01 May 2020, 22:31
ބަލި އަލާމަތް ފެނުމުގެ ކުރިން ކޮވިޑް-19އަށް ޓެސްޓް ކުރެވޭނެ ގޮތް އެމެރިކާގެ މިލިޓަރީގައި މަސައްކަތްކުރާ ސައިންސްވެރިންތަކެއް ހޯދައިފި އެވެ.
އެ ޓެސްޓާ އެކު އެ ވައިރަސް ހަށިގަނޑު އިންފެކްޓް ވުމުގެ ކުރިން ބަލި ދެނެގަނެވޭނެ އެވެ.
ލޭގެ ސާމްޕަލްއެއް ނަގައިން ކުރާ އެ ޓެސްޓުން ވައިރަސް ހަށިގަނޑަށް ވާސިލްވާތާ 24 ގަޑިއިރު ތެރޭގައި ދެނެގަނެވޭނެ ކަމަށް ބުނެ އެވެ. އެހާތަނުގައި ގިނަ ފަހަރު އެފަދަ މީހުންގެ ހަށިގަނޑުން އަލާމާތެއް ނުފެންނަ އިރު އެ މީހުންގެ ފަރާތުން އެހެން މީހުންނަށް ވެސް ބައްޔެއް ނުޖެހޭނެ އެވެ.
މިހާރު ކުރާ ޓެސްޓްތަކުން ބަލި ދެނެގަނެވެނީ ވައިރަސް ހަށިގަނޑަށް ވާސިލްވާތާ ހަތަރު ވަރަކަށް ދުވަސް ފަހުންނެވެ.
ކޮވިޑްއަށް ޓެސްޓްކުރަން އާ ގޮތެއް ހޯދީ އެމެރިކާގެ މިލިޓަރީ ޑިފެންސް އެޑްވާންސް ރިސާޗް ޕްރޮޖެކްޓްސް އޭޖެންސީ (ޑާޕާ)ން ހިންގި ރިސާޗް ޕްރޮޖެކްޓެއްގެ ތެރެއިންނެވެ. ކޮވިޑް -19 ފެތެރެން ފެށުމާ އެކު ޖަރާސީމްތަކާއި ބައިލޮޖިކަލް ހަތިޔާރުތައް އަވަހަށް ދެނެގަތުމަށް ކުރިން ހިންގަމުން އައި ރިސާޗް ޕްރެޖެކްޓްގެ ފޯކަސްބަދަލުކޮށް އެ ބައްޔަށް ޓެސްޓްކުރެވޭނެ ގޮތް ވަނީ ހޯދައިފަ އެވެ.
ޑާޕާގެ އިސް އޮފިޝަލެއް ގާޑިއަން ނޫހަށް ވިދާޅުވީ އެ ޓެސްޓާއާއެކު މުޅި މަޝްރަހު ބަދަލުކޮށްލާނެ ކަމަށެެވެ. އެހެން ނަަމަވެސް އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަންގެ ހުއްދަ ލިބިގެންދެން މަޑުކުރަންޖެހޭނެކަން އޭނާ ފާހަގަކުރެއްވި އެވެ.
ކޮވިޑްއަށް މިހާރު ޓެސްޓްކުރަނީ ނޭފަތުން ސްވެބެއް ނަގައިގެންނެވެ. ނަމަވެސް އަލަށް ހަދާ ޓެސްޓްތަކުން ބަލި ދެނެގަންނަނީ ދިފާއީ ބާރުން އެ ވައިރަސްއަށް ":ރިއެކްޓް" ކުރާ ގޮތަށް ބަަލައިގެންނެވެ. އެއާއެކު ބަލި އަވަހަށް ދެނެގަނެވިގެންދާނެއެވެ.
އޮފިޝަލް ވިދާޅުވީ ނޭފަތުން ސާމްޕަލް ނައިގެން ޓެސްޓްކުރުމަށް އުނދަގޫ ކަމަށެެވެ. އެއީ އޭގެ ސާމްޕަލް ނަގަނީ ނޭފަތުގެ ވަރަށް އެތެރެއަށް ކޮށްޕައިގެންނެވެ. އަދި ލޭގެ ސާމްޕަލް ނައިގެން ކުރާ ޓެސްޓްތަކުގެ ނަތީޖާ 95 ޕަސެންޓް ފަހަރު "އެކިޔުރޭޓް" ކަމަށެވެ.
އާ ޓެސްޓްތަކާ ގުލޭ ގޮތުން ހޯދި ހޯދުންތައް ވަރަށް އަވަހަށް އޮންލައިންކޮށް ޝާއިއުކުރުމަށް ވެސް ވަނީ ނިންމައިފައެވެ.
ޑާޕާއިން ބުނީ އެ ޓެސްޓްތަކަށް ހުއްދަ ލިބިއްޖެ ނަމަ މިމަހުގެ މެދުތެރޭ އެމެރިކާގެ މާކެޓައް ނެެރެވޭވަރުވާނެ ކަމަށެވެ.
މައުލޫމާތު :ގާޑިއަން