02 May 2020, 00:08
އިތުރު 10 މީހަކު ކޮވިޑަށް ޕޮޒިޓިވްވެ، ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު 491 އަށް އަރައިފިއެވެ.
އެޗްޕީއޭ އިން ދާދިދެންމެ ކުރި ޓްވީޓެއްގައި ވަނީ މިރޭ އަލަށް ޕޮޒިޓިވްވީ ފަސް ދިވެހީންނާއި ބަންގުލަދޭޝްގެ ތިން މީހުންނާއި އިންޑިއާގެ ދެ މީހުން ކަމަށެވެ.
އެހެންކަމުން މިރޭ 12 ޖެހުމާ ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 23 އަށް އަރާފަ އެވެ. މިއަދު ކުރިން ޕޮޒިޓިވްވި 13 މީހުންގެ ތެރޭގައި ހިމެނެނީ ހަތް ދިވެހީންނާއި ބަންގްލަދޭޝްގެ ހަ މީހުންނެވެ.
މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި 80 އަހަރުގެ މީހަކާއި، ފަސް އަހަރުގެ ކުޑަ އަންހެން ކުއްޖަކުވެސް ހިމެނެއެވެ. އުމުރުން 80 އަހަރުގެ މީހާއަކީ ނ. މަނަދޫ އިން ހާލުދެރަވެގެން މާލެ ގެނެއި މީހެކެވެ. އެއާއެކު މަނަދޫ ވަނީ މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައެވެ.
ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 261 މީހުންނާއި، 157 ދިވެހީންނާއި 51 އިންޑިއާ މީހުންނާއި އިޓަލީގެ 11 މީހުންނާއި ޕާކިސްތާންގެ ތިން މީހަކާއި ނޭޕާލް ދެމީހުންނާއި ލަންކާ ދެ މީހުންނެވެ.
މިހާތަނަށް ރާއްޖެއިން 491 މީހަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައި ވާއިރު، އެމީހުންނާ ގުޅުންހުރި ގިނަ ތަންތަނެއް ވަނީ މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައެވެ.
އެގޮތުން މިހާތަނަށް 244 އިމާރާތެއް މޮނިޓަރިންގ އަށް ލާފައި ވާއިރު، ފިހާރައާއި ގޯޑައުން އަދި ކްލިނިކްތައް ހިމެނޭގޮތުން އަށް ތަނެއް ވެސް ވަނީ މޮނިޓަރިންގ އަށް ލައިފައެވެ. އަދި 16 ރަށަކާއި ތިން އުޅަނދު ވެސް ހިމެނެއެވެ.
ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ގިނައީ ބިދޭސީ މަސައްކަތްތެރީންނެވެ. ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން އެންމެ ފަހުން ހާމަ ކުރި ގޮތުގަިއ ޕޮޒިޓިވްވި މީހުންގެ 3600 އަށް ވުރެ ގިނަ ކޮންޓެކްޓު މިހާތަނަށް ހޯދިފައިވެއެވެ.