަށް ފަހު ފިލާފައިވާ ކަމަށެވެ. އަދި އެ ގުރޫޕުން އެ ފިހާރައަށް ވަނީ ހަމައެކަނި ސޭޓަށް ހަމަލަދޭން ކަމަށާއި ފިހާރައިގެ އެއްވެސް މުދަލަކަށް އަދި ފައިސާ އަކަށް ވެސް ގެއްލުން ނުދޭ ކަމަށް ސަން އާ ވާހަކަ ދެއްކި މީހާ ބުންޏެވެ.
މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ނުރައްކާތެރި ތޫނު ހަތިޔާރު ބޭނުންކޮށްގެން 62 މާރާމާރީއެއް ހިންގާފައިވާ އިރު އެ މުއްދަތުގައި އެހެނިހެން ހަތިޔާރު ބޭނުންކޮށްގެން 118 މާރާމާރީ ހިންގާފައިވާ ކަމަށް ފުލުހުންގެ ރެކޯޑްތަކުން ދައްކަ އެވެ.