ކުރު މުއްދަތައް މާލެ އައިސް ރަށަށް ނުދެވި، މާލޭގައި ތާށިވެފައި ތިބި މީހުން އެރަށަކަށް ގެންދާއިރު ކަރަންޓީނު ކުރަން ސަރުކާރުން ނިންމައިފިއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ މާލެއިން ރަށަށްދާ މީހުން ކަރަންޓީނު ކުރުމަށް ދެ ގޮތެއް ހަމަޖައްސާފައިވާ ކަމަށެވެ.

މަބްރޫކް ވިދާޅުވީ އެރަށެއްގައި އެކަހެރިކޮށް ކަރަންޓީނު ކުރެވޭނެ ތަނެއް ހުރިނަމަ އެމީހަކު ކަރަންޓީނު ކުރާނީ އެރަށެއްގައި ކަމަށެވެ. ނަމަވެސް އެ ރަށެއްގައި އެފަދަ ޖާގައެއް ނެތްނަމަ، އެމީހަކު ކަރަންޓީނު ކުރާނީ ސަރުކާރުން ގާއިމްކޮށްފައިވާ ކަރަންޓީނު ފެސިލިޓީއެއްގައި ކަމަށެވެ.

އެފަދަ ފެސިލިޓީތައް މިހާރުވެސް ޓޫރިޒަމް މިނިސްޓްރީއިން ހަމަޖައްސާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ރަށަށްދާން ގިނަ ފަރާތްތަކަން އެދެމުންދާއިރު، މިގޮތަށް ކުރު މުއްދަތަކަށް ދިރިއުޅޭ ރަށުން ބޭރަށް ގޮސް ކޮވިޑް19ގެ ސަބަބުން ދިރިއުޅޭ ރަށަށް ނާދެވިފައި ތިބި މީހުންގެ މައުލޫމާތު ހޯދުމަށް މިދިޔަ މަހުގެ 27 ވަނަ ދުވަހު ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ވެސް ވަނީ އިއުލާން ކޮށްފައެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ވިދާޅުވީ، އެެފަދަ މީހުން ރަށްރަށަށް ގެންދިޔުމުގެ އިންތިޒާމް ހަމަޖައްސަނީ ޖެންޑާ މިނިސްޓްރީން ކަމަށެވެ. އަދި އެ އުސޫލު މިއަދު އާންމު ކުރާނެ ކަމަށް މަބުރޫކް ރޭ ވިދާޅުވި ނަމަވެސް އެ އުސޫލު އަދި ހާމަކޮށްފައެއް ނުވެ އެވެ.

ރާއްޖޭގެ އެކި އެކި ކަރަންޓިން ފެސިލިޓީސްތަކުގައި މިހާރުވެސް 1،225 މީހުން އެބަތިއްބެވެ. ސާރުކާރުން މީގެ ކުރިން ހާމަ ކުރި މައުލޫމާތުތަކަށް ބާލާއިރު، ކަރަންޓީން ފެސިލިޓީސްތަކުގައި މީހުން ބައިތިއްބަނީ، ދުވަހަކަށް 700 ރުފިޔާގެ ރޭޓުންނެވެ. ކަރަންޓީންގެ 14 ދުވަހުގެ މުއްދަތަށް ބާލާއިރު، އެއީ މީހަކަށް 9،800 އެވެ.

މިގޮތަށް މާލެ އައިސް ތާށިވި މީހުންގެ ތެރެއިން ބައެއް މީހުންނަށް ސަރުކާރުން މިހާރުވެސް އަންނަނީ ބޯހިޔާވަހިކަންވެސް ފޯރުކޮށްދެމުންނެވެ.