22 Dec 2011, 09:28
ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ]ސީއެސްއާރު[ގެ ދަށުން ބަޖެޓުގައި ހިމަނައިގެން އަމިއްލަ ފަރާތްތަކަށް ކުއްޔަށްދޭ އެކި އެކި ރަށްތަކާއި ހިންގަން ނިންމާފައިވާ މަޝްރޫއުތައް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ފާސްކޮށްގެން ކުރިއަށް ގެންދަން ފެންނަ ކަމަށް އޮޑިޓާ ޖެނެރަލް ނިޔާޒް އިބްރާހިމް މަޖިލީހުގެ ބަޖެޓް ދިރާސާކުރާ ކޮމެޓީ އަށް ލަފާއަރުވައިފި އެވެ.
ބަޖެޓް ދިރާސާ ކުރާ ކޮމެޓީގެ އެދުމަކަށް އޮޑިޓާ ޖެނެރަލް، ސަރުކާރުން 2012 ވަނަ އަހަރަށް ހުށަހެޅި، ބަޖެޓް ދިރާސާކުރެއްވުމަށް ފަހު މި މަހުގެ 14 ވަނަ ދުވަހު މަޖިލީހަށް ފޮނުއްވި ރިޕޯޓުގައި ބުނަނީ ދައުލަތުގެ ބަޖެޓުން ސީދާ ހަރަދުނުކޮށް ހިންގާ ފެނާއި ނަރުދަމާ ފަދަ މަޝްރޫއުތައް "ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިގެން ފާސްކުރެއްވުމަކީ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވުމުގެ މަގުސަދުގެ ތެރޭގައި ހިމެނޭ ކަމެއްކަމުގައި" އޮޑިޓާ ޖެނެރަލް ދެކިވަޑައިގަންނަވާ ކަމަށެވެ.
އާ އޮޑިޓާ ޖެނެރަލް ބަޖެޓް ކޮމެޓީ އަށް ދެއްވި ލަފާގައި ވިދާޅުވެފައި ވަނީ ފެނާއި ނަރުދަމާ ފަދަ އަސާސީ ހިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށް ދިނުމުގެ ބަދަލެއްގެ ގޮތުން ދައުލަތުގެ ރަށްތައް އެކިއެކި ފަރާތްތަކަށް ދޫކުރާ ކަމަށާއި އެފަދަ މަޝްރޫއުތަކުގެ އަގު އަދާ ކުރަނީ ދައުލަތުގެ ރަށްތައް ކުއްޔަށް ދީގެން ކަމަށެވެ. އެހެން ކަމާ އެކު އެފަދަ މަޝްރޫއުތަކުގެ އަގުތައް ބަޖެޓްގެ ކެޕިޓަލް ހަރަދުގެ ގޮތުގައި ހިމެނުމަށާއި އޭގެ ދަށުން ދޫކުރާ ރަށްރަށާއި ބިންބިމާއި އަދި ފަޅު ފަދަ ތަންތަން ދޫކުރުމުގެ ކުރިން ވަކި އަގެއް ކަނޑައަޅައި އާމްދަނީގެ ގޮތުގައި ހިމެނުމަށް ވެސް ނިޔާޒު ވަނީ އެދިވަޑައިގެންފަ އެވެ.
އަންނަ އަހަރަށް ސަރުކާރުން ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ފޮނުވި ބަޖެޓްގައި ސީއެސްއާރުގެ ކޮންޕޯނަންޓެއްގެ ގޮތުން ފަސް މަޝްރޫއެއް މިހާރު ވެސް ކުރިއަށްދާ ކަމަށް ބުނެފައިވެ އެވެ. އަދި މުޅިން އަލަށް 105 މަޝްރޫއެއް ފަށަން ހަމަޖެހިފައިވާ ކަމަށް ވެސް ބަޖެޓް ފޮތުގައިވެ އެވެ. އެ ޕްރޮގްރާމްތަކުގެ އަގު 180 މިލިއަން ޑޮލަރު، ގާތްގަނޑަކަށް 2782.5 މިލިއަން ރުފިޔާ އަށް އަރަ އެވެ.
ނިޔާޒު އިބްރާހިމްގެ ރިޕޯޓްގައި ދައުލަތުގެ ދަރަނި އަހަރުން އަހަރަށް މައްޗަށްދާ މައްސަލައިގައި ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އެގޮތުން އިންޑިޔާ ސަރުކާރުން 50 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެން ސަރުކާރުގެ ދަރަނި އަދާކުރުމަށް މަސައްކަތް ކުރާތީ އެކަމަށް ވަނީ ފާޑުވިދާޅުވެފަ އެވެ.
"ލޯނު ނަގައިގެން ލޯނު އަދާކުރަން ނުޖެހޭ ގޮތަކަށް ދައުލަތުގެ މާލީ ހިންގުން ބަދަލުކުރަންޖެހިފައިވާ ކަން ފާހަގަކުރަމެވެ،" އޮޑިޓާ ޖެނެރަލްގެ ރިޕޯޓްގައިވެ އެވެ.
އޭގެ އިތުރަށް ބަޖެޓް ޑެފިސިޓް ފޫބެއްދުމަށް ސަރުކާރުގެ ކުންފުނިތަކުގެ ހިއްސާ ވިއްކާލައިގެން އެ ފައިސާ ރިކަރަންޓް ހަރަދުތަކަށް ހޭދަކުރާ މައްސަލަ ވެސް އޭނާ ވަނީ ނުރަނގަޅު ކަމެއްގެ ގޮތުގައި ފާހަގަ ކުރައްވައިފަ އެވެ. އަދި ނަރުދަމާ ހެދުމާއި ބަނދަރުހެދުމަށް ފުޅާ ދާއިރާއެއްގައި ލޯނު ނެގުމަކީ "އިގްތިސޯދީ ގޮތުން ދެކޮޅުނު ޖެހޭ" ކަމެއް ކަމަށް ވެސް ވަނީ، އެ ރިޕޯޓްގައި ފާހަގަކުރައްވައިފަ އެވެ.
ސަރުކާރުން އަންނަ އަހަރަށްދޭ ލޯނު ގެރެންޓީތަކާ މެދު ކަންބޮޑުވުން ފާޅުކުރައްވައި ނިޔާޒް ވިދާޅުވެފައި ވަނީ އެއީ "މުޅި ރައްޔިތުންގެ ފަރާތުން މަދު ފަރުދުންތަކެއްގެ ހައްގުގައި އުފުލަން ޖެހޭ ވަރަށް ބޮޑު ބުރައެއް" ކަމަށެވެ. އަދި އެއީ ސަރުކާރުން ނަންގަވާ ވަރަށް ބޮޑު "ރިސްކެއް"ކަމަށް ވެސް ރިޕޯޓުގައި ބުނެ އެވެ.
އަދި ސަރުކާރުން އުފައްދާފައިވާ އެކި ކުންފުނިތަކަށް ސަރުކާރުން ހޭދަކުރާ ފައިސާގެ ތަފްސީލްތައް ބަޖެޓުގައި ހިމެނުމަށް ވެސް އޮޑީޓާ ޖެނެރަލް ވަނީ ލަފާދީފަ އެވެ. އަދި އެ ކުންފުނިތަކުން މާލިއްޔަތު ގާނޫނަށާއި ގަވާއިދަށް އަމަލުކުރުމަށް ރެކޮމަންޑޭޝަނެއް ބަޖެޓުގައި ހިމެނުމަށް ވެސް އެދިވަޑައިގެންފައިވެ އެވެ.