02 May 2020, 01:14
މިދިޔަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން މާލެ ސިޓީ ލޮކްޑައުންކޮށް، ލަފާ ފުރުން މަނާކުރުމާ ގުޅިގެން މާލޭގައި ތާށިވެފައި ތިބި ރަށްރަށު މީހުންނަށް އަލުން ރަށަށް ދެވޭނެ ގޮތް ހެދުމާ ގުޅޭ ގޮތުން ގައުުމީ ޓާސްކްފޯހުގެ މިރޭގެ ބައްދަލުވުމުގައި މަޝްވަރާކޮށްފި އެވެ.
ޓާސްކްފޯހުގެ މިރޭގެ ބައްދަލުވުމަށް ފަހު ރައީސް އޮފީހުން ކުރި ޓުވީޓެއްގައި ބުނެފައި ވަނީ މިރޭ މަޝްވަރާކޮށްފައި ވަނީ ކޮވިޑް19ގެ ސަބަބުން ބިދޭސީ މަސައްކަތްތެރީންނަށް ކުރަށް އަސަރުގެ އިތުރުން ރަށަށް ދާން ބޭނުންވެފައި ތިބި މީހުންނަށް އެ އިންތިޒާމު ހަމަޖެއްސުމާ ގުޅޭ ގޮތުން ކަމަށެވެ.
މާލެ ސިޓީ ލޮކްޑައުން ކުރުމާ ގުޅިގެން، ބޭސް ފަރުުވާ އާއި އެހެނިހެން ބޭނުންތަކަށް މާލެ އައިސް ތިބި ގިނަ އަދަދެއްގެ ބަޔަކު ވަނީ މާލެއިން ނުފުރި ތާށިވެފަ އެވެ. އަދި ގިނަ އަދަދެއްގެ މީހުންނަށް ވަނީ ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފަ އެވެ.
ލޮކްޑައުންގެ ސަބަބުން ހާލުގައި ޖެހުނު ފަރާތްތަކަށް ޖެންޑާ މިނިސްޓްރީން އަންނަނީ ބޯހިޔާވަހިކަމާއި އެހެނިހެން ޒަރޫރީ ބޭނުންތައް ފުއްދައިދެމުންނެވެ.
ޖެންޑާ މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު ބޭސްފަރުވާ ހޯދުމަށް ޓަކައި މާލެ ސަރަހައްދަށް ޒިިޔާރަތްކުރި 12 މީހުންނާއި، އެހެނިހެން ބޭނުންތަކަށް މާލެ ސަރަހައްދަށް ޒިޔާރަތްކުރި އަށް މީހަކު ވަގުތީ ހިޔާތަކުގައި އެބަތިއްބެވެ.
މިރޭ ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، އެފަދަ މީހުންނަށް އަނބުރާ ރަށަށް ދެވޭނެ އިންތިޒާމް ހަމަޖެއްސުމަށް އުސޫލެއް އެކުލަވާލުމުގެ މަސައްކަތް ޖެންޑަ މިނިސްޓްރީން ކުރަމުން އަންނަ ކަމަށެވެ.
އަދި ހޮނިހިރު ދުވަހު އެ އުސޫލު އާންމުކުރާނެ ކަމަށް ވެސް މަބްރޫކް ވިދާޅުވި އެވެ. މަބްރޫކް ވިދާޅުވީ އެ އުސޫލުގައި ރަށަށް އަނބުރާ ދެވޭނެ ގޮތްތަކާއި އެހެނިހެން ކަންކަން ވެސް ހިމެނޭނެ ކަމަށެވެ.
އެކި ބޭނުމަށް މާލެއިން ރަށްރަށަށް ދިޔަ ގިނަ ބަޔަކު ވެސް މާލެ ނާދެވިފައި އެބަ ތިއްބެވެ.
ކުރު މުއްދަތަކަށް ދިރިއުޅޭ ރަށުން ބޭރަށް ގޮސް ކޮވިޑް19ގެ ސަބަބުން ދިރިއުޅޭ ރަށަށް ނާދެވިފައި ތިބި މީހުންގެ މައުލޫމާތު ލޯކަލް ގަވަމަންޓް އޮތޯރިޓީން ވެސް ވަނީ އެއްކޮށްފަ އެވެ.