22 Dec 2011, 10:00
އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ 22 ވަނަ ގައުމީ ކަސްރަތު މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި އެވެ.
އަންނަ ޖެނުއަރީ މަހުގެ 26ން 28އަށް މާލޭ ސިޓީގައި ބާއްވާ މިމުބާރާތުގެ ގަވާއިދުގައިވާ ގޮތުން މުބާރާތުގައި ބައިވެރިވެ ވާދަކުރެވޭނީ އެތުލެޓިކްސް އެސޯސިއޭޝަންގެ މެމްބަރު ކްލަބްތަކާއި ރާއްޖޭގެ އަތޮޅުތައް ތަމްސީލްކުރާގޮތަށް އަތޮޅު ޓީމްތަކަށެވެ.
ދެޖިންސް ހިމެނޭ ގޮތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިމުބާރާތުގައި ޖުމްލަ 27 އިވެންޓް ކުރިޔަށްގެން ދިއުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މުބާރާތުގައި ވާދަކުރާ ފިރިހެން ބައިގައި ކުރިޔަށްދާ އިވެންޓްތަކަކީ 100މ، 200މ، 400މ، 800މ، 1500މ، 5000މ، އަދި 10000މ ދުވުމާއި، ލޯންގް ޖަމްޕް، ހައިޖަމްޕާއި ޝޮޓްޕުޓް، ޖެވެލިން ތްރޯ އަދި ޑިސްކަސްތްރޯ އާއި 100މ އަދި 400މ ރިލޭ އެވެ. އަދި އަންހެން ބައިގައި ކުރިޔަށްދާ އިވެންޓްތަކަކީ 100މ، 200މ، 400މ، 800މ، 1500މ، 5000މ ދުވުމާއި، ލޯންގް ޖަމްޕް، ހައިޖަމްޕާއި ޝޮޓްޕުޓް، ޖެވެލިން ތްރޯ އަދި ޑިސްކަސްތްރޯ އާއި 100މ އަދި 400މ ރިލޭ އެވެ.
މުބާރާތުގައި ހޮވާ ވަނަތަކަށް ބަލާއިރު ކޮންމެ އިވެންޓަކުން އެއް ވަނަ ދެ ވަނަ އަދި ތިން ވަނަ، ދެ ޖިންސް ވަކިން މުބާރާތުގެ ޗެމްޕިއަން، ރަނަރަޕް އަދި ތިން ވަނަ ޓީމް، މުބާރާތުގެ އެންމެ މޮޅު އަންހެން އަދި ފިރިހެން އެތުލީޓް ހޮވާނެކަމަށް އެތްލެޓިސް އެސޯސިއޭޝަނުން ވަނީ ބުނެފައެވެ. އަދި ކޮންމެ ވަނައަކަށްވެސް މެޑަލް، ޓްރޮފީ އަދި ފައިސާގެ އިނާމްވެސް ދޭގޮތަށް ވަނީ ހަމަޖެހިފަ އެވެ.
މި އަހަރުގެ ކުރީކޮޅު ނިމިދިޔަ 21ވަނަ ގައުމީ ކަސްރަތު މުބާރާތުގެ ފިރިހެން ޗެމްޕިއަންޓީމަކީ ދިވެހި ސިފައިންގެ ކްލަބެވެ. އަދި އަންހެން ޗެމްޕިއަންޓީމަކީ ކަސްޓަމްސް ރިކްރިއޭޝަން ކްލަބެވެ. ފިރިހެން މޮޅު އެތުލީޓަކީ ދިވެހި ސިފައިންގެ ކްލަބްގެ ޝިފާޒް މުޙައްމަދު އެވެ. އަދި އަންހެން މޮޅު އެތުލީޓަކީ ތިނަދޫ ޒުވާނުންގެ ކްލަބްގެ މަރްޔަމް އިނާޔާ ފާރޫޤް އެވެ.