02 May 2020, 20:44
ޖެނީވާ (2 މޭ 2020): ދުނިޔޭގެ ގައުމުތަކުން އެގައުމުތަކުގެ ސިޔާސީ އެޖެންޑާތަކުގެ އެންމެ ކުރިއަށް ނެރެންވީ ސިއްހަތު ކަމަށް ދުނިޔޭގެ ސިއްހަތާބެހޭ ޖަމްއިއްޔާ، ޑަބްލިއުއެޗްއޯ އިން ބުނެފިއެވެ.
ޖެނީވާ ގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޑަބްލިއުއެޗްއޯ ގެ ޔޫރަޕްގެ ކަންޓްރީ ޑައިރެކްޓާ ޑރ. ހާންސް ހެންރީ ކްލޫގް ވިދާޅުވީ ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކާއެކު ކޮވިޑް-19 ފަދަ ނުރައްކާތެރި އެތަށް ވައިރަހެއް މުސްތަގްބަލްގައި އިންސާނުންގެ ފުރާނައަށް ނުރައްކާ ކޮށްފާނެ ކަމުގެ ބިރަކީ ހަގީގީ ބިރެއްކަމުގައެވެ.
"ބައެއް ވައިރަސްތައް ގުދްރަތީ ގޮތުން އިވޯލްވެ އޭގެ ޖިނޮމިކް ސްޓްރަކްޗާ އަށް ބަދަލު އައިސް އަލުން އެހެން ވައިރެހެއްގެ ގޮތުގައި ނުކުންނަން މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި ތިމާވެއްޓަށް އަންނަމުންދާ ބަދަލުތައް ހިމެނިދާނެކަން ދިރާސާތަކުން ކުރިންވެސް ދައްކާފައިވޭ،" ޑރ. ކްލޫގް ވިދާޅުވިއެވެ.
ކޮވިޑް-19 އަކީވެސް ބައެއް ސަބަބުތަކާ ގުޅިގެން އޭގެ ޖިނޮމިކް ސްޓްރަކްޗާ އަށް ބަދަލު އައިސް ގުދުރަތީ ގޮތުން އުފެދުނު އެއްޗެއްކަން ދިރާސާ ދިރާސާތަކުން ސާބިތުވާކަމަށް ވައިރޮލޮޖީއާބެހޭ ޑަބްލިއުއެޗްއޯ ގެ ރިސާޗަރުން ވަނީ ވިދާޅުވެފައެވެ. ކޮވިޑް-19 ވައިރަސް އުފެދުނީ "ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ކޮރޯނާވައިރަސް 2" ގެ ޖިނޮމިކް ސްޓްރަކްޗާ އަށް ބަދަލުތަކެއް އައިސް ގެން ގުދުރަތީ ގޮތުން ކަމަށް އެބޭފުޅުން ވިދާޅުވެފައިވެއެވެ.
ޑރ. ކްލޫގް ވިދާޅުވީ ކޮވިޑް-19 އަށް ޚާއްސަކޮށްގެން ވެކްސިންއެއް ނުވަތަ ބޭހެއް އީޖާދު ކުރަންޖެހޭ ކަމަށާ އެކަން ކުރެވޭނެކަމުގެ ޔަގީންކަންވެސް ބޮޑުކަމުގައެވެ. ނަމަވެސް އެފަދަ ވެކްސިންއެއް ނުވަތަ ބޭހެއް އީޖާދު ކުރުން ލަސްވާނަމަ ކޮވިޑް-19 ގެ ދެވަނަ ނުވަތަ ތިން ވަނަ ރާޅެއް އައުން އޮންނާނީ ވަރަށް ގާތުގައި ކަމަށާއި ބައިނަލްއަގްވާމީ މުޖްތަމައުން އެކަމާމެދު ވިސްނައި ތައްޔާރުވާންޖެހޭ ކަމަށް ޑރ. ކްލޫގް ވިދާޅުވިއެވެ.

ކޮރޯނާ ވައިރަސް އިލެކްޓްރޯނިކްސް މައިކްރޮސްކޯޕުން ފެންނަގޮތް (އެތަށް ހާސްފަހަރަކު ބޮޑުކުރުމުން)
ސިއްހަތަކީ އިގްތިސާދުގެ ތަނބު ކަމަށާއި ބަލި ހާލުގައި ތިބެގެން ނޫނީ ރޯގާއެއް ފެތުރިދާނެކަމުގެ ބިރުވެރިކަމުގައި ތިބެގެން އިގްތިސާދީ ހަރަކާތެއްވެސް އަދި އަސްކަރީ ހަރަކާތެއްވެސް ކުރިޔަށް ނުގެންދެވޭނެކަން ކޮވިޑް-19 ދުނިޔެއަށް ދައްކައި ދީފި ކަމަށާއި އެކަމުން މިކަމުން އިބްރަތް ހާސިލް ކުރުމަށް ޑރ. ކްލޫގް ގޮވާލެއްވިއެވެ.
މިމޭރުމުން ވާހަކަ ދައްކަވަމުން ކޮންމެ ގައުމެއްގެވެސް ގައުމީ ސަލާމަތުގެ އެންމެ އިސްކަމަކީ ސިއްހަތު ކަމަށް ހެދުމަށާއި ސިއްހަތު ރައްކާތެރި ނުކުރެވޭނަމަ ގައުމީ ސަލާމަތް ރައްކާތެރި ނުކުރެވޭނެކަން ޑރ. ކްލޫގް ފާހަގަކުރެއްވިއެވެ. އަދި ކޮވިޑް-19 ގެ ތަޖްރިބާގެ އަލީގައި ދުނިޔޭގެ ގައުމުތަކުން އެގައުމުތަކުގެ ސިޔާސީ އެޖެންޑާގެ އެންމެ ކުރިއަށް ނެރެންވީ ސިއްހަތު ކަމަށްވެސް ޑރ. ކްލޫގް ވިދާޅުވިއެވެ.
ދުނިޔޭގައި އެންމެ ކުރިއަރާފައިވާ އަސްކަރީ ބާރުކަމަށްވާ އެމެރިކާ ގައިވެސް ކޮވިޑް-19 އާ ކުރިމަތިލުމުގެ ގާބިލްކަން ނެތުމުން އެރޯގާގެ ކުރިމަތީގައި އެމެރިކާ އިނދަޖެހިގެން ދިޔަ މަންޒަރު ވަރަށް ސާފުކޮށް ދުނިޔެއަށް ވަނީ ފެނިގެންގޮސްފައެވެ. މީގެއިތުރުން ނުރައްކާތެރި ވައިރަސްތަކާ ކުރިމަތިލުމުގައި ނިއުކްލިޔާ ހަތިޔާރާއި މަތިންދާބޯޓު އުފުލާ މަނަވަރުތަކާއި ބާރުގަދަ މިސައިލްތަކާއި އަސްކަރީ ޖެޓްތަކުގެ ބޭނުންނެތްކަންވެސް ކޮވިޑް-19 ވަނީ ދުނިޔެއަށް ސާބިތުކޮށްދީފައެވެ.
އަދި ސިއްހީ ގޮތުން އެންމެ ބޮޑަށް ކުރިއަރާފައިވާ އެމެރިކާއާއި ޔޫރަޕްގެ ސިއްހީ ނިޒާމުތަކުގައިވެސް ކޮވިޑް-19 ފަދަ ކުއްލިއަކަށް ފެތުރިގަންނަ ބާރުގަދަ ވައިރަސްތަކާ ކުރިމަތިލުމުގެ ގާބިލްކަން ނެތުމުން އެގައުމުގެ ތަކުގެ ހާލަތު އެންމެ ނިކަމެތި ގައުމުތަކުގެ ހާލަތަށްވެއްޓި ކޮންމެ ދުވަހަކު އެތަށް ހާހަކުން ރައްޔިތުން މަރުވަމުންދާއިރު ގޮތް ހުސްވެފައިވާ މަންޒަރުވެސް ކޮވިޑް-19 ވަނީ ދައްކައި ދީފައެވެ. (ނޫސްއެޖެންސީތައް)