ކޮވިޑް19 ޖެހި، ބަލީގެ އެއްވެސް އަލާމާތެއް ނުފެންނަ މީހުން ރާއްޖޭގައި ގިނަ ކަމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ބުނެފިއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ރާއްޖޭގައި އަލާމާތް ފެންނަ މީހުންނާއި، އަލާމަތް ނުފެންނަ މީހުން އުޅެނީ ހަމަ ގާތްގަނޑަކަށް އެއްވަރަކަށް ކަމަށެވެ.

އެގޮތުން މިހާތަނަށް ރާއްޖެއިން ބަލި ޖެހުނު މީހުންގެ ތެރެއިން 41 ޕަސެންޓު މީހުންގެ ފަރާތުން ބަލީގެ އަލާމާތެއް ނުފެންނަ ކަމަށާއި، 59 ޕަސެންޓު މީހުންގެ ފަރާތުން އަލާމާތްތައް ފެނިފައިވާ ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.

މި ނަންބަރުތައް ޑޮކްޓަރު ސިފަކުރެއްވީ ހުތް ފޮނި ހަބަރެއްގެ ގޮތުގައެވެ. ޑޮކްޓަރު ވިދާޅުވީ އަލާމާތް ނުފެންނަ މީހުން ގިނަވުމުގެ މާނައަކީ ރާއްޖޭގައި ގިނަ މީހުންނަށް ބަލި ޖެހެނީ ވަރަށް "މައިލްޑް" ކޮށް ކަމަށެވެ.

"މައިލްޑްކޮށް ބަލި ޖެހުނީމާ އެމީހާގެ ހަށިގަނޑަށް އެކަމުން އެއްވެސް ކަހަލަ އަސަރެއް ނުކޮށް، އަލާމާތް ފެންނަ ވަރަށް ބަލީގެ އަސަރެއް އޭނާއަށް ނުކުރޭ. އެހެން ހުރެ ރަނގަޅުވެގެން މިދަނީ،" ޑޮކްޓަރު ވިދާޅުވިއެވެ.

މިއީ ރަނގަޅު ކަމެއް ކަމަށާއި ނަމަވެސް އަލާމާތް ނުފެންނަ މީހުންގެ ފަރާތުން އެހެން މީހުންނަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑުވުމަކީ ކަންބޮޑުވުމެއް ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.

"އެއްގޮތަަކުން ބުނާނަމަ ރަނގަޅު ނިއުސް އަކާ ބޭޑް ނިއުސް އެއްކޮށް މި އަންނަނީ،" ޑޮކްޓަރު ވިދާޅުވިއެވެ.

ނަމަވެސް ބަލީގެ ޒާތަށް ބަލާއިރު، ގިނަ ބަޔަކަށް އަލާމާތެއް ނުފެނި ބަލި ޖެހުމުގެ މާނައަކީ ރާއްޖޭގައި އެ ބަލި އުޅެނީ ވަރަށް މައިލްޑްކޮށް ކަމަށާއި އެހެންކަމުން އެއީ "ޕޮޒިޓިވް" ކަމެއް ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.

މިއީ "ޕޮޒިޓިވް" ކަމެއްގެ ގޮތުގައި ޑޮކްޓަރު އެ ވިދާޅުވަނީ މިފަދަ ބައްޔަކުން އަރައިގަނެވެން އަންނަނީ އާބާދީގެ ގިނަ ބަޔަކަށް އިމިއުނިޓީ ލިބިގެން ކަމަށް ވާތީއެވެ.

ގިނަ ބައެއްގެ ފަރާތުން އަލާމާތްތައް ފެނި، ބަލީގައި ސީރިއަސްވާ މީހުން ގިނަވެއްޖެ ނަމަ، ވަރަށް އުނދަގޫވާނެކަން ޑޮކްޓަރު ފާހަގަކުރެއްވިއެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް19 އަށް 481 މީހަކު ވަނީ ޕޮޒިޓިވްްވެފައެވެ.