02 May 2020, 00:35
ގައުމީ ސަލާމަތާ ގުޅުންހުރި ކަމަކަށް ވާތީ، ކޮވިޑް19 އަށް ޕޮޒިޓިވްވާ ސިފައިންނާ ފުލުހުންގެ އަދަދުތައް ވަކިވަކިން ހާމަނުކުރަން ވިސްނުން ގެންގުޅޭކަން ސަރުކާރުން ހާމަކޮށްފި އެވެ.
މީގެ ކުރިން ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ކޮރޯނާއަށް ޕޮޒިޓިވްވި ސިފައިންގެ އަދަދު ހާމަކޮށްފަ އެވެ. އެގޮތުން މިހާތަނަށް 20 ސިފައިންގެ އޮފިސަރަކަށް ބަލި ޖެހިފައިވާ ކަމަށާއި ގިނަ އަދަދެއްގެ ކޮންޓެކްޓުން އެކަހެރިކޮށްފައިވާކަން ވަނީ ހާމަކޮށްފަ އެވެ.
ނަމަވެސް މިރޭ ކުރިއަށް ދިޔަ އެންއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެ ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ސިފައިންނާއި ފުލުހުންނަކީ ވެސް ފްރަންޓް ލައިންގައި މަސައްކަތް ކުރައްވާ ބަޔަކަށް ވާއިރު، އެ ނަންބަރުތައް ހާމަކުރާނެ ގޮތަކާ މެދު މަޝްވަރާއަކަށް ދާންޖެހިފައިވާ ކަަމަށެވެ.
އައި އެއީ ގައުމީ ސަލާމަތާ ވެސް ގުޅުންހުރި ކަމެއް ކަމަށާއި އެހެންކަމުން އެ ނަންބަރުތައް ހާމަކުރާނީ ވަކި ވަކި މުއައްސަސާތަކާ މަޝްވަރާ ކުރުމަށް ފަހު ނިންމާ ގޮތެއްގެ މަތިން ކަމަށް ވެސް މަބްރޫކް ވިދާޅުވި އެވެ.
"އަޅުގަނޑަށް ހީވަނީ އެ މައުލޫމާތު އަޅުގަނޑުމެން ދެމުން ދާނީ ފްރަންޓްލައިންގައި މަސައްކަތް ކުރާ މީހުން އެ ޖުމްލަ ކަމަށް ބަލައިގެން، ވަކި ވަކި މުއައްސަސަތައް ނުކިޔަހެން. އެޔެއް އެނގުނީމަ ހިއްސާ ކޮށްދޭނަން،" މަބްރޫކް ވިދާޅުވި އެވެ.
މިރޭގެ ޕްރެސްގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ފްރަންޓް ލައިންގައި މަސައްކަތް ކުރައްވާ ފަރާތްތަކުގެ ސަލާމަތާ ރައްކާތެރިކަމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށާއި، އެ ފަރާތްތަކުގެ ސާމްޕަލް ނެގުމާއި ކަރަންޓީން ކުރުމާއި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ވެސް ވަރަށް ބާރަށް ކުރިއަށް ގެންދާނެ ކަމަށެވެ.
"ފްރަންޓްލައިންގެ ވަކި ވަކި ބަޔަކު ވަކިކޮށްފައި ބުނާކަށް ނެތީމޭ. ފްރަންޓްލައިން ވިއްޔާ އަޅުގަނޑުމެން ބުނާނީ ހުރިހާ ބައެއް އެއްކޮށްލާފައި،" ޑރ. ވިދާޅުވި އެވެ.
ކޮވިޑް19 އަށް ޕޮޒިޓިވްވި ސިފައިންގެ ތެރޭގައި ކަޅުތުއްކަލާ ކޮށިން ޕޮޒިޓިވްވި ހަތަރު ސިފައިންނާއި، ކޮވިޑް ވިލެޖުން ޕޮޒިޓިވްވި ދެ ސިފައިން ހިމެނެ އެވެ.
މީގެ އިތުރުން އެމްއެންޑީއެފްގެ އިލެކްޓްރިކަލް މެކޭނިކަލް އިންޖިނިއަރިންގެ ވާކްޝޮޕްގައި ބައިވެރިވި 14 ސިފައިންގެ މީހަކު ވެސް ވަނީ ބައްޔަށް ޕޮޒިޓިވްވެފަ އެވެ.