ކުރިއަށް އޮތް ދޮޅު އަހަރުގެ ތެރޭގައި ވަރަށް ވަރުގަދަ ސްޓިމިއުލަސް ޕެކޭޖެއް އެކުލަވާލަން ޖެހޭ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ކޮވިޑް19އަށް ޕޮޒިޓިވް ކޭސްތަކެއް ފެނުމާ އެކު ވެރިކަންކުރާ މާލެ ސިޓީ ހިމެނޭ ސަރަހައްދު ލޮކްޑައުން ކުރުމާ އެކު ވިޔަފާރިވެރިތައް ދެމެހެއްޓުމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފަ އެވެ.

މާލިއްޔަތު ކޮމެޓީގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ފައްޔާޒު ވިދާޅުވީ އެހާ ފަސޭހައިން ވިޔަފާރިތައް އެ ހާލަތަށް ދާނީ ރާއްޖޭގެ އިގްތިސާދުގައި މައްސަލައެއް އުޅޭތީ ކަމަށެވެ.

"ގިނަ ވިޔަފާރިތައް ހުރީ ނޭވާހޮޅިއަށް އެޅިފައި. އަޅުގަނޑުމެންގެ އިގްތިސާދުގައި މައްސަލައެއް އެބަހުރި. މައްސަލައެއް ހުންނާތީ އެހާ ފަސޭހައިން އެހާ ކުއްލި ގޮތަކަށް ހުރިހާ ވިޔަފާރިތަކެއް އެ ހިސާބަށް ދާން ޖެހޭނީ." މިނިސްޓަރު ފައްޔާޒު ވިދާޅުވި އެވެ.

ވިޔަފާރިތަކަށް ކުރިމަތިވި ދަތިތަކަށް ލުޔެއް ދިނުމަށްޓަކައި ސަރުކާރުން އެކުލަވާލި ރިލީފް ޕެކޭޖަށް އަލިއަޅުވާލައްވައި މިނިސްޓަރު ވިދާޅުވީ ވިޔަފާރިތައް ދެމެހެއްޓުމަށް ޓަކައި މި ޕެކޭޖުގެ އިތުރުން ވަރުގަދަ ސްޓިމިއުލަސް ޕެކޭޖެއް ވެސް އެކުލަވާލަން ޖެހޭ ކަމަށެވެ.

"ރިލީފްއެއް ގޮތަށް ބައްޓަން ކޮށްގެން ދެވޭ އަދަދު ވެސް އަސްލު ވަރަށް ކުޑަ... އަޅުގަނޑު އުންމީދު ކުރަނީ ރިލީފް ޕެކޭޖަށް ފަހު އަދި [މަޖިލީހާ މަޝްވަރާކޮށްގެން] އިތުރު ވަރުގަދަ ސްޓިމިއުލަސް ޕެކޭޖެއް ގެނައުމަށްޓަކައި." މިނިސްޓަރު ވިދާޅުވި އެވެ. "ދެން އޭގެ ނަންބަރުތަކާ ކިހިނެއްތޯ، ކޮން ދިމާލަކަށްކަން ދަނީ، މިކަންކަން ޑީޓެއިލް ކުރަން އެބަޖެހޭ. ޑީޓެއިލް ކޮށްފައި، މަޖިލީހާ އެއްކޮށް އިށީނދެ، ބޮޑު ސްޓިމިއުލަސް ޕެކޭޖެއް ކުރިއަށް އޮތް އަހަރު، ދޮޅު އަހަރު، ދެ އަހަރު ތެރޭގައި ނެރެން އެބަ ޖެހޭ ވިޔަފާރިތައް ދެމެހެއްޓުމަށް."

މިނިސްޓަރު ވިދާޅުވީ އެ ސްޓިމިއުލަސް ޕެކޭޖުން ކޮޓޭޖް އިންޑަސްޓްރީސް (ވަޑާންކުރުން، ވިޔުން ފަދަ މަސައްކަތްތައް)، މަސްވެރިކަން އަދި ދަނޑުވެރިކަން ފަދަ ސިނާއަތްތަކަށް އިންވެސްޓުކުރަން ލޯނު ދޫކުރުން ފަދަ ކަންކަން ކުރެވޭނެ ކަމަށެވެ.

ކޮވިޑް-19އާ ގުޅިގެން ސަރުކާރުން އިއުލާން ކޮށްފައިވަނީ 2.5 ބިލިއަން ރުފިޔާގެ އިގްތިސާދީ ޕެކޭޖެކެވެ. ކުރިން މިއީ ސްޓިމިއުލަސް ޕެކޭޖެއް ގޮތަށް ވާހަކަތަކެއް ދެކެވުނު ނަމަވެސް، މި ޕެކޭޖު ފުރިހަމަވެފައިވާ ގޮތުން މިއީ ރިލީފް ޕެކޭޖެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މި ޕެކޭޖުގެ ދަށުން ކުދި ވިޔަފާރިތަކާއި ބޮޑެތި ވިޔަފާރިތަކާއި ރިސޯޓުތަކުގެ އިތުރުން އަމިއްލަ މަސައްކަތުން އާމްދަނީ ހޯދާ ފަރާތްތަކަށް ވެސް ވަކި އަދަދަކާ ހަމައަށް ނެގޭ ލޯނުތަކެއް ވަނީ ތައާރަފުކޮށްފަ އެވެ.