01 May 2020, 18:03
ރާއްޖެއިން ކޮރޯނާވައިރަސް ޖެހި، ކޮވިޑް19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 475 އަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ހިސާބުތައް ދެއްކި ގޮތުގައި، އިއްޔެ އެކަނިވެސް ރާއްޖެއިން ވަނީ 179 ޕޮޒިޓިވް ކޭސް ފެނިފައެވެ. އިއްޔެގެ ނިޔަލަށް ޖުމްލަ ޕޮޒިޓިވް ކޭސްގެ އަދަދު ހުރީ 468 ގައެވެ.
އެޗްޕީއޭގެ ހިސާބުތައް ދައްކާ ގޮތުން މިއަދުގެ މިހާތަނަށް ހަތް މީހަކު ވަނީ ކޮރޯނާވައިރަހަށް ޕޮޒިޓިވް ވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ ފަސް ދިވެހީންނާއި ބަންގްލަދޭޝްގެ ދެ މީހެކެވެ.
ޕޮޒިޓިވްވި ދިވެހީންގެ ތެރޭގައި ފަސް އަހަރުގެ ކުޑަ އަންހެން ކުއްޖެއްވެސް ހިމެނެއެވެ.
މިއަދު ޕޮޒިޓިވްވި ހަތް ކޭސްގެ ތެރެއިން ތިން މީހަކު ޕޮޒިޓިވް ވެފައިވަނީ ހއ. ތަކަންދޫއިންނެވެ.
އެނގިފައިވާ ގޮތުގައި ޕޮޒިޓިވްވި މީހުންނަކީ މިދިޔަ މަހުގެ 15 ވަނަ ދުވަހު ކާވިޔާ ބޯޓުން އެ ރަށަށް ދަތުރު ކުރި ބައެކެވެ. މިހާރުވެސް ކާވިޔާ ބޯޓު އޮތީ މޮނިޓަރިންގެ ހާލަތުގައެވެ. އެ ބޯޓުން ދަތުރި ކުރި ގިނަ އަދަދެއްގެ ތަކަންދޫ މީހުން މިހާރުވެސް ހޯމް އައިސޮލޭޝަނަށް ލާފައި އެބަ ތިއްބެވެ.
ކާވިޔާ ބޯޓު ދަތުރު ކުރި ހަތް ރަށެއް މީގެ ކުރިން މޮނިޓަރިންއަށް ގެންދިޔައެވެ. އެއީ އެ ބޯޓުން ދަތުރު ކުރި އުލިގަމު މީހަކު އެ ބޯޓުގައި ރަށަށް ދިޔަަ ފަހުން ކޮވިޑް-19އަށް ޕޮޒިޓިވް ވުމުންނެވެ.
އުލިގަމުން ޕޮޒިޓިވްވި މީހާ އަކީ މާލެ ފިޔަވައި އެހެން ރަށަކުން ކޮވިޑް-19އަށް ޕޮޒިޓިވްވި ފުރަތަމަ މީހާ އެވެ. އޭނާގެ ކޮންޓެކްޓުން ބައްޔަށް ނެގަޓިވްވުމުން މިހާރު އެ ރަށް ވަނީ މޮނިޓަރިންގެ ހާލަތުން ނަގައިފައެވެ.
އެ ފަހުން ށ. ނަރުދޫއިންނާއި، ނ. މިލަންދޫއާއި، ކ. ތުލުސްދޫއިންވެސް ޕޮޒިޓިވް މީހުން ފެނިފައިވެއެވެ. އެ ރަށްތަަށް މިހާރުވެސް އޮތީ މޮނިޓަރިންގެ ހާލަތުގައެވެ.