19:00


މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ ފައިދާ 11.92 ޕަސެންޓް އިތުރުވެ، މިދިޔަ އަހަރުގެ ސާފު ފައިދާގެ ގޮތުގައި 257.1 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފި އެވެ.


އިއްޔެ ބޭއްވި އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުމަށް ފަހު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ކުންފުނީގެ ސާފު ފައިދާގެ ގޮތުގައި 2008 ވަނަ އަހަރު ލިބިފައިވަނީ، 229.7 މިލިއަން ރުފިޔާ ކަމަށެވެ. އަދި މިދިޔަ އަހަރުގެ ފައިދާ އިން 62.7 މިލިއަން ރުފިޔާ ސަރުކާރަށް ދެއްކުމަށް އިއްޔެ ބޭއްވި ޑިރެކްޓަރުންގެ ބޯޑުގެ ޖަލްސާއިން ފާސްކޮށްފައިވާ ކަމަށާއި އެއީ 2008 ވަނަ އަހަރު ދެއްކި 45.9 މިލިއަން ރުފިޔާ އަށް ވުރެ 36.6 ޕަސެންޓް އިތުރު އަދަދެއް ކަމަށް ވެސް އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ. އަދި މިދިއަ އަހަރުގެ ސާފު ފައިދާގެ އެއް ޕަސެންޓަށްވާ 2.5 މިލިއަން ރުފިޔާ ބޯނަސްގެ ގޮތުގައި މުވައްޒަފުންނަށް ބަހަން ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވާ ކަމަށް ވެސް އެ ނޫސްބަޔާނުގައިވެ އެވެ.


އެއާޕޯޓްގެ ޑިރެކްޓަރުންގެ ބޯޑުން މިގޮތަށް ނިންމާފައި މިވަނީ، އެތަން ހިންގުމަށް އިންޑިއާގެ ޖީއެމްއާރު ކުންފުނިން އެއް ބިލިއަން ރުފިޔާ ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.


ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ އިއްޔެގެ ރޭޑިއޯ ތަގުރީރުގައި ވިދާޅުވެފައި ވަނީ، އެއަރޕޯޓް، ބޭރުގެ ކުންފުންޏާ ހަވާލުކުރުމުން، ތިންސަތޭކަ އެތައް މިލިއަން ޑޮލަރެއްގެ އިންވެސްޓްމަންޓް، ވަގުތުން ވަގުތަށް ހިންގޭނެގޮތް ފުރިހަމަވެ، އެއަރޕޯޓްގެ ހިންގުމާއި ވަސީލަތްތައް ފުޅާވެގެންދާނެ ކަމަށެވެ. އަދި އެހެން ބަޔަކާ އެއަރޕޯޓް ހިންގުން ޙަވާލުކުރުމުން، ދައުލަތަށް ލިބޭ އާމްދަނީ ކުޑަތަންކޮޅެއްވެސް ކުޑަވެގެނެއް ނުދާނެ ކަމަށާއި، ކުރިއަށްވުރެ ލިބޭ އާމްދަނީ މިހާރު އެތައް ތަނަކުން ރަނގަޅުވެގެންދާނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ. ނަމަވެސް މި މައްސަލައިގައި އިދިކޮޅު ސިޔާސީ ފަރާތްތަކުން ދަނީ ވަރަށްބޮޑަށް ސަރުކާރަށް ފާޑުކިޔަމުންނެވެ. އަދި މިއީ ދައުލަތުގެ ހަރު މުދާ ބޭރުގެ ފަރާތްތަކަށް ވިއްކާލުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކެއް ކަމަށް ވެސް އިދިކޮޅު ފަރާތްތަކުން ވަނީ ތުހުމަތުކޮށްފައެވެ.