01 May 2020, 22:41
ކޮވިޑް-19 އަށް ފަރުވާ ދިނުމަށް ކުރިއަށް އޮތް ތިން މަސް ދުވަހަށްޓްރީޓޮޕް ހޮސްޕިޓަލް ސަރުކާރަށް ދިނުމަށް އެ ހޮސްޕިޓަލްގެ ޑިރެކްޓަރުން ނިންމައިފިއެވެ.
ޓްރީޓޮފް ހޮސްޕިޓަލުން މިރޭ ބުނީ އެ ހޮސްޕިޓަލުން ދަނީ ނެޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރާ ގުޅިގެން ގައުމީ ކޮވިޑް-19 ރެސްޕޮންސް މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދެމުން ކަމަށެވެ.
އެގޮތުން ސަރުކާރުން ބޭނުމަށް ޓްރީ ޓޮޕް ހޮސްޕިޓަލުގެ ހިދުމަތްތަކާއި ވަސީލަތްތައް ހާއްސަކޮށް ކޮވިޑް-19 އަށް ފަރުވާދެވޭ ސެންޓަރެއްގެ ގޮތުގައި ދިނުމަށް އެ ހޮސްޕިޓަލުގެ ޑިރެކްޓަރުން މިހާރު ނިންމަވާފައިިވާ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
ޓްރީޓޮޕް ހޮސްޕިޓަލުން ބުނީ ކޮވިޑަށް ފަރުވާދިނުމަށް އެ ހޮސްޕިޓަލް ސަރުކާރަށް ދޫކުރުމަށް ނޭޝަނަލް ޑިސާސްޓާ މެނޭޖްމަންޓް އޮތޯރިޓީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.
ނޭޝަނަލް ޑިސާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ އިން އިއްޔެ އެންގި އެންގުމުން އަންނަ އާދީއްތަ ދުވަހުން ފެށިގެން އެ ހޮސްޕިޓަލުން ފަރުވާދެވޭނީ ހަމައެކަނި އައިޖީއެމްއެޗްއިން ކޮވިޑް19އަށް ފަރުވާދިނުމަށްޓަކައި ބަދަލުކުރެވޭ ބަލިމީހުންނަށް ކަމަށް ޓްރީޓޮފް ހޮސްޕިޓަލުން ބުންޏެވެ.
މި ނިންމުމާއި ގުޅިގެން، ޓްރީ ޓޮޕް ހޮސްޕިޓަލުން ކުރިން ފަރުވާ ހޯދަމުން ގެންދިޔަ ބަލި މީހުން އައިޖީއެމްއެޗަށް ބަދަލުކުރެވި ފަރުވާދިނިމުގެ އިންތިޒާމް މިހާރު ވަނީ ހަމަޖައްސައިފައެވެ.
އެކަމާ ގުޅިގެން މާދަމާ ރޭ 23:30 އިން ފެށިގެން ޓްރީ ޓޮޕް ހޮސްޕިޓަލުން މިހާރު ހިދުމަތްދެމުން ގެންދާ އެމަޖެންސީ ރޫމް (އީއާރް)ގެ ހިދުމަތްތައް މެދުކަނޑާލާނެއެވެ.
އަދި އާދީއްތަ ދުވަހުން ފެށިގެން، ޓްރީ ޓޮޕް ހޮސްޕިޓަލުން މިހާރުވެސް ހިދުމަތް ހޯދަމުން ގެންދާ އަދި ހިދުމަތް ބޭނުންވާ މީހުންނަށް، ވަގުތީ އެމަޖަންސީ ކްލިނިކްގެ ހިދުމަތް ހުޅުމާލެ ހޮސްޕިޓަލުގެ އޮފްތަލްމޮލޮޖީ ސެންޓަރު އިމާރާތުން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ ހޮސްޕިޓަލުން ބުންޏެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލް އައުޓް-ޕޭޝަންޓް ކޮންސަލްޓޭޝަންގެ ހިދުމަތް ފޯރުކޮށްދެއްވާނީ ޓްރީ ޓޮޕް ހޮސްޕިޓަލުގެ އީއާރް ކްލިނިކް އަދި ޓެލެމެޑިސިން އެޕޮއިންޓްމަންޓްސް މެދުވެރިކޮށް ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުގެ އީއާރް ކްލިނިކްގެ ހިދުމަތް ހޯދުމަށް ގުޅަންޖެހޭނީ 3351610 އަށެވެ. އަދި އެންބިއުލެންސްގެ ހިދުމަތަށް ގުޅަން ޖެހޭނީ 1610އަށެވެ.
އިތުރު މައުލޫމާތު ސާފުކުރުމަށް 3351610 ގުޅުމަށް ނުވަތަ[email protected]އަށް އީމެއިލް ކުރެއްވުން ޓްރީޓޮޕް ހޮސްޕިޓަލުން އެދެއެވެ.
ޓްރީޓޮޕް ހޮސްޕިޓަލުގެ އީއާރް ކްލިނިކުން ރަމަޟާންމަހު، ހިދުމަތް ދޭނީ ހެނދުނު 09:30 އިން މެންދުރުފަހު 15:00 އަށް އަދި ރޭގަނޑު 20:00 އިން 23:00 އަށެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލްގައި ކޮވިޑް19އަށް ފަރުވާދެވޭ ހުރިހާ ބަލިމީހުން ދޫކޮށްލެވި ހޮސްޕިޓަލް އަލުން އާންމުންނަށް ހުޅުވުމަށް އަންދާޒާކުރެވެނީ، ކޮވިޑް-19 އަށް ފަރުވާދޭ ސެންޓަރަކަށް ބަދަލުކުރާތާ 90 ދުވަސް ފަހުން ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.