01 May 2020, 21:49
އިތުރު ހަ މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެ، ރާއްޖެއިން ބަލި ޖެހުނު މީހުންގެ އަދަދު 481 އަށް އަރައިފިއެވެ.
މިއަދު ރާއްޖެއިން ބަލި ޖެހިފައިވާ 13 މީހަކު ވަނީ ފެނިފައެވެ. އޭގެ ތެރޭގައި ހިމެނެނީ ހަތް ދިވެހީންނާއި ބަންގްލަދޭޝްގެ ހަ މީހުންނެވެ.
މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި 80 އަހަރުގެ މީހަކާއި، ފަސް އަހަރުގެ ކުޑަ އަންހެން ކުއްޖަކުވެސް ހިމެނެއެވެ. އުމުރުން 80 އަހަރުގެ މީހާއަކީ ނ. މަނަދޫ އިން ހާލުދެރަވެގެން މާލެ ގެނެސް ރޭ އައިޖީއެމްއެޗްގައި އެޑްމިޓްކުރި މީހެކެވެ. އެއާއެކު މަނަދޫ ވަނީ މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައެވެ.
ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 258 މީހުންނާއި، 152 ދިވެހީންނާއި 49 އިންޑިއާ މީހުންނާއި އިޓަލީގެ 11 މީހުންނާއި ޕާކިސްތާންގެ ތިން މީހަކާއި ނޭޕާލް ދެމީހުންނާއި ލަންކާ ދެ މީހުންނެވެ.
މިހާތަނަށް ރާއްޖެއިން 481 މީހަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައި ވާއިރު، އެމީހުންނާ ގުޅުންހުރި ގިނަ ތަންތަނެއް ވަނީ މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައެވެ.
އެގޮތުން މިހާތަނަށް 244 އިމާރާތެއް މޮނިޓަރިންގ އަށް ލާފައި ވާއިރު، ފިހާރައާއި ގޯޑައުން އަދި ކްލިނިކްތައް ހިމެނޭގޮތުން އަށް ތަނެއް ވެސް ވަނީ މޮނިޓަރިންގ އަށް ލައިފައެވެ. އަދި 16 ރަށަކާއި ތިން އުޅަނދު ވެސް ހިމެނެއެވެ.
ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ގިނައީ ބިދޭސީ މަސައްކަތްތެރީންނެވެ. ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން އެންމެ ފަހުން ހާމަ ކުރި ގޮތުގަިއ ޕޮޒިޓިވްވި މީހުންގެ 3600 އަށް ވުރެ ގިނަ ކޮންޓެކްޓު މިހާތަނަށް ހޯދިފައިވެއެވެ.