ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބަންގްލަދޭޝް މީހުންގެ ތެރެއިން 300 އެއްހާ މީހުން، އަވަސް މުސްތަގްބަލެއްގެ ތެރޭގައި އަނބުރާ އެ ގައުމަށް ފޮނުވާލެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް އިކޮނަމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ބަންގްލަދޭޝްއާއި ނޭޕާލްގައި ތިބި ދިވެހި ކިޔަވާ ކުދިން ގޮވައިގެން އައި ބަންގާޅު އަސްކަރިއްޔާގެ ބޯޓެއްގައި އެގައުމުގެ 60 އެއްހާ މީހުން ވަނީ ގެންގޮސްފަ އެވެ. އެއީ ވެސް ހުސް ގަވާއިދާއި ހިލާފަށް އުޅުނު މީހުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެިޓީގައި މިއަދު ވާހަކަ ދައްކަވަމުން މިނިސްޓަރު ފައްޔާޒު ވިދާޅުވީ، އަނބުރާ ގައުމަށް ދިއުމަށް ސަރުކާރުން ހުޅުވާލު ފުރުސަތުގައި 800 އަށް ވުރެ ގިނަ ބަންގަލަދޭޝް ރައްޔިތުން ނަން ނޯޓްކޮށްފައިވާ ކަމަށެވެ. ނަމަވެސް އޭގެ ތެރެއިން ގިނަ ފަރާތްތަކުގެ އަތުގައި ޕާސްޕޯޓްގެ އިތުރުން ރަސްމީ އެއްވެސް ލިޔެކިއުމެއް ނެތްކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"އިތުރު ފްލައިޓެއް ބަންގްލަދޭޝްގެ ފަރާތުން ވެސް އެބަ ފޮނުވާކަމަށް އަޅުގަނޑުމެނަށް ހަބަރު ލިބިފައި އެބައޮތް. 300 އެއްހާ މީހުން އޭގެން ފޮނުވާލެވޭނެ ކަމަށް އުންމީދު ކުރުވޭ،" މިނިސްޓަރު ވިދާޅުވި އެވެ.

ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީން އަނބުރާ އެ ގައުމުތަކަށް ފޮނުވާލުން އެއީ "އޯވަ ނައިޓަކުން" ކޮށްލެވޭނެ ކަމެއް ކަމަށް ބައެއް ފަރާތުން ހީކުރާކަން ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ، ދުނިޔެއާ ހަނގުރާމަކޮށްފައިވ އެކަން ނުކުރެވޭނެ ކަމަށެވެ.

"އޭގެ ގިނަ މީހުންގެ ޑޮކިއުމެންޓްސް އެއް ނުހުރޭ. ޕާސްޕޯޓެއް ހެދުމަކީ ފަސޭހަ ކަމެއް ނޫން. އަޅުގަނޑުމެން ޕޮލިސް ރިޕޯޓްތަކަކާއި އެއްޗެހި ހައްދަން އެބަޖެހޭ. ބަންގްލަދޭޝް އެމްބަސީއާ އެގައުމުގެ ސަރުކާރުގެ އެއްބާރުލުން ލިބިގެން އެންމެ އަވަހަށްވެސް ހަތަރު މަސް ހަ މަސް ދުވަހުން ޕާސްޕޯޓެއް މި ހެއްދެނީ،" މިނިސްޓަރު ވިދާޅުވި އެވެ.

ބަންގްލަދޭޝް ސަރުކާރުގެ އެންމެ އިސް ފަރާތްތަކާއި ވާހަކަ ދައްކައިގެން އެކަން އަވަސްކުރުމަށް މަޝްވަރާ ކޮށްފައިވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އަދި އުންމީދު އޮތްކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ފައްޔާޒް ވިދާޅުވީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ އަދަދު ލައްކައަކާ ގާތްކުރާނެ ކަމަށާއި، އެ ހުރިހާ އެންމެން ހައްޔަރުކޮށްގެން ގެންގުޅޭނަމަ އެކަން ކުރުމަށް ގާއިމުކުރާ ފެސިލިޓީއެއް ހެދުމަށް ދާ ޚަރަދުގެ އިތުރުން ކޮންމެ މަހަކު 300 މިލިއަނެއްހާ ރުފިޔާ ހަަދުކުރަން ޖެހޭނެ ކަމަށެވެ.

އެހެންކަމުން މީގެ ކުރިންް ނިންމީ އެމީހުން ގާނޫނުގެ ތެރެއަށް ވެއްދުމަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީން އަދަދު ލައްކައަކާއި ގާތް ކުރާނެ ކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. އަދި ވިދާޅުވީ، އެ ހުރިހާ ފަރާތްތައް ހައްޔަރުކޮށްގެން ގެންގުޅޭ ނަމަ ތަން ހެދުމަށް ދާ ފައިސާގެ އިތުރުން ކޮންމެ މަހަކު 300 މިލިއަނެއްހާ ރުފިޔާ ހަރަދު ވާނެ ކަމަށެވެ. އެހެން ކަމުން މީގެ ކުރިން ވެސް ނިންމާފައިވަނީ އެ މީހުން ގާނޫނުގެ ތެރެއަށް ވެންދުމަށް ކަން މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މި މޮރިޓޯރިއަމް ހިފަހައްޓައިގެން ހައްލު ކުރެވޭނެ. މިހާރު އަޅުގަނޑުމެން އެކޮމެޑޭޝަން ގައިޑްލައިނެއްވެސް ނެރެފަ އޮންނާނީ. އޭގެ މާނައަކީ ހަ މަސް ދުވަހުގެ ތެރޭގައި ދެން އިންސާނުން ގެންގުޅޭ ގޮތަށް ނުގެންގުޅެވެންޔާ އެ ވިޔަފާރީއަކުން ވެސް ޖެހޭނީ އެކަން ހުއްޓާލަން،" މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖެ އިން މިހާތަނަށް 475 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު އޭގެ ތެރޭގައި ވެސް އެންމެ ގިނައިން ހިމެނެނީ ބަންގްލަދޭޝް މީހުންނެވެ. އެގޮތުން އެ ގައުމުގެ 254 މީހަކު އެ ބައްޔަށް ޕޮޒިޓިވް ވަނީ ވެފަ އެވެ.