ވޮޝިންޓަން (2 މޭ 2020) : ކޮރޯނާވައިރަސް "ކޮވިޑް-19" އަކީ ޗައިނާގެ ލެބޯޓްރީއެއްގައި އުފެއްދި ވައިރެހެއް ކަމުގެ ހެކި ލިބިފައިވާ ކަމަށްބުނާ ރިޕޯޓެއް ތައްޔާރުކޮށް ނެރުމަށް ޓްރަމްޕްގެ ސަރުކާރުން އެމެރިކާގެ މަރުކަޒީ ޖާސޫސީ އިދާރާ "ސީއައިއޭ" އަށް ބާރުއަޅަމުންދާކަމަށް ޚަބަރު ލިބިއްޖެ އެވެ.

ސީއައިއޭގެ ނަންހާމަކުރަންނޭދޭ މަސްއޫލުވެރިއަކާ ހަވާލާދީ "ނިޔުޔޯކް ޓައިމްސް" ބުނާގޮތުން ކޮވިޑް-19 އަކީ ޗައިނާގެ ލެބޯޓްރީއެއްގައި އުފެއްދި ވައިރަހެއްކަމަށް ޓްރަމްޕާއި އޭނާގެ ސަރުކާރުގެ މަސްއޫލުވެރިން ކުރައްވާ ތުހުމަތު ތަކަށް ބާރުލިބޭފަދަ ޖާސޫސީ ރިޕޯޓެއް ތައްޔާރު ކުރުމަށް ޓްރަމްޕްގެ އަރިސް ބައެއް ފަރާތްތަކުން ސީއައިއޭ ގެ އިސްވެރިންނަށް ގެންދަވަނީ ބާރުއަޅުއްވަމުންނެވެ.

"ނިޔުޔޯކް ޓައިމްސް" މިހެން ބުނެފައިވާއިރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރޭގައިވެސްވަނީ ކޮވިޑް-19 އަކީ ޗައިނާގެ ލެބޯޓްރީއެއްގައި އުފެއްދި ވައިރަހެއްކަން ކަށަވަރުވާވަރުގެ ހެކިތައް ފެންނަމުންދާ ކަމަށް ވިދާޅުވެ އޭނާ ދައްކަވާ ވާހަކަތައް އަނެއްކާވެސް ތަކުރާރު ކުރައްވާފައެވެ.

ވައިޓްހައުސްގައި ރޭ ބޭއްވި ނޫސް ކޮންފަރެންސެއްގައި ޓްރަމްޕް ވިދާޅުވީ، ކޮވިޑް-19 ގެ ފެށުމަކީ ޗައިނާގެ ވޫހާން އިންސްޓިޓިއުޓް އޮފް ވައިރޮލޮޖީ ކަމަށާ އެކަމުގެ ހެކި އެބަހުރި ކަމުގައެވެ. ނަމަވެސް އެކަމާބެހޭ އިތުރު ތަފްސީލް ދޭން ނޫސްވެރިން އެދުމުން ޓްރަމްޕްވަނީ އެކަމަށް ފަސްޖެހިވަޑައިގެންފައެވެ. ޓްރަމްޕް ވަނީ މީގެކުރިންވެސް އެތަށްފަހަރަކު ކޮވިޑް-19 އަކީ ޗައިނާގެ އުފެއްދުމެއްކަމަށް ތުހުމަތު ކުރައްވައި ވާހަކަ ދައްކަވާފައެވެ. ނަމަވެސް އެކަމުގެ އެއްވެސް ހެއްކެތް ދެއްކުމުގައި ޓްރަމްޕަށް ވަނީ ފެއިލްވެ ވަޑައިގެންފައެވެ.

ކޮވިޑް-19 އުފެއްދި ކަމުގެ ތުހުމަތު ޓްރަމްޕް ޗައިނާގެ މައްޗަށް އަނެއްކާވެސް ކުރައްވާފައި މިވަނީ އެއީ ޖެނެޓިކް މޮޑިފިކޭޝަންތަކެއް ގެނެސްގެން އިންސާނުން އުފައްދާފައިވާ ވައިރަހެއް ނޫންކަމާ އަދި އެކަމަށް ބާރުލިބިދޭ އެއްވެސް ހެއްކެތް ނެތްކަމަށް އެމެރިކާގެ ގައުމީ ޖާސޫސީ އިދާރާގެ ވެރިޔާ "ޑައިރެކްޓާ އޮފް ނެޝަނަލް އިންޓެލިޖެންސް"ގެ އޮފީހުން ބުނެފައިވާ ދަނޑިވަޅެއްގައެވެ.

އިރާގުގައި ފަނާކުރަނިވި ހަތިޔާރު ހުރިކަމަށް ބުނެ އެމެރިކާގެ ކުރީގެ ރައީސެއް ކަމަށްވާ ޖޯޖް ޑަބްލިޔު ބުޝް އާއި އޭނާގެ ސަރުކާރުން ހެދި ދޮގުތަކަށް ބާރު ލިބޭގޮތަށް ޖާސޫސީ ރިޕޯޓެއް 2002 ގައި ތައްޔާރުކުރި ކަމުގެ ތުހުމަތު ސީއައިއޭގެ މައްޗަށް ވަނީ ކުރެވިފައެވެ. އެދުވަސްވަރު އިރާގުގައި ފަނާކުރަނިވި ހަތިޔާރު ހުރިކަމަށް ބުނެ ރިޕޯޓެއް ތައްޔާރުކުރުމަށް ބުޝްގެ ފަރާތުން ސީއައިއޭ އަށް ފިއްތުންތައް ކުރިމަތިކުރި އިސް އެއްބޭފުޅަކީ ބުޝްގެ ވަރަށް އަރިސް ހަރުކަށި ބޭފުޅެއްކަމަށްވާ ޖޯން ބޯލްޓަންކަން އޭގެ އަހަރުތަކެއްފަހުންވަނީ ފަޅާއަރާފައެވެ. ބޯލްޓަން އެދުވަސްވަރު ހުންނެވީ އދ. ގައި ހުންނަވާ އެމެރިކާގެ ސަފީރު ކަމުގެ މަގާމުގައެވެ. އެއީ އެދުވަސްވަރު އެމެރިކާގެ ވަޒީރުން ފެންވަރުގެ މަގާމެކެވެ.

އިރާގުގައި ފަނާކުރަނިވި ހަތިޔާރު ހުރިކަމަށް ވިދާޅުވެ ބުޝް ހައްދަވަމުން ގެންދެވި ދޮގުތަކަށް ބާރު ހޯއްދަވައި އިރާގަށް އަރައިގަނެ އެގައުމާ ދެކޮޅަށް ހަނގުރާމަ ފެށުމުގެ ސަބަބެއްގެ ގޮތުގައި ބުޝް ހެއްދެވީ އޭނާ ބޭނުންވާ ގޮތަށް ސީއައިއޭ އިން ތައްޔާރުކޮށްދިން އެ ދޮގު ރިޕޯޓެވެ. ނަމަވެސް ސީސީއައިއޭގެ މިހާރުގެ ވެރިން ޓްރަމްޕް ބޭނުންވާފަދަ ރިޕޯޓެއް ކޮވިޑް-19 އާ ބެހޭ ގޮތުން ތައްޔާރުކޮށްފާނެކަން ނުވަތަ ނޫންކަން ސާފުވެފައެއް ނުވެއެވެ. މިހާރު ސީއައިއޭގެ އިސްވެރިންގެ ގޮތުގައި ތިއްބެވީ ތަފާތު ބައެކެވެ.

ކޮވިޑް-19 އަކީ ލެބޯޓްރީއެއްގައި އުފެއްދި ވައިރަހެއް ނޫންކަމާއި އެއީ ގުދުރަތީ ގޮތުން އުފެދިފައިވާ އެއްޗެއްކަން އޭގެ ޖިނޮމިކް ސްޓްރަކްޗާ ދިރާސާ ކުރުމަށްފަހު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ "ޑަބްލިއު.އެޗް.އޯ" އިންވަނީ ބުނެފައެވެ. ވައިރަސްތައް ދިރާސާ ކުރައްވާ ޑަބްލިއު.އެޗް.އޯ އިލްމުވެރިން ވަނީ ކޮވިޑް-19 އަކީ ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ކޮރޯނާވައިރަސް 2 ގެތެރެއިން ގުދުރަތީ ގޮތުން އުފެދުނު ވައިރަހެއްކަން އިލްމީ ގޮތުން ސާބިތުވާ ކަމަށް ބުނެފައެވެ. (ނޫސްއެޖެންސީތައް)