ގާނޫނީ ވަކީލަކު އައްޔަން ކުރެވިފައި ނުވުމުގެ ސަބަބުން ނުރައްކާތެރި ގ. ކޯޒީ އިބުރާހިމް ޝަހުމް އާދަމްގެ ޝަރީއަތް ތިން ވަނަ ފަހަރަށް މިއަދު ކެންސަލްކޮށްފި އެވެ.

މިއަދު ކެންސަލް ކުރީ ޝަހުމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތުގެ މަޖިލީހެވެ.
ކްރިމިނަލް ކޯޓުން ބުނީ ޝަހުމްގެ މައްޗަށް ދައުލަތުން ކޮށްފައިވާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތް މިއަދު ވެސް ކެންސަލް ކުރަން ޖެހުނީ އޭނާ އަށް ވަކީލަކު އައްޔަން ކުރެވިފައި ނުވުމުގެ ސަބަބުން ކަމަށެވެ. އަދި ބުނީ އޭނާ އަށް ވަކީލަކު އައްޔަން ކުރެވިފައި ނުވަނީ ފުލުހުން އޭނާ އަށް ފޯން ކުރުމުގެ ފުރުސަތު ނުދޭތީ ކަމަށް އޭނާ ކޯޓުގައި ބުނެފައިވާ ކަމަށެވެ.

ނަމަވެސް ފުލުހުން ވަނީ ޝަހުމްގެ ވާހަކަތައް ދޮގުކޮށްފަ އެވެ. ފުލުހުން ބުނީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނަ ކޮންމެ މީހަކަށް ވެސް ދޭން ޖެހޭ ފުރުސަތުތައް އޮންނަ އުސޫލުން ޝަހުމް އަށް ވެސް ދީފައިވާ ކަމަށެވެ.
ވަކީލަކު އައްޔަން ކުރެވިފައި ނުވުމުގެ ސަބަބުން މީގެކުރިން ދެ ފަހަރެއްގެ މަތިން ވަނީ ޝަހުމްގެ ޝަރީއަތްތައް ނުބޭއްވި ކެންސަލް ކުރަން ޖެހިފަ އެވެ.

ޝަހުމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާ އާއި ގަސްތުގައި މީހަކު މަރާލިކަމުގެ ދައުވާގައި މިހާތަނަށް ބޭއްވިފައި ވަނީ އެންމެ ޝަރީއަތެކެވެ.

ޝަހުމުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށްފައި ވަނީ މިދިޔަ އަހަރުގެ ޖުލައި 30 ވަނަ ދުވަހު ހަވީރު، ޝަހުމް އިތުރުބަޔަކާ އެކު، މާޒިޔާ ދަނޑުގައިކުޅެން ތިބި ބައެއްގެ ކައިރިއަށް ގޮސް ހަމަނުޖެހުން އުފައްދައި މާރާމާރީ ހިންގާފައިވާ ކަމަށް ބުނެ އެވެ. އެ މާރާމާރީގައި ލިބުނު އަނިޔާތަކަށް ފަރުވާ ދެމުން ދަނިކޮށް މ. ބިއުޓީފްލާވާ މުހައްމަދު ހުސައިން، 17 ވަނީ މަރުވެފަ އެވެ. އަދި މީގެ އިތުރުން އެމާރާ މާރީގައި އިތުރު ބަޔަކަށް ވަނީ އަނިޔާ ލިބިފަ އެވެ.

މަރުގެ މައްސަލައިގެ އިތުރު ދައުވާއެއް ޝަހުމްގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ، ސ. ހިތަދޫ، ވަރުދީގޭ އަހުސަން ބަޝީރު (ބަކްސީ) މަރާލިކަމުގެ ތުހުމަތުގަ އެވެ.